ޔަހޫދީ ދައުލަތަށް ފޮނުވުމަށް ތައްޔާރުކޮށްފައި ހުރި އިތުރު ތިން ކޮންޓެއިނަރު މެލޭޝިއާގެ އެންމެ ބޮޑު އެއް ބަނދަރުން ހިފަހައްޓައިފިއެވެ.
އެ ތިން ކޮންޓެއިނަރު ހިފަހައްޓާފައި ވަނީ މިދިޔަ އޮގަސްޓު މަހުގެ 19ވަނަ ދުވަހު މެލޭޝިޔާގެ ޓަންޖަންގ ޕެލެޕަސް ޕޯޓުގައެވެ. އެ ކޮންޓެއިނަރުތަކުގައި ހުރި މުދާ ކަމާ ބެހޭ އިދާރާތަކުން ތަހުޤީޤު ކުރަމުންދާއިރު، އެ ކޮންޓެއިނަރުތައް އަދިވެސް ހުރީ އެ ބަނދަރުގައި ހިފަހައްޓައިފައެވެ.
އެނގިފައިވާ ގޮތުގައި އެ ކޮންޓެއިނަރުތަކުގައި ހުރީ ޗައިނާގެ ކުންފުންޏެއް ކަމަށްވާ ޗޮންގްކިންގ މޮބިމެކްސް ޓެކްނޮލޮޖީ ކޯއިން އުފައްދާފައިވާ ކަރަންޓު ބައިސްކަލުގެ އެކި ބައިބައެވެ. އެ ކޮންޓެއިނަރުތައް ގެންދިޔުމަށް ހަމަޖެހިފައި އޮތީ ތެލް އަވީވް ކައިރީގައި އޮންނަ އަޝްދޮދް ބަނދަރަށެވެ.
މެލޭޝިއާގެ އިދާރާތަކުން އިތުރު ކޮންޓެއިނަރުތަކެއް ހިފަހައްޓާފައި މި ވަނީ އޮގަސްޓު މަހުގެ 7ވަނަ ދުވަހުގައި ވެސް ހަމަ އެ ބަނދަރުން ޔަހޫދީ ދައުލަތަށް ފޮނުވުމަށް ތައްޔާރުކޮށްފައިވާ ކަމަށް ބެލެވޭ ކޮންޓެއިނަރުތަކެއް ހިފަހައްޓާފައި ވަނިކޮށެވެ. މެލޭޝިއާގެ ބޯޑާ ކޮންޓްރޯލް އެންޑް ޕްރޮޓެކްޝަން އެޖެންސީ، އޭކޭޕީއެސްއިން އޭރު ބުނީ އެ ކޮންޓެއިނަރުތައް ހިފަހައްޓާފައި ވަނީ ޔަހޫދީ ދައުލަތަށް ސީދާ އަދި ނުސީދާ ގޮތުން ވިޔަސް މުދާ އެތެރެކުރުަން މަނާކޮށް ކަސްޓަމުން ނެރެފައިވާ އަމުރަކާ ޚިލާފުވެފައިވާ ކަމަށް ޝައްކު ކުރެވޭތީ ކަމަށެވެ. މެލޭޝިޔާގެ ސްޓްރެޓީޖިކް ޓްރޭޑް އެކްޓުގެ ދަށުން ޤައުމުން ބޭރުކުރުން މަނާ މުދާ އެ ކޮންޓެއިނަރުތަކުގައި ހުރިތޯ އިދާރާތަކުން ބަލާނެ ކަމަށް އެ ޤައުމުން ބުނެފައިވެއެވެ.
އޮގަސްޓު މަހުގެ 7ވަނަ ދުވަހު ހިފަހައްޓާފައިވާ ކޮންޓެއިނަރުތަކަކީ ފިލިޕީންސްގައި ބަންދުކޮށްފައިވާ ކޮންޓެއިނަރުތަކެކެވެ. އެ ކޮންޓެއިނަރުތަކުގައި ހުރީ ހަތިޔާރު ކަމަށް ބެލެވެއެވެ. އެ ކޮންޓެއިނަރުތައް އެޑްރެސް ކޮށްފައި ވަނީ ދިފާޢީ ޓެކްނޮލޮޖީއާ ބެހޭ ޔަހޫދީ ކުންފުއްޏެއް ކަމަށްވާ އެލްބިޓް ސިސްޓަމްސްއަށެވެ. އެ ކޮންޓެެއިނަރުތައް ވެސް އަދިވެސް ހުރީ ބަނދަރުގައި ހިފަހައްޓައިފައެވެ.
މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް ވަނީ ކޮންޓެއިނަރުތައް ފާހަގަކޮށް ހިފަހައްޓާފައިވާތީ އިދާރާތަކަށް ތައުރީފު ކުރައްވައިފައެވެ. ޔަހޫދީންނަށް ވިޔަފާރީ މުދާ އުފުލައިދިނުމަށް ބޭނުންކުރާ ޓްރާންސިޓު މަގަކަށް މެލޭޝިޔާ ބޭނުން ކުރުމުގެ ފުރުޞަތު ނުދެއްވާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އަންވަރު ވިދާޅުވި ގޮތުގައި މެލޭޝިޔާއިން ވަނީ ޔަހޫދީ ދައުލަތަށް ފޮނުވާ މުދާ އުފުލައިދޭ ޔަހޫދީ އުޅަނދުފަހަރު އެ ޤައުމުގެ ބަނދަރުތައް ބޭނުން ކުރުން 2023ވަނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން މަނާކޮށްފައެވެ.
މެލޭޝިއާއާއި ޔަހޫދީ ދައުލަތާ ދެމެދު ޚާރިޖީ ގުޅުން ޤާއިމްކޮށްފައެއް ނުވެއެވެ. އެ ޤައުމުން ވަނީ ޔަހޫދީންނާ ގުޅުންހުރި ވިޔަފާރިއާއި މުދާ އުފުލުމަށް ތަކުރާރުކޮށް ދަތިކޮށްފައެވެ. މެލޭޝިއާގެ ސަރުކާރުން ވަނީ ސީދާ އަދި ނުސީދާކޮށް ވިޔަސް ޔަހޫދީ ދައުލަތަަށް އެ ޤައުުމުން މުދާ ބޭރު ކުރުމަކީ ނުވަތަ ބޭރު ކުރުމަށް މަސައްކަތް ކުރުމަކީ ޤާނޫނާ ޚިލާފު ކަމެއް ކަމަށް ބުނެފައެވެ. އެ ގޮތަށް ޢަމަލުކޮށްފި ނަމަ ވަރުގަދަ ފިޔަވަޅުތައް އަޅާނެ ކަމުގެ އިންޒާރު ވެސް އެ ޤައުމުން ވަނީ ދީފައެވެ. މެލޭޝިއާގެ މަދަނީ ޖަމްޢިއްޔާތަކުން ވެސް ދަނީ މި ޤާނޫނާއި ޤަވާއިދުތައް ހަރުކަށިކޮށް ތަންފީޛު ކުރުމަށް އިދާރާތަކަށް ގޮވައިލަމުންނެވެ.