ޚަބަރު

އައްޑޫ ކަނބަލުންގެ 'ދިޔެގެ ހަވި' ފެސްޓިވަލް ނިންމާލައިފި


އަންހެނުންގެ ކުދި ވިޔަފާރިތަކަށް އަމާޒުކޮށްގެން 'ދިޔެގެ ހަވި' ނަމުގައި އައްޑޫ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ (ޑަބްލިއުޑީސީ) ފެސްޓިވަލެއް ބާއްވައިފިއެވެ.

އެއްދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ ފެސްޓިވަލް ބާއްވާފައިވަނީ އިއްޔެ މެންދުރު 2:00 އިން ފެށިގެންގޮސް ރޭގަނޑު 11:00 އާއި ހަމައަށެވެ. އައްޑޫގެ ދެ ސަރަހައްދެއްގައި އެއްފަހަރާ ކުރިއަށް ގެންދިޔަ މި ފެސްޓިވަލް، މަރަދޫގައި ކުރިއަށް ގެންގޮސްފައިވަނީ މަރަދޫ ޕާކުގައިއެވެ. އަދި ހުޅުމީދޫގައި ކުރިއަށް ގެންގޮސްފައިވަނީ، ސ. އަތޮޅު ސްކޫލު ސަރަހައްދުގައެވެ.

ޑަބްލިއުޑީސީ ބުނީ މި ފެސްޓީވަލަކީ ކުދި ވިޔަފާރިތައް ކުރާ އަންހެން ކަނބަލުން އަދި މަސައްކަތްތެރި ކަނބަލުންގެ ހުނަރުވެރިކަން ދައްކާލާއި، އެކަނބަލުންގެ ވިޔަފާރިތައް މާކެޓް ކުރުމުގެ ފުރުސަތު ދިނުން ބޭއްވި ފެސްޓިވަލެއްކަމަށެވެ. މިފެސްޓިވަލުގައި ހުޅުމީދޫ އަދި މަރަދޫ ހިމަނައިގެން އެބޭފުޅުން 30 ވަރަކަށް ސްޓޯލް ވިކިފައިވާ ކަމަށެވެ.

ޑަބްލިއުޑީސީގެ ރައީސާ އައިޝަތު ނަދާ ވިދާޅުވީ 30 ސްޓޯލާއި އެކު ކުރިޔަށް ދިޔަ މި ފެސްޓިވަލުން މި ހަރަކާތުގައި ބައިވެރިވި އަންހެން ކަނބަލުންނަށް ރަނގަޅު މަންފާއެއް ލިބިގެންދިޔަކަމަށެވެ. އަދި މިފަދަ އިތުރު ހަރަކާތްތައް ބޭއްވުމަށް މަސައްކަތްތެރި އަންހެން ކަނބަލުން އެދެމުން އަންނަކަމަށްވެސް ނަދާ ވިދާޅުިވއެވެ.

"އަޅުގަނޑުމެންގެ ސްޓޯލްތަކުން ކަނބަލުންނަށް ބޮޑެތި މަންފާ ތަކެއް ލިބިގެންދިޔަ ކަމަށް ޤަބޫލް ކުރެވޭ. ހަމަ އެކަނި ލާރި ނުވަތަ މިއަދު ކުރެވުނު ވިޔަފާރީގެ މަންފާ އެކަންޏެއް ނޫން. އެކަނބަލުންނަށް އިތުރު އިޝްތިހާރުތަށް އަދި އިތުރު މާކެޓްތަށް ލިބިގެން ދިޔަ. މިއީ އަޅުގަނޑުމެން އުފާ ކުރާ ކަމެއް. ހުރިހާ ސްޓޯލް ތަކުންވެސް އެންމެ ބޮޑަށް އެދުނީ މިފަދަ ގިނަ ފުރުސަތުތަކެއް އައްޑޫގައި ހޯދައި ދިނުމަށް " ނަދާ ވިދާޅުވިއެވެ.

މި ފެސްޓިވަލްގެ ހިނގަމުން ދިޔަ ވަގުތު ތަފާތު އެކި ހަރަކާތްތަށް ވަނީ ކުރިއަށް ގެނގޮސްފައެވެ. 'ދިޔެގެ ހަވި'، މިފެސްޓިވަލަކީ ދުނިޔޭގެ އަންހެނުންގެ ދުވަހާއި ގުޅިގެން އައްޑޫގެ އަންހެނުންގެ ކޮމެޓީއިން އިންތިޒާމު ކުރި ހަރަކާތެކެވެ.