ޚަބަރު

ބޭރުގެ ފަރާތްތަކުން ރާއްޖޭގެ ތަރައްޤީގެ މަޝްރޫތަކަށް އެތަށް މިލިއަން ޑޮލަރެއްގެ އެހީ


ރާއްޖޭގެ ތަރައްްޤީގެ މަޝްރޫޢުތަކަށް އެތަށް މިލިއަން ޑޮލަރަކުން ޚަރަދުކުރުމަށް ބައިނަލްއަޤްވާމީ އެހީދޭ ފަރާތްތަކުން އެއްބަސްވެއްޖެއެެވެ. މޯލްޑިވްސް ޕާޓްނަޝިޕް ފޯރަމްގައި ކުވައިތް ފަންޑާއި ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކުންވަނީ އުންމީދީ މަޝްރޫޢުތަކަކަށް ލޯނުގެ އެހީ ފޯރުކޮށްދިނުމަށް އެއްބަސްވެފައެވެ.

މޯލްޑިވްސް ޕާޓްނާޝިޕް ފޯރަމް 2019 ގައި ބައިވެރިވި ގިނަ ފަރާތްތަކަކުންވަނީ މި ސަރުކާރުން ރާއްޖޭގެ ތަރައްޤީއަށް ގެންގުޅުއްވާ ތަރައްޤީގެ ޕްލޭނަށް ތަޢުރީފުކުރައްވާފައެވެ.

މި ފޯރަމްގައި ބައިވެރިވި ބައެއް ފަރާތްތަކުންވަނީ ރާއްޖޭގެ ތަރައްޤީއަށް ރާވާފައިވާ ކަންކަމަށް އެހީތެރިކަން ފޯރުކޮށްދޭނެކަންވެސް ހާމަކޮށްފައެވެ. އެގޮތުން އާބާދީގެ ނިސްބަތުން ރާއްޖޭގެ އެކި ސަރަހައްދުތައް ވަކި ހަބުތަކެއްގެ ގޮތުގައި ތަރައްގީ ކުރަން ސަރުކާރުން ތަޢާރަފުކުރަން ހުށަހެޅި ފެރީގެ ނިޒާމަށް އެހީތެރިވާނެ ކަމަށް ކުވޭތު ފަންޑުންވަނީ ހާމަކޮށްފައެވެ. އެގޮތުން މިކަމަށް ބޭނުންވާ ފީސިބިލިޓީ ސްޓަޑީ ހެދުމަށް އެހީތެރިވުމަށް ކުވައިތު ފަންޑުންވަނީ އެއްބަސްވެފައެވެ. މި ޕްލޭންގެ ދަށުން މުޅި ރާއްޖޭގައި ސަރަހައްދީ ފަސް ހަބެއް ޤާއިމު ކުރަން ވަނީ ވިސްނާފައެވެ. އެއީ އާބާދީގެ ނިސްބަތުން އިޤްތިޞާދަށް އެކަށީގެންވާ ދައުރެއް އަދާ ކުރެވޭނެ ސަރަހައްދުތަކަށް ބަލައިގެން އެކުލަވާލާފައިވާ ޕްލޭނެއް ކަމަށްވެސް ޕްލޭނިންގް މިނިސްޓްރީއިން ހާމަކުރައްވައެވެ.

މީގެ އިތުރުން ކުވައިތު ފަންޑުންވަނީ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމަށް އިތުރު 50 މިލިއަން ޑޮލަރުގެ ކޮންސެޝަނަލް ލޯނެއް ދިނުމަށްވެސް އެއްބަސްވެފައެވެ. ކުވައިތުފަންޑުން ވީއައޭ ތަރައްޤީކުރުމަށް 2016 ވަނަ އަހަރުވެސް ވަނީ ކޮންސަޝެނަލް ލޯނެއް ދޫކޮށްފައެވެ. މި އެހީގެ އިތުރުން، ރާއްޖޭގެ ކުނީގެ މައްސަލަ ހައްލުކުރުމުގައި ފީސިބިލިޓީ ސްޓަޑީ ހެދުމަށް އެހީވުމަށްވެސް ކުވައިތު ފަންޑުންވަނީ އެއްބަސްވެފައެވެ.

މި ފޯރަމްގައި ޔޫރަޕިއަން ޔޫނިއަނުންވެސް ވަނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމާ އެކަން އިއުލާނުކޮށްފައެވެ. އެގޮތުން ތިމާވެއްޓަށް ކުރާ އަސަރު ކުޑަކުރުމަށް ރާއްޖޭގެ 20 ރަށެއްގައި ޑީސަލް ބޭނުންކޮށްގެން ކަރަންޓު އުފެއްދުން ހުއްޓުވުމަށް 5 މިލިއަން ޔޫރޯގެ އެހީއެއް ދިނުމަށް ވަނީ ނިންމާފައެވެ. އަދި ރާއްޖޭގައި އަވިން ކަރަންޓު އުފެއްދުމަށް ހިންގާ ޕްރޮޖެކްޓު ހިންގުމަށް 45 މިލިއަން ޔޫރޯގެ އެހީއެއް ދިނުމަށްވެސް ވަނީ ނިންމާފައެވެ.

މީގެ އިތުރުންވެސް، މި ފޯރަމްގެ ތެރެއިން ރާއްޖޭގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ހަރުދަނާކުރުމާއި، މެރިޓައިމް ސޭފްޓީ ވަރުގަދަކުރުމުގައި ބައިނަލްއަޤްވާމީ ފަރާތްތަކުން ރާއްޖެއަށް އެހީވުމަށް ޝައުގުވެރިވާކަން ވަނީ ހާމަކޮށްފައެވެ.