ވިޔަފާރި

އައްޑޫ ސިޓީގައި ބޭއްވި އެޗް.އާރު ސަމިޓް ނިންމާލައިފި


އެޗްއާރު މޯލްޑިވްސްއިން އިންތިޒާމް ކޮށްގެން "އެޗްއާރު ސަމިޓް އެންޑް އެކްސްޕޯ"ގެ ނަމުގައި އައްޑޫ ސިޓީގައި ބޭއްވި ދެވަނަ އެޗްއާރު ސަމިޓް ނިންމާލައިފިއެވެ.

މިސަމިޓަކީ ރައްޖޭގެ އެޗް.އާރު ނުވަތަ އިންސާނީ ވަސީލަތްތަކުގެ ދައިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ބޭއްވި ސަމިޓެކެވެ. ސަމިޓުގެ ތެރޭގައި އެޗްއާރު ދާއިރާގެ ތަޖުރިބާކާރުން އަދި ދައިރާއާ ގުޅުން ހުރި ގިނަ ފަރާތްތަކުން ވަނީ އެފަރާތްތަކުގެ ތަޖުރިބާ ހިއްސާކޮށްފައެވެ.

އީކުއޭޓަރ ވިލެޖުގެ ބްލޫ ލެގޫން ހޯލުގައި ކުރިއަށްދިޔަ ސަމިޓުގައި އައްޑޫ އާއި ފުވައްމުލަށް ސިޓީ ހިމަނައިގެން ގާތްގަނޑަކަށް 130 މީހުން ބައިވެރިވިއެވެ.

އީކުއޭޓަރ ވިލެޖުގައި ފެށި ސަމިޓް ޝަރަފުވެރި ކޮށްދެއްވައި ސަމިޓް ފެށްޓުމުގެ ގޮތުން ވާހަކަ ދެއްކެވީ އައްޑޫ ސިޓީ މޭޔަރ އަބްދުﷲ ސޯދިޤެވެ. އައްޑޫ ސިޓީ މޭޔަރ އަބްދުﷲ ޞޯދިޤް ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގައި އެޗްއާރު ދާއިރާ ހަރުދަނާކުރަންޖެހޭކަން ފާހަގަކުރެއްވިއެވެ. \

" މިކަމަށް އެބަޖެހޭ ސިޔާސީ ލެވެލްގައި، ރައްޔިތުންގެ މަޖިލީހުގެ ތެރެއިންވެސް ސަރުކާރުގެ ތެރެއިން ވެސް ވިސްނަން. ދިވެހި ރާއްޖޭގެ ބަޖެޓު ހެދިގެން ދާއިރު މިހާތަނަށް ދައުލަތުގެ ބަޖެޓު ހެދިގެން ދާއިރު، (އަޅުގަނޑަށް އެނގޭނީ އަޅުގަނޑުގެ ސިޓީ ކައުންސިލްގެ ވާހަކަ) މިހާތަނަށް އަޅުގަނޑުމެންނަށް ދައުލަތުގެ ބަޖެޓުން ފާސްވެގެން ދުވަހަކު ނުލިބޭ އިންސާނީ ވަސީލަތް ތަރައްޤީ ކުރުމަށްޓަކާ، އަދި ވަޒީފާ އަދާ ކުރާ މުވައްޒަފުންނަށް އެވަޒީފާ އަދާ ކުރީތީ ސެޓްފިކެޓެއް ޕްރިންޓު ކޮށްލާ ދޭނެހާ ފައިސާ ކޮޅެއްވެސް ބަޖެޓުގައި ހިމެނިގެން" މޭޔަރ ވިދާޅުވިއެވެ.

އެޗްއާރް މޯލްޑިވްސް ސަމިޓުގައި މައިގަނޑު ދެހަރަކާތެއް ހިމެނެއެވެ. އެއީ އެޗްއާރު އެކްސްޕޯ ގާލާ ނައިޓް އަދި އެޗްއާރު ސަމިޓެވެ. އެގޮތުން އެޗް އާރު އެކްސްޕޯ ގާލާ ނައިޓް ވަނީ ރޭ ބާއްވާފައެވެ.