ޚަބަރު

ޝައިމް ހޯދުމަށް ކުރާ މަސައްކަތްތައް ވަރުގަދަކުރުމަށް އާކުން ގޮވާލައިފި


ދަޢުލަތުގެ ބެލުމުގެ ދަށުގައި ހުއްޓާ ގެއްލިގެން ހޯދަމުންދާ އުމުރުން 14 އަހަރުގެ ޝައިމް ޢަބްދުﷲ ހޯދުމަށް މުއައްސަސާތަކުން ކުރަމުންދާ މަސައްކަތްތައް ވަރުގަދަކުރުމަށް އާކުން ގޮވާލައިފިއެވެ.

ކުޑަކުދިންގެ ހައްޤުގައި މަސައްކަތްކުރާ ޖަމިއްޔާއެއްކަމަށްވާ "އެޑްވޮކޭޓިންގ ދަ ރައިޓްސް އޮފް ޗިލްޑްރަން" އާކުން މިކަމަށް ގޮވާލާފައިވަނީ އެޖަމިއްޔާއިން ނެރެފައިވާ ނޫސްބަޔާނެއްގައެވެ. އާކުގެ ބަޔާނުގައި ދައުލަތުގެ ބެލުމުގެ ދަށުގައި ހުއްޓާ ގެއްލުނު ޝައިމް ހޯދުމަށް ގިނަ ދުވަސްތަކެއް ވެގެންދާތީ، އެ ޖަމިއްޔާއިން ނިހާޔަތަށް ކަންބޮޑުވާކަން ފާހަގަކޮށްފައެވެ. ދަޢުލަތުގެ ބެލުމުގެ ދަށުގައި ހުއްޓާ ޝައިމް ގެއްލިފައިވަނީ މިމަހުގެ 18ވަނަ ދުވަހުއެވެ.

އާކުން ބުނީ ގެއްލިގެން ހޯދާ ކުއްޖެއް ނުފެނިދާ ކޮންމެ ހިނދުކޮޅަކީ ކުއްޖާ ނުރައްކަލަކަށް، އަނިޔާއަކަށް ނުވަތަ ކުއްޖާގެ ނާޖާއިޒްފައިދާ ނެގެމުގެ ޢަމަލަކަށް ހުށަހެޅިގެންދާ ފުރުސަތު އިތުރުވެގެންދާކަމެކެވެ. އަދި ގެއްލިގެން ހޯދަމުންދާ ކުއްޖަކު ސަލާމަތްކުރުމަށް އޮތް އެންމެ ބޮޑު އުއްމީދަކީ ވީ އެންމެ އަވަހަކަށް ކުއްޖާ ހޯދުމަށް ސަމާލުކަންދީގެން ދައުލަތުގެ ކަމާބެހޭ އިދާރާތަކުން ގުޅިގެން ކުރާ މަސައްކަތްތައް ކަމަށާއި، މިކަމަށް އާއްމުންވެސް ސަމާލުވެ ކުއްޖާއާބެހޭ އެއްވެސް މަޢުލޫމާތެއް އެނގޭނަމަ ލަސްނުކޮށް އެ މަޢުލޫމާތު ކަމާބެހޭ ފަރާތްތަކާ ޚިއްޞާކޮށް މިކަމުގައި އެއްބާރުލުން ދިނުމަށްވެސް އާކުން ވަނީ ގޮވާލާފައެވެ.

ދަޢުލަތުގެ ބެލުމުގެ ދަށުގައި ދިރިއުޅޭ ކުޑަކުދިންގެ ހާލަތު ރަނގަޅުކުރުމަކީ އާކް އުފެދުނީސުރެ އެންމެ އިސްކަންދީގެން ކުރަމުންގެންދާ އެއް މަސައްކަތްކަން ފާހަގަކޮށް، ދަޢުލަތުގެ ބެލުމުގެ ދަށުގައި ކުޑަކުދިން ދިރިއުޅޭ މަރުކަޒުތަކާ ގުޅޭގޮތުން މިވަގުތު ފާހަގަކުރެވޭ ކަންބޮޑުވުންތައް ކަމާބެހޭ ފަރާތްތަކާ ހިއްސާކުރަމުންދާކަމަށް އާކުގެ ބަޔާނުގައި ބުނެފައިވެއެވެ.