ޚަބަރު

އާސެނަލްއާއި ޗެލްސީވެސް ޔޫރޮޕާ ލީގްގެ ސެމީއަށް


ޔޫރޮޕާ ލީގުގެ ކުއާޓަރ ފައިނަލްގައި ވާދަކުރި އިނގިރޭސި ޕްރިމިއަރ ލީގުގެ ދެ ކްލަބް ކަމަށްވާ އާސެނަލް އާއި ޗެލްސީ އިން ރޭ ކުޅުނު ދެވަނަ ލެގުގެ މެޗްވެސް ކާމިޔާބުކޮށް މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.

ރަށުން ބޭރުގައި އިޓާލިއަން ލީގުގެ ދެވަނައިގައި އޮތް ނަޕޯލީ އާ ވާދަކޮށް 0-1 އިން އާސެނަލް ކުރި ހޯދިއިރު ޗެލްސީ އިން ވަނީ އަމިއްލަ ދަނޑުގައި ޗެކް ރިޕަބްލިކްގެ ސްލާވިއާ ޕްރާގް އާ ވާދަކޮށް 3-4 އިން މެޗް ކާމިޔާބުކޮށްފައެވެ.
ސްލާވިއާ އާ ދެކޮޅަށް ޗެލްސީ އިން ރޭ ކުޅުނު މެޗްގައި އެޓީމުން ޖެހި ހަތަރު ލަނޑުވެސް ޖެހީ މެޗްގެ ފުރަތަމަ 30 މިނެޓްގެ ތެރޭގައެވެ. އޭގެ ތެރެއިން ދެ ލަނޑު މެޗްގެ 5 ވަނަ މިނެޓްގައާއި 27 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ޗެލްސީއަށް ކުޅޭ ސްޕެއިންގެ ފޯވާޑް ޕެޑްރޯ ރޮޑްރިގޭޒްއެވެ.
ޗެލްސީ އިން ޖެހި ދެވަނަ ލަނޑަކީ މެޗްގެ 9 ވަނަ މިނެޓްގައި ސްލާވިއާގެ ޑެލީ އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ. އޭގެ ފަހުން ނަތީޖާ 0-3 އަށް ބަދަލުކޮށްލީ މެޗްގެ 17 ވަނަ މިނެޓްގައި އޮލިވަރ ޖިރޫޑްއެވެ. ސްލާވިއާއިން އެޓީމްގެ ފުރަތަމަ ގޯލް ކާމިޔާބުކޮށްފައިވަނީ ޗެލްސީ އިން ތިން ލަނޑުގެ ލީޑެއް ނަގައިފައިވަނިކޮށް މެޗްގެ 25 ވަނަ މިނެޓްގައި ސްލާވިއާގެ ކެޕްޓަން ތޯމަސް ސުސެކްއެވެ. ނަމަވެސް އޭގެ މިނެޓެއް ފަހުން ޕެޑްރޯ ޖެހި ގޯލާއެކު ޗެލްސީ އިން އަނެއްކާވެސް ލީޑް ފުޅާކުރިއެވެ.

މެޗްގެ ފުރަތަމަ ހާފްގައި ޗެލްސީ އިން ބޮޑު ލީޑެއް ނަގައިފައި އޮތް ނަމަވެސް ފަހު ހާފުގައި ސްލާވިއާ އިން ހިތްވަރު އެލުވާ ނުލައި ކުޅުމުގެ ނަތީޖާއެއްގެ ގޮތުން އެޓީމުން ވަނީ ފަހު ހާފްގެ ކުރީކޮޅު ވަރަށް ގާތްގާތުގައި ދެ ގޯލް ޖަހައިފައެވެ. މެޗްގެ 51 ވަނަ މިނެޓްގައާއި 54 ވަނަ މިނެޓްގައި އެޓީމުން ޖެހި މި ދެ ގޯލްވެސް ޖަހައިދިނީ ޕީޓަރ ސެވްސިކްއެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ޗެލްސީގެ ކޯޗު މައުރީސިއޯ ސަރީ ބުނީ މެޗުގެ ފުރަތަމަ ހާފު ނިމުނު ހިސާބުން ޗެލްސީ އޮތީ ސެމީ ސެމީއަށް ދަތުރުކޮށްފައިކަމަށެވެ. އަދި މިހާރު ހުރިހާވެސް ވިސްނުމެއް ހުރީ ޔޫރަޕާއި ލީގު ކާމިޔާބުކުރަން ކަމަށް ސަރީ ބުންޏެވެ.