މަސްވެރިކަމުގެ ސިނާޢަތް ތަރައްޤީ ކުރުމަށް މިފްކޯއާއި، މޯލްޑިވްސް
ފިޝަމަންސް އެސޯސިއޭޝަން ގުޅިގެން ޚާއްސަ ކެމްޕޭނެއް ހިންގުމަށް ނިންމައިފިއެވެ.
މި ކެމްޕޭންގެ ދަށުން ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި މަސްވެރިކަމަށް ފަހި ސަރަހައްދުތައް
ހޯދުމަށް މަސްވެރިންނަށް އެހީތެރިވެދިނުމާއި މަސްވެރިންނަށް ހޭލުންތެރިކުރުވުމުގެ
ޕްރޮގްރާމްތައް ކުރިއަށް ގެންދިޔުމަށް ވަނީ ރޭވިފައެވެ.
ފިޝަމޭންސް އެސޯސިއޭޝަނާއި މިފްކޯއާއި ދެމެދު މިއަދު ވަނީ މިކަމާއި ގުޅޭ އެއްބަސްވުމެއްގައި
ސޮއިކޮށްފައެވެ.
މި ޕްރޮގްރާމާއި
ގުޅޭގޮތުން މައުލޫމާތުދެއްވަމުން މިފްކޯގެ މެނޭޖިންގ ޑިރެކްޓަރ އަދްލީ އިސްމާއިލް
ވިދާޅުވީ މޯލްޑިވްސް ފިޝަމަންސް އެސޯސިއޭޝަން މެދުވެރިކޮށް އެމެރިކާގެ ޖިއޯއައި
އާއި ގުޅިގެން ސެޓެލައިޓް މެދުވެރިކޮށް މަސްވެރިކަން ކުރުމަށް ފަހި ސަރަހައްދުތަކާއި
ގުޅޭ މައުލޫމާތު މަސްވެރިންނަށް އަންގައިދިނުމަށް ހިންގާ ޓްރަޔަލް ޕްރޮގްރާމްގެ
ދަށުން މިފްކޯއިން ކަނޑައަޅާ ވިހި ދޯންޏަކަށް އެ ހިދުމަތް ހިލޭ ފޯރުކޮށްދިނުމަށް
ހަމަޖެހިފައިވާ ކަމަށެވެ.
މި ޕްރޮގްރާމާއި
ގުޅޭ ގޮތުން މައުލޫމާތުދެއްވަމުން ފިޝަމޭންސް އެސޯސިއޭޝަންގެ ރައީސް އަހުމަދް
މަނިކް ވިދާޅުވީ މި ޕްރޮގްރާމްގެ ދަށުން މި ހަރަކާތުގައި ބައިވެރިވާ ދޯނިފަހަރަށް
ކޮންމެދުވަހުކުވެސް ސެޓަލައިޓް މެދުވެރިކޮށް މަސްވެރިކަން އެއްމެ ރަނގަޅަށް ހުރި
ސަރަހައްދުތަކުގެ މައުލޫމާތު ހިއްސާކުރެވޭނެ ކަމަށެވެ.
މީގެއިތުރުން މިފްކޯއާއި ފިޝަމޭންސް
އެސޯސިއޭޝަނާއި ގުޅިގެން ހިންގުމަށް ހަމަޖެހިފައިވާ މަހުގެ ފެންވަރު
ރަނގަޅުކުރުމުގެ ކެންޕޭންގެ ދަށުން މަސް ބާނާ އިރުގައްޔާއި އޮޑިމަތީގައި
މަސްގެންގުޅުމުގައި ސަމާލްކަން ދޭންޖެހޭ ކަންތައްތަކާއި ގުޅޭގޮތުން މަސްވެރިން
ހޭލުންތެރިކުރުމަށް ހަމަޖެހިފައިވާ ކަމަށާއި
ތަމްރީން ވީޑިއޯ ތައްޔާރުކުރުމާއި މަސްވެރި ރަށްރަށުގައި މަސްވެރިންނަށް
އަމާޒްކޮށްގެން ހާއްސަ ހަރަކާތްތަކެއް ހިންގުމަށް ހަމަޖެހިފައި ކަމަށް އަހުމަދް
މަނިކް ވިދާޅުވިއެވެ.
މިފްކޯއިން
މައުލޫމާތުދޭގޮތުގައި ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި މަސްވެރިކަމަށް ފަހި
ސަރަހައްދުތައް އަންގައިދިނުމުގެ ޕްރޮގްރާމް ކުރިއަށް އޮތް ތަކުގައި އިތުރު
އޮޑިފަހަރުތަކަށް ހުޅުވާލުމަށް
ހަމަޖެހިފައިވާ ކަމަށެވެ.
ފިޝަމޭންސް އެސީސިއޭޝަނުން މައުލޫމާތުދޭގޮތުގައި
އެމެރިކާގެ ޖިއޯއައި އާއި ގުޅިގެން ސެޓެލައިޓް މެދުވެރިކޮށް މަސްވެރިކަމާއި
އެންވެރިކަމަށް ފަހި ސަރަޙައްދުތަކުގެ މައުލޫމާތު މަސްވެރިންނަށް ފޯރުކޮށްދިނުމުގެ
ހިދުމަތް މިހާރުވެސް ރާއްޖޭގެ ސާޅީހަކަށް މަސްދޯނިން ބޭނުންކުރަމުން އަންނަ
ކަމަށާއި މިކަމަށްޓަކައި ނަގަނީ ދޯންޔަކުން މަހަކަށް ގާތްގަނޑަކަށް ދެހާސް
ރުފިޔާގެ ފީއެއް ކަމަށެވެ.