އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމުން އިސްތިއުފާދެއްވުމަށްފަހު ވަޑައިގަންނަވަނީ މިސަރުކާރުގެ ކުންފުންޏެއްގެ އިސް މަޤާމަކަށްކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
ޕީއެސްނިއުސްގެ "އެކްސްކުލޫސިވް" ޕްރޮގްރާމަށް ދެއްވި އިންޓަރވިއުއެއްގައި އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވީ، ވަރަށް ގިނަ ގޮންޖެހުންތަކާއިއެކުވެސް އެކޮމިޝަންގެ ޒިންމާތައް އަދާކުރެއްވުނުކަމަށް ޤަބޫލުފުޅުކުރައްވާކަމަށެވެ.
އަންނަ އަހަރުގެ ކުރީކޮޅު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބަށްފަހު ކޮމިޝަންގެ މެންބަރުކަމުން އިސްތިއުފާދެއްވުމަށް ނިންމަވާފައިވާކަމަށް ވިދާޅުވެ އީސީގެ ރައީސް ޝަރީފް ވިދާޅުވީ، އެ ކޮމިޝަންގެ މެންބަރުކަމުން އިސްތިއުފާދެއްވުމަށް ނިންމެވީ، މިނިވަން މުއައްސަސާއެއްގެ މެންބަރުކަމުގައި ހުންނަވައިގެން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެވަޑައި ނުގެންނެވޭތީކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރުކަމާއި، ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރުކަންވެސް ކުރައްވާފައިވާ ޝަރީފަކީ އީސީގެ މެންބަރުކަމަށް ޢައްޔަންކުރެއްވުމުގެ ކުރިން ރައީސް ޔާމީންގެ އަރިސްބޭފުޅެއްގެ ގޮތުގައި ފެނިވަޑައިގެންނެވި ބޭފުޅެކެވެ. ނަމަވެސް ރިޔާސީ އިންތިޚާބާއި ގުޅިގެން އެމަނިކުފާނާމެދު އުފެދުނު ނުތަވަސްކަމާއި ޝަރީފަށް ކުރިމަތިެވަޑައިގެންނވި ގޮންޖެހުންތަކުގެ ސަބަބުން ރައީސް ޔާމީނާގެ އަރިހުގައި އެއްވެސް މަސައްކަތެއްކުރެއްމުގެ ވިސްނުންފުޅު ނުގެންގުޅޭކަމަށްވެސް ޝަރީފް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، އީސީގެ މެންބަރުކަމުން އިސްތިއުފާދެއްވުމަށް ނިންމެވީ ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމާއި ސިޔާސީ ކަންކަމުގައި ހަރަކާތްތެރިވެވަޑައިގަތަށް ޝަޢުގު އޮތްލެއް ބޮޑުކަމުންކަމަށެވެ.
އީސީގެ މެންބަރުކަމުން އިސްތިއުފާ ދެއްވުމަށްފަހުވެސް ސިޔާސީ އެއްވެސް މަޤާމެއް އަދާނުކުރައްވާނެކަމަށް ޝަރީފް ވިދާޅުވިއެވެ. ރައީސް އިބްރާހީމް މުޙާއްމަދު ޞާލިޙްގެ ފަސް އަހަރު ދުވަހުގެ ދައުރުގައި އެހެން ދާއިރާއަކުން ފެނުން އެކަށީގެންވާކަމަށާއި، އެންމެ ފުރުޞަތު ބޮޑީ ސަރުކާރު ޙިއްސާވާ ވިޔަފާރި ކުންފުންޏެއްގެ އިސް މަޤާމެއް ފުރުއްވުންކަމަށްވެސް ޝަރީފް ވިދާޅުވިއެވެ. ނަމަވެސް އެއީ ކޮން ކުންފުންޏެއްކަމަށް އޭނާ ވިދާޅެއްނުވެއެވެ. ނަމަވެސް ދައުލަތުގެ ވުޒާރާއަކުން ނުވަތަ ރައީސް ޢައްޔަނުކުރައްވާ މަޤާމަކުން ނުފެންނާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"މިހާރު ކައުންސިލް އިންތިޚާބަށް ތައްޔާރުވަމުން މިއަންނަނީ. އިންތިޚާބަށް ތައްޔާރުވާއިރު މަޤާމު ހުސްކުރުމުގެ ބަދަލުގައި އިންތިާބު ފުރިހަމަކޮށްފައި ދިުމުގެ ވިސްނުން ގެންގުޅެނީ." ޝަރީފް ވިދާޅުވި.
އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމަށް ޝަރީފް ޢައްޔަނުކުރެއްވީ 2018ވަނަ އަހަރުގެ މާރިޗް މަހުގެ ހަވަނަ ދުވަހުއެވެ. އެހެންކަމުން އަންނަ އަހަރުގެ ކުރީކޮޅު ޝަރީފް މަޤާމުން އިސްތިއުފާދެއްވުމުން އީސީގެ މެންބަރުކަމުގެ ދައުރުގައި ތިން އަހަރު ބާކީ އޮންނާނެއެވެ.