ޚަބަރު

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭ އިނާޔަތް ބޮޑުކުރަނީ


ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭ އިނާޔަތް ބޮޑުކުރުމަށް ރައްޔިތުން މަޖިލީހަށް ހުށައަޅައިފިއެވެ. އިނާޔާތް 5000 ރުފިޔާއާއި 7000 ރުފިޔާއާއި ދެމެދުގެ އަދަދަކަށް އިތުރުކުރުމަށް މަޖިލީހަށް ހުށައެޅުއްވީ ދަނގެތި ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު މުހައްމަދު ނާޒިމްއެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލަށް ދަނގެތީ ދާއިރާގެ މެންބަރު ނާޒިމް ހުށަހެޅުއްވި އިސްލާހުގައިވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރެއް އެކުލަވާލައި އެ ދަފްތަރު ބަލަހައްޓާ އެ މީހުން ގިންތި ކުރަން ވާނެކަމަށެވެ. އަދި ދަފްތަރުން އެ މީހަކު އުނިކުރާ ތާރީހާ ހަމައަށް ކޮންމެ މަހަކު 5000 ރުފިޔާއާއި 7000 ރުފިޔާއާއި ދެމެދުގެ އިނާޔަތެއް ސަރުކާރުން ދޭންވާނެ ކަމަށްވެސް މި އިސްލ؛ާހުގައިވެއެވެ. އަދި އެމީހެއްގެ ހުންނަ ނުކުޅެދުންތެރި ކަމެއްގެ ސަބަބުން ދިގު މުއްދަތަކަށް އެނދުމަތި ކުރެވިފައިވާ މީހުންނަށް މަދުވެގެން 9000 ރުފިޔާގެ އިނާޔަތެއް ދޭންވާނެ ކަމަށްވެސް މި އިސްލާހުގައިވެއެވެ.

މި އިސްލާހު ހުށައެޅުއްވި ދަނގެތީ ދާއިރާގެ މެމްބަރު ނާޒިމް ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަކީ ޢާއިލާގެ ފަރާތުންނާއި ޖަމާޢަތުގެ ފަރާތުންނާއި ދައުލަތުގެ ފަރާތުން ޚާއްސަ އެހީތެރިކަމާއި ރައްކާތެރިކަން ލިބެންޖެހޭ ބަޔަކަށް ވީހިނދު، ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ބެލެހެއްޓުމަށާއި އަދި އެފަރާތްތަކަށް ބޭނުންވާ އެހީތެރިކަން އެކަށޭނަ ގޮތެއްގައި ލިބިދެވޭނީ އެފަދަ ފަރާތްތަކަށް ލިބޭ މާލީ އިނާޔަތް އިތުރުވެގެން ކަމަށް ދެކޭތީކަމަށެވެ. އަދި މި ބިލު ފާސްކޮށް ތަސްދީޤުކުރާ ދުވަހުން ފެށިގެން އަމަލުކުރުމަށްވެސް ނާޒިމް ވަނީ ހުށަހަޅުއްވާފައެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެވޭ އިނާޔަތްތަކަކީ އެ މީހެއްގެ ހުރި ނުކުޅެދުންތެރި ކަމަކާއި އެކަމެއްގެ ސަބަބުން އެ މީހެއްގެ ދިރިއުޅުމަށް އަސަރު ކުރާ މިންވަރުގެ މައްޗަށް ރިއާޔަތްކޮށް، ސަރުކާރުން ކަނޑައަޅާ އެއްޗަކަށް ވާންވާނެކަމަށްވެސް މި ބިލްގައިވެއެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރު ބެލެހެއްޓުމަށާއި، ދަފްތަރުގައި ރަޖިސްޓްރީ ކުރުން ހައްޤުވާ މީހުން ރަޖިސްޓްރީކޮށްފައިވޭތޯ ކަށަވަރުކުރަންޖެހޭނެކަމަށްވެސް މި ބިލްގައިވއެވެ.

ރާއްޖޭގެ ޤާނޫނަކުން ނުވަތަ ޤަވާއިދަކުން މަނާކުރާ ސަބަބެއް ފިޔަވާ އެހެން އެއްވެސް ސަބަބަކާހުރެ މި ދަފްތަރުގައި ރަޖިސްޓްރީކުރަންޖެހޭ އެއްވެސް މީހަކު ދަފްތަރުގައި ރަޖިސްޓްރީކޮށްފައިނުވާނަމަ ކަނޑައެޅިފައިވާ އުޞޫލުގެ ދަށުން ދަޢުލަތުގެ އިސްނެގުމުގެ މަތީން އެމީހަކު މި ދަފްތަރުގައި ހިމަނަންވާނެކަމަށްވެސް ބިލުގައި ބުނެފައިވެއެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މިހާރު ގާނޫނުގައިވާ ގޮތުން ދެނީ 2000 ރުފިޔާގެ އިނާޔަތެކެވެ.

ރައްޔިތުން މަޖިލީހުގެ ޤަވައިދު ބުނާ ގޮތުން ޓެކުހެއް ނެގުމަށް ނުވަތަ ޓެކުހެއް އުނިކުރުމަށް ހުށަހަޅާ ބިލްތަކާއި ދައުލަތުން ވަކިކަމަށް ހަރަދުކުރުމަށް ނުވަތް އުނިކުރުމަށް ހުށައަޅާ ބިލްތައް ހުށައަޅަންޖެހެނީ ސަރުކާރުން ކަމަށެވެ. ނާޒިމު ހުށައެޅުއްވި ބިލްގެ ފުރަތަމަ ކިޔުން މިއަދު ވަނީ އިއްވާފައެވެ.