ޚަބަރު

ބާ ކައުންސިލްގެ އިންތިޚާބަށް ދެމިލިއަނަށްވުރެ ގިނަ ރުފިޔާ!


މިމަހުގެ 13ވަނަ ދުވަހު ބާއްވާ، ބާ ކައުންސިލްގެ އިންތިޚާބަށް މަދުވެގެން ދެމިލިއަނެއް ހައި ރުފިޔާ ޚަރަދުވާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކުރައްވައިފިއެވެ.

ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީއަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައި އެކަން ހާމަކުރެއްވުމަށް ބޭއްވި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފު ވަނީ، ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީއަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަ ހުކރު ދުވަހުގެ ހަވީރު ފަސް ގަޑި ސުންމިނެޓާ ހަމައަށް ހުޅުވާލާފައިވާކަން ހާމަކުރައްވާފައެވެ. އެހެންނަމަވެސް ބާކައުންސިލްގެ އިންތިޚާބަށް ހިނގާނެ ޚަރަދުތަކުގެ ތަފްސީލް ޝަރީފް ނުދެއްވައެވެ.

މި މަހުގެ ތޭރަ ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ކަނޑައަޅާފައިވާ މި އިންތިޚާބުގައި ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގައި ހިމެނޭ، ރައީސް، ނައިބު ރައީސް އަދި ހަ، އެގްޒެކެޓިވް މެމްބަރުން އިންތިޚާބުކުރުމަށް ނިންމާފައިވާކަން އީސީއިން ހާމަކުރެއްވިއެވެ.

ޝަރީފްވަނީ މިއިންތިޚާބުގައި ކޮމިޓީގެ ރައީސާއި ނާއިބު ރައީސްކަމަށް ކުރިމަތިލާ ފަރާތްތަކަށާއި، ކޮމިޓީގެ މެމްބަރުކަމަށް ކުރިމަތިލާ ފަރާތްތަކަށް ވަކިން ވޯޓުކަރުދާސް ޕްރިންޓް ކުރާނެކަންވެސް ހާމަކުރައްވާފައެވެ.

"މި ފަހަރު އަޅުގަނޑުމެން 2ވޯޓު ކަރުދާހެއް ޕްރިންޓް ކުރާނަން. އެއް ކަރުދާސް އެއީ ރައީސް އަދި ނައިބު ރައީސަށް. އަނެއް ކަރުދާސް އެއީ 6 މެމްބަރުންނަށް. މި އިންތިޚާބުގައި އެންމެ ފުރަތަމަ ހުރިހާ ވަކީލުންވެސް ރަޖިސްޓްރީވެފައިވާނީ މާލޭގައި. އެހެން ރަށަކަށް އަމިއްލައަށް ވަޑައިގެން ރީ ރަޖިސްޓަރ ވާން ޖެހޭނީ." އަހުމަދު ޝަރީފް ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން، އިލެކްޝަންސް ކޮމިޝަންގެ ރައީސް ވަނީ މި އިންތިޚާބުގައި ވޯޓުލެވޭ ޤާނޫނީ ވަކީލުންގެ ލިސްޓު މާދަމާ ޢާންމުކުރައްވާނެކަން ހާމަކުރައްވާފައެވެ. އެގޮތުން މި ލިސްޓް ޢާންމުނުކުރެވި ލަސްވަނީ ލިސްޓްގެ ސައްޙަކަން ކަށަވަރުކުރުމަށްކުރާ މަސައްކަތުގެ ސަބަބުންކަމަށް ޝަރީފް ވިދާޅުވި. އަދި މިލިސްޓް ޢާންމުކުރުމުން ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އަންނަ ބުރާސްފަތު ދުވަހުގެ އޮފީސް ބަންދުވަންދެން ހުޅުވާލާފައިވާކަން އީސީންވަނީ ހާމަކުރައްވާފައެވެ.

ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީ އިންތިޚާބުކުރުމަށްޓަކައި، 5 ޤާނޫނީ ވަކީލުން ރަޖިސްޓްރީވެފައިވާ ކޮންމެ ރަށެއްގައި ވޯޓު ފޮއްޓެއް ބެހެއްޓުމަށް ހަމަޖެހިފައިވެއެވެ.