ޚަބަރު

ވަކިވަރަކަށް ބިން ބާއްވާފައި ގޯތި ދޫކުރުން ކައުންސިލްތަކަށް


އަސާސީ ކަންތައްތަކަށް ބޭނުންވާ ބިން ނެގުމަށްފަހު ބާކީ
އޮންނަ ބިމަކުން ގޯތި ދޫކުރުމުގެ ފުރުސަތު ހުރިހާ ކައުންސިލްތަކަށްވެސް
ހުޅުވާލާފައިވާ ކަމަށް ހައުސިން މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.




އެމް ބީ ސީ ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ހައުސިން
މިނިސްޓަރ ވިދާޅުވީ އެރަށެއްގެ ބިމުން އެރަށެއްގެ ބަޔަކަށް ބިން ނުދީ
އެހެންބަޔަކަށް ބިން ދޫކުރުމަކީ ސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށެވެ. މިނިސްޓަރ
ވިދާޅުވީ ސަރުކާރުގެ ސިޔާސަތު ހުރިހާ އަތޮޅު ކައުންސިލްތަކާއި ހިއްސާ
ކުރައްވާފައިވާނޭ ކަމަށެވެ. އެގޮތުން ރަށްރަށުގެ ތަރައްގީއަށް ބޭނުންވާ
ބިންތަކާއި، އަސާސީ ޚިދުމަތްތައް ދިނުމަށް ބޭނުންވާ ބިން ނެގުމަށްފަހު ބާކީ އޮންނަ
ބިމަކުން ގޯތި ދޫކުރުމަށް ނިންމުމަށްފަހު އެކަން ހައުސިން މިނިސްޓްރީއަށް
ހުށައެޅުމުން އުސޫލުތަކުގެ ދަށުން އެ ފުރުސަތު ދެވޭނެކަމަށް މިނިސްޓަރ މުއިއްޒު ވިދާޅުވިއެވެ.




ފާދިއްޕޮޅު މާފިލާފުށި ހުސްކުރުމަށް ނިންމާ، އެ ރަށުގެ
ތޭރަ މީހުންނަށް ބ. ދަރަވަންދޫއިން ގޯތި ދިނުމަށް ނިންމާފައިވާ ނިންމުން ބަދަލު
ނުކުރާ ކަމަށާއި، އެ ފަރާތްތަކަށް ގޯތި ދޫކުރުމަކީ ދަރަވަންދޫ ރައްޔިތުންނަށް ގޯތި
ނުލިބެންވީ ސަބަބެއް ނޫން ކަމަށްވެސް ހައުސިން މިނިސްޓަރ ވިދާޅުވިއެވެ.