ތިމާވެށި

އަބޫދާބީ ކްލައިމެޓް މީޓިންގައި ހެލްތް މިނިސްޓަރާއި އެންވަޔަރަމަންޓް މިނިސްޓަރ ބައިވެރިވެވަޑައިގެންފި


ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫ.އޭ.އީ)ގައި ކުރިއަށްދާ އަބޫދާބީ ކްލައިމެޓް މީޓިންގައި ރާއްޖޭގެ ފަރާތުން ހެލްތް މިނިސްޓަރ ޢަބްދުﷲ އަމީނާއި އެންވަޔަރަމަންޓް މިނިސްޓަރ ޑރ.ޙުސައިން ރަޝީދު ހަސަން ބައިވެރިވެވަޑައިގެންފިއެވެ.

ދެ ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ މި ބައްދަލުވުން ބާއްވަނީ ޔޫ.އޭ.އީގެ ވެރިރަށް އަބޫ ދާބީގައެވެ. މި ބައްދަލުވުން މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައިވަނީ މިއަހަރުގެ ސެޕްޓެމްބަރުމަހު ނިއުޔޯކުގައި ބޭއްވުމަށް ތައްޔާރުވަމުންދާ އދ.ގެ ކްލައިމެޓް އެކްޝަން ސަމިޓަށް ތައްޔާރުވުމަށެވެ.
އެގޮތުން ދުނިޔޭގެ ލީޑަރުންގެ މެދުގައި މަޝްވަރާކޮށް، ކްލައިމެޓް އެކްޝަން ސަމިޓުގައި އެޖެންޑާ ކުރާނެ މުހިއްމު ކަންކަމާއި ގުޅޭގޮތުން މި ބައްދަލުވުމުގެ ތެރެއިން މަޝްވަރާކުރުމަށް ހަމަޖެހިފައިވެއެވެ.

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ތިމާވެށްޓަކުރާ ނޭދެވޭ އަސަރުތަކާއި ވަކިން ޙާއްސަކޮށް ކުދި ޤައުމުތަކަށް އެކަމުގެ ނުރައްކާ އޮތް މިންވަރު ހާމަކޮށްދީ ދިވެހިރާއްޖެއިން އަބަދުވެސް އަންނަނީ ބައިނަލްއަޤްވާމީ މައިދާނުގައި ވަކާލާތުކުރަމުންނެވެ.

ހަމައެހެންމެ ރާއްޖޭގެ ގުދުރަތީ ވެށްޓަށް އަންނަމުންދާ ބަދަލުތައް ދުނިޔޭގެ ޤައުމުތަކުގެ ސަމާލުކަމަށް ގެނެސް، އެކަންކަމުން ލިބޭ ގެއްލުން ކުޑަކުރުމަށް ކުރާ މަސައްކަތުގައި މާލީގޮތުންނާއި ފަންނީގޮތުން އެހީތެރިކަން ހޯދުމަށްވެސް ރާއްޖެއިން އަންނަނީ މަސައްކަތް ކުރަމުންނެވެ.

މޫސުމީ ބަދަލުތަކުގެ ސަބަބުން ތިމާވެށްޓަށް ލިބޭ ގެއްލުންތައް ކުޑަކުރުމަށްޓަކާ ދުނިޔޭގެ ބޮޑެތި ޤައުމުތަކުގެ ލީޑަރުން ނިއުޔޯކުގައި ބާއްވާ އދ.ގެ ކްލައިމެޓް އެކްޝަން ސައިމުޓުގައިވެސް މުހިއްމު ނިންމުންތަކެއް ނިންމާނެކަމަށް ބައިނަލްއަޤްވާމީ މީޑިއާ ރިޕޯޓުތައް ބުނެއެވެ. މިއީ ކާމިޔާބު ބައްދަލުވުމަކަށް ހެދުމަށްޓަކާ ދުނިޔޭގެ ޤައުމުތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ.