ޚަބަރު

19ވަނަ މަޖިލީހުގެ ފުރަތަމަ ޖަލްސާގެ ރިޔާސަތަށް ސިޔާމް


19ވަނަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާގައި މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާނީ މީދޫ ދައިރާގެ މެމްބަރު އަހްމަދު ސިޔާމް މުޙައްމަދު ކަމަށް ރައްޔިތުން މަޖިލީހުގެ އިދާރާއިން ވިދާޅުވެއްޖެއެވެ. 19ވަނަ ރައްޔިތުން މަޖިލީހުގެ މެމްމަރުން ހުވާކުރެއްވުން އޮންނާނީ އަންނަމަހުގެ 28ވަނަ ދުވަހު ހެދުނު 09:30 ގައި ރައްޔިތުން މަޖިލިސްކުރާ ގޭގައެވެ.

ރައްޔިތުންތުންގެ މަޖިލީހުން ވިދާޅުވީ އައު މަޖިލިސް ހުވާކުރުމަށްފަހު ބާއްވާ، މަޖިލީހުގެ ފުރަތަމަ ޖަލްސާގެ ރިޔާސަތު ސިޔާމް ބަލަހައްޓަވާ ސިޔާމަކީ މިފަހަރު މަޖިލީހަށް އިންތިޚާބުވެޑައިގެންނެވި ބޭފުޅުންގެ ތެރެއިން މެދުނުކެނޑި އެންމެ ގިނަ ދުވަސްވީ އަދި އެންމެ ޢުމުރުން ދޮށީ މެމްބަރަށްވުމުންނެވެ.

ގާނޫނު އަސާސީގެ 82ވަނަ މާއްދާގައި ބުނެފައިވަނީ އަލަށް އިންތިޚާބުވާ މަޖިލީހުގެ ފުރަތަމަ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާނީ ޖަލްސާއަށް ހާޒިރުވާ މެމްބަރުންގެ ތެރެއިން މަޖިލީހުގެ މެދުނުކެނޑީ އެންމެ ގިނަ ދުވަސްވީ މެމްބަރެކެވެ. އަދި މެދުނުކެނޑި ޚިދުމަތްކުރައްވާ ޢަދަދު ހަމަވާ ގިނަ މެމްބަރުން ތިބިނަމަ ރިޔާސަތު ބަލަހައްޓަވާނީ އެ މެމްބަރުންގެ ތެރެއިން ޢުމުރުން އެންމެދޮށީ މެމްބަރަކެވެ.

19ވަނަ ރައްޔިތުން މަޖިލީހަށް އިންތިޚާބުވި މެމްބަރުންގެ ތެރެއިން މެދުނުކެނޑި މަޖިލީހުގައި ޚިދުމަތްކުރައްވާތާ އެންމެ ގިނަދުވަސްވީ ދެ މެމްބަރުންނަކީ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު އަސްލަމާއި މީދޫ ދާއިރާގެ މެމްބަރު އަހްމަދު ސިޔާމް މުޙައްމަދެވެ. މި ދެބޭފުޅުން މަޖިލީހަށް ހޮވިވަޑައިގަތީ 2004ވަނަ އަހަރުއެވެ. މި ދެ މެމްބަރުންގެ ތެރެއިން އެންމެ ދޮށީ ބޭފުޅަކީ އަޙްމަދު ސިޔާމެވެ.

19ވަނަ ރައްޔިތުންގެ މަޖިލިހަށް އިންތިޚާބުވި މެމްބަރުންގެ ޢުމުރަށް ބަލާއިރު އެވެރެޖް އުމަރަކީ 43 އަހަރެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން 19ވަނަ ރައްޔިތުން މަޖިލީހުގައި ގިނައިން ތިއްބަވާނީ މަޖލީހަށް މުޅިން އައު ބޭފުޅުންނެވެ. މަޖިލީހަށް އިންތިޚާބުވި މެމްބަރުންގެ ތެރެއިން 62 މެމްބަރުންނަކީ ނުވަތަ %71.26 އަކީ މުޅިން އަލަށް މަޖިލީހުގެ މެމްބަރުންނަށް ވެޑައިގެންނެވި ބޭފުޅުންނެވެ. 25 މެމްބަރުން ނުވަތަ %28.74އަކީ މިހާރުވެސް އެ މަޤާމު ފުރުއްވަމުން ގެންދަވާ ނުވަތަ ކުރިން މަޖިލިސް މެމްބަރުކަން ކުރައްވާފައިވާ ބޭފުޅުންނެވެ.

19ވަނަ ރައްޔިތުން މަޖްލީހުގެ 65 ގޮނޑިއާއެކު ސުޕަރ މެޖޯރިޓީ ހޯދާފައިވަނީ ވެރިކަންކުރާ މައިޕާޓީ އެމްޑީޕީއެވެ. މިއީ މަޖިލީހުގެ ސިޔާސީ ޕާޓީއަކުން މިހާ ގިނަ ގޮނޑި ހޯދި ފުރަތަމަ ފަހަރެވެ.