ޚަބަރު

ރޮނާލްޑޯގެ އަލް ނަސްރު ބަލިކޮށް އަލް އައިން ފެށުން ރަގަޅުކޮށްފި


އޭޝިޔާގެ އެންމެ ޝަރަފުވެރި ކްލަބް ފުޓްބޯޅަ މުބާރާތް ކަމުގައިވާ އޭއެފްސީ ޗެމްޕިއަންސް ލީގުގެ އެލީޓް ވެސްޓް ގްރޫޕްގައި ރޭ ކްރިސްޓިއާނޯ ރޮނާލްޑޯގެ އަލް ނަސްރު ކުޅުނު މެޗުން ބަލިވެއްޖެއެވެ.

ޔޫއޭއީގެ އަބޫ ދާބީގައި އެ ގައުމުގެ އަލް އައިން އާއި ދެކޮޅަށް ކުޅުނު މި މެޗުން އަލް ނަސްރު ބަލިވެފައިވަނީ 4-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

އަބޫ ދާބީގެ ހަޒާ ބިން ޒާއިދު ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި އަލް އައިން އިން ޖެހި ހަތަރު ލަނޑުގެ ތެރެއިން ތިން ލަނޑު ޖަހާފައިވަނީ މޮރޮކޯގެ ދެ ބެއިން ކަމުގައިވާ ހުސީން ރަހީމީ އާޢި ސުފިޔާން ރަހީމީ އެވެ.

އަލް އައިންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުގެ 2 ވަނަ މިނިޓުގައި ހުސީން ރަހީމީ ފޮނުވާލި ބާރު ހަމަލާއެއް ވަނީ އަލް ނަސްރުގެ ގޯލުގެ ދަނޑީގައި ޖެހިފައެވެ.

މި މެޗުގައި އަލް އައިން އިން ޖެހި ފުރަތަމަ ލަނޑަކީ މެޗުގެ 25 ވަނަ މިނިޓުގައި ހުސީން ރަހީމީ ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ.

މެޗުގެ ފުރަތަމަ ހާފުގައި އެއް ލަނޑު ފެނިގެންދިޔަ ނަމަވެސް މެޗުގެ 63 ވަނަ މިނިޓުގައި ހުސީން ރަހީމީ ވަނީ އިތުރު ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފައެވެ.

އަދި މެޗުގެ 72 ވަނަ މިނިޓުގައި ސުފިޔާން ރަހީމީ ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 3-0 އަށް ބަދަލުކޮށްފައެވެ.

އަލް އައިން އިން މި މެޗުގައި ޖެހި ހަތަރުވަނަ ލަނޑަކީ ހުސީން ރަހީމީގެ ބަދަލުގައި ކުޅެންއެރި ގްރީސްގެ ޖިއޯޖިސް ގިއަކޯމަކިސް މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ފަސް މިނިޓަށް ވެފައިވަނިކޮށް ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ.