ތަޢުލީމު

"ހުރިހާ ޖީލެއްގެ ޚިދުމަތްތެރިންގެ ޚިދުމަތް ގައުމަށް ލިބިގެން ދިއުމަކީ ކުރިއެރުން އަވަސް ކޮށްދޭނެ ކަމެއް"


ހުރިހާ ޖީލެއްގެ ޚިދުމަތްތެރިންގެ ޚިދުމަތް ދިވެހި ގައުމަށް ލިބިގެން ދިއުމަކީ، ގައުމަށް ލިބޭ ކުރިއެރުން އަވަސް ކޮށްދޭނެ ކަމެއް ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޢަލީ ވިދާޅުވެއްޖެއެވެ.

ސެންޓަރ ފޯރ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްއީ) އުފެދުނުތާ 40 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ، ސީއެޗްއެސްއީއަކީ ކާމިޔާބު ތަޢުލީމީ އިދާރާއެއްކަން ޤައުމުގެ ޒިންމާދާރު މަޤާމުތަކަށް ބަލާލުމުން އެނގިގެންދާނެ ކަމަށެެވެ. އެގޮތުން ސީއެޗްއެސްއީގެ މުސްކުޅި ދަރިވަރުން ޒިންމާދާރު މަޤާމުތަކުގައި ތިބިކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިނިސްޓަރ ވަނީ އެކަމަނާއަކީވެސް ޚުދު ސީއެޗްއެސްއީގެ މުސްކުޅި ދަރިވަރެއްކަން ފާހަގަކުރައްވާ އެކަމާ ފަޚުރުވެރިވާ ކަމަށް ވިދާޅުވެފައެވެ.

"ސީއެޗްއެސްއީއަކީ ކާމިޔާބު ތަޢުލީމީ އިދާރާއެއް. ހުރިހާ ޖީލެއްގެ ޚިދުމަތްތެރިންގެ ޚިދުމަތް ލިބިގެންދިއުމަކީ، ކޮންމެ ދާއިރާއެއްގެވެސް ކުރިއެރުން އަވަސްކޮށްދޭނެކަމެއް. ސީއެޗްއެސްއީއަކީ މިކަމުގެ އަލިގަދަ ހެއްކެއް." މިނިސްޓަރ ޑރ. އައިޝަތު އަލީ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން، ސީއެޗްއެސްއީގެ ޕްރިންސިޕަލް އައިޝަތު ސަފޫރާ ވަނީ، ސީއެޗްއެސްއީއަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ފާހަގަކުރައްވާފައެވެ. އަދި އެކަމަށް އަވަސް ހައްލެއް ލިބިގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ސަފޫރާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ގިނަ ކާމިޔާބީތަކެއް ހޯދާފައިވަނީ. އުންމީދަކީ ކުރިއަށްއޮތް ކައިރި މުސްތަޤުބަލެއްގައި ސީއެޗްއެސްއީއަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލެއް ލިބިގެންދާނެކަމަށް." ސީއެޗްއެސްއީގެ ޕްރިންސިޕަލް އައިޝަތު ސަފޫރާ ވިދާޅުވިއެވެ.

ތިނެއް ޖުލައި 1979ވަނަ އަހަރުގައި ސައިންސް އެޑިއުކޭޝަން ސެންޓަރ، އެސްއީސީގެ ނަމުގައި ފެށި ސީއެޗްއެސްއީއަށް 40 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރ ވަނީ ދުވަހާއި ގުޅޭ ކޭކެއް ފަޅުއްވާފައެވެ. އަދި ދުވަހާއި ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ބެނަރގައިވެސް އެކަމަނާވަނީ ސޮއިވެސް ކުރައްވާފައެވެ.