ޚަބަރު

ވިއެޓްނާމް ސަމިޓް ނާކާމިޔާބުވީނަމަވެސް އިހު އޮތް ބިރުވެރިކަން މިހާރު ކޮރެއާ ބައްރުގައި ނެތްކަމަށް ދެކުނު ކޮރެއާއިން ބުނެފި


އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އުތުރުކޮރެޔާގެ ޒައީމް ކިމް ޖޮންގް އުން ވިއެޓްނާމްގައި ބޭއްވި ސަމިޓް ނާކާމިޔާބުވިނަމަވެސް ކޮރެއާ ބައްރުގައި ކުރިން އޮތް ބިރުވެރިކަން އިއާދަނުވާނެކަމަށް ދެކުނު ކޮރެޔާގެ ރައީސް މޫން ޖެއިން ވިދާޅުވެއްޖެއެވެ.

މޫން ޖެއިންއާ ހަވާލާދީ ޝިންހުވާ ނޫސްއެޖެންސީން ބުނީ ވިއެޓްނާމްގެ ސަމިޓް ނާކާމިބުވިނަމަވެސް އެމެރިކާއާއި އުތުރުކޮރެޔާ ވަނީ ސުލްހައާގެން ކުރިޔަށް ދިޔުމުގެ އަޒުމުގައި ކަމަށާ މާޒީއަށް އެނބުރި ދާން އެ ދެ ގައުމުވެސް އަދި ދެކުނު ކޮރެޔާވެސް ބޭނުން ނުވާކަމަށެވެ. އެމެރިކާ އާއި އުތުރުކޮރެޔާގެ ސުލްޙައިގެ ވާހަކަތައް ލަސްތަކެއްނުވެ ފެށިދާނެކަމުގެ އުންމީދު ބޮޑުކަމަށާއި ޓްރަމްޕާއި ކިމްގެ ބަޔާންތަކުން އެކަން ހާމަވާކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ދާދިފަހުން ޓްރަމްޕް ވަނީ އުތުރުކޮރެޔާއާ ދެކޮޅަށް ދަތިކުރުމުގެ އިތުރު ފިޔަވަޅުތަކެއް މިވަގުތު އެޅުމުގެ ބޭނުމެއް ނެތްކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފައެވެ. އަދި އޭނާ އާއި އުތުރު ކޮރެޔާގެ ޒައީމް ކިމް ޖޮންގް އުންއާ ދެމެދު ގާތް ގުޅުންތަކެއް އުފެދިފައިވާ ކަމަށާއި އެ ގުޅުންތައް ދަމަހައްޓަން ބޭނުންވާ ކަމަށްވެސް ޓްރަމްޕް ވިދާޅުވެފައިވެއެވެ.

އަދި އުތުރު ކޮރެއާއިން ނިއުކްލިޔަރ އަދި މިސައިލް ތަޖުރިބާތައް ނުކުރާކަމީ ހެޔޮ ފާލެއްކަމަށާއި އެކަމާ އުފާކުރައްވާ ކަމަށްވެސް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.