މާލޭ ސިޓީ ކައުންސިލަށް މިވަގުތު ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ކައުންސިލަށް ޢާމްދަނީ ލިބޭނެ އެއްވެސް ގޮތެއް ނެތުންކަމަށް މާލޭ ސިޓީގެ މޭޔަރ ސިފާ މުޙައްމަދު ވިދާޅުވެއްޖެއެވެ. މޭޔަރ ސިފާ މިހެން ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގެ މެންބަރުން މާލެ ސިޓީ ކައުންސިލް މެންބަރުންނާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ލާމަރުކަޒީ ކޮމެޓީގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން މާލޭ ސިޓީގެ މޭޔަރ ސިފާ މުޙައްމަދު ވިދާޅުވީ، ކައުންސިލްތަކުގެ ބާރުތައް ހިފަހައްޓާފައި އޮތުމުގެ ސަބަބުން، ފާއިތުވި 7 ވަރަކަށް އަހަރު ސިޓީ ކައުންސިލުގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް އެންމެ އެދެވޭ ގޮތެއްގައި އަދާކުރެވިނުވާކަމަށެވެ. އަދި ކައުންސިލްތަކުގެ ބެލެނިވެރި ފަރާތްކަމަށްވާ ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިންވެސް ކައުންސިލްތަކުގެ ހައްޤުތަކަށް ވަރަށް ބޮޑަށް އަރައިގެންފައިވާކަން މޭޔަރ ފާހަގަކުރެއްވިއެވެ.
މޭޔަރ ވިދާޅުވީ، ކުރީގެ ސަރުކާރުގެ ޢަމަލުތައް ހުރިގޮތުން ސިޓީ ކައުންސިލަށް ފޫނުބެދޭ ވަރުގެ ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށެވެ. އެގޮތުން ކައުންސިލުގެ ބާރުތައް އެކި އެކި ވުޒާރާތަކަށް ނެގުމާއި، ތަނުގެ ވަސީލަތްތަކާއި ވެހިކަލްތައްވެސް ނެގުމުގެ ސަބަބުން ކައުންސިލުގެ މަސައްކަތް ފާއިތުވި އަހަރުތަކުގައި މުޅިންހެން ހުއްޓިފައިވާކަމަށް މޭޔަރު ވިދާޅުވިއެވެ.
މާލޭ ސިޓީ ކައުންސިލުގެ ހުރި ކަންބޮޑުވުންތައް ލާމަރުކަޒީ ކޮމެޓީގެ މެންބަރުންނާއި ހިއްސާކުރައްވަމުން މޭޔަރ ސިފާ ވިދާޅުވީ، ސަރުކާރު ބަދަލުވެ ކައުންސިލްތަކުގެ ބާރުތައް އަލުން ކައުންސިލްތަކަށް ދެއްވިނަމަވެސް، މާލޭ ސިޓީ ކައުންސިލުގެ މަސައްކަތްތައް އެންމެ ފުރިހަމަ ގޮތެއްގައި ރައްޔިތުންނަށް ދިނުމަށް އަދިވެސް ބޮޑެތި ގޮންޖެހުންތަކެއް އެބަހުރިކަމަށެވެ. މި ގޮތުން ސިޓީ ކައުންސިލުގެ މެންޑޭޓުގައި ހިމެނޭ ބައެއް ކަންކަމާއި ސަރުކާރު ވުޒާރާތަކުގެ މެންޑޭޓުގައި ހިމެނޭ ކަންކަން ފުށުއެރުމާއި، ބަޖެޓުގެ ތާށިކަން މޭޔަރ ސިފާ ފާހަގަކުރެއްވިއެވެ.
ސިފާ ވިދާޅުވީ ކައުންސިލްތައް އެންމެ އެދެވޭގޮތެއްގައި ހިންގޭނީ ދަޢުލަތުގެ ބަޖެޓަށް ބަރޯސާވާ މިންވަރު ކުޑަކޮށް، ކައުންސިލްތަކަށް ޢާމްދަނީ ލިބޭނެ ގޮތްތައް ފަހިކޮށްދެވިގެންކަމަށެވެ. އަދި ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުގައި ޢާމްދަނީ ލިބޭނެ އެއްވެސް ވަސީލަތެއް ނެތްކަން މާލޭ ސިޓީގެ މޭޔަރ ފާހަގަކުރެއްވިއެވެ. އެހެންކަމުން ލާމަރުޒަކީ ޤާނޫނަށް އިސްލާޙުތަކެއް ގެނެސްގެން ނަމަވެސް ކައުންސިލްތަކަށް ޢާމްދަނީ ލިބޭނެ ގޮތްތަކެއް ހަމަޖައްސަވައިދެއްވުމަށް މަސައްކަތް ކޮށްދެއްވުމަށް ލާމަރުކަޒީ ކޮމެޓީގެ މެންބަރުގެ އަރިހުން މޭޔަރ ސިފާ ވަނީ އެދިވަޑައިގެންފައެވެ.
މޭޔަރ ސިފާ ވިދާޅުވީ، ސިޓީ ކައުންސިލުގެ މުނިސިޕަލް ޚިދުމަތްތައް ވަކި ވަކި އިމާރާތްތަކުގައި ދޭންޖެހުމަކީވެސް ކައުންސިލަށް ދިމާވެފައިވާ ބޮޑު ގޮންޖެހުމެއްކަމަށާއި، ކައުންސިލުގެ މަސައްކަތްތައް އެންމެ އެދެވޭ ގޮތެއްގައި ކުރިއަށް ގެންދިއުމުގައި ބަޖެޓުގެ ތާށިކަމާއެކު މުވައްޒަފުންގެ ދަތިކަންވެސް ކުރިމަތިވެފައިވާކަމަށެވެ.