ޚަބަރު

"ފުރަތަމަ މެޗުވީމަ އުނދަގޫވި، ޕާކިސްތާނުން ފެށީ ވަރުގަދަކޮށް"


  • އިންޑިއާއަށް އުނދަގޫވީ ދަނޑުގެ ވިނަގަނޑު

  • މެޗު ކާމިޔާބުކުރީ 3-0 އިން

20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް 2026 ގައި ކުޅުނު ފުރަތަމަ މެޗުގައި އުނދަގޫތަކެއް ކުރިމަތިވިނަމަވެސް މެޗު ކޮންޓްރޯލްކޮށްގެން ރަނގަޅު ގޭމެއް ކުޅެވުނުކަމަށް އިންޑިއާގެ ކޯޗު މަހޭޝް ގަވާލީ ބުނެފިއެވެ.

މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ޕާކިސްތާނާއި ދެކޮޅަށް ނިކުމެ 3-0 އިން މެޗު ކާމިޔާބުކޮށް އިންޑިއާއިން ހޯދި ތިން ޕޮއިންޓާއެކު ވަނީ ސެމީ ފައިނަލްގެ ޖާގަ ކަށަވަރުކޮށްފައެވެ.

އިންޑިއާއިން ވަރުގަދަ ކުޅުމެއް ދައްކާ ޕާކިސްތާނު މުބާރާތުން ކަޓުވާލި މެޗަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، މަހޭޝް ބުނީ ފާކިސްތާނުން ފެށީ ވަރަށް ވަރުގަދަކޮށްކަމަށެވެ. އެހެންނަމަވެސް ފުރަތަމަ 15 ވަރަކަށް މިނިޓުގެ ތެރޭގައި އިންޑިއާއިން ޕާކިސްތާނުގެ ގޯލު ހުޅުވާލި މި މެޗުގެ ކުރީކޮޅު އިންޑިއާއަށް މެޗުގެ ކޮންޓްރޯލް ހޯދުނުކަން ކޯޗު ފާހަގަކުރިއެވެ.

"ހޫނު ގަދަވީމަ ވަރަށް އުނދަގޫވި. އަދި ފުރަތަމަ މެޗަށްވެފަ، ގްރައުންޑަށް ހޭނެން ވަރަށް އުނދަގޫވި، އެކަމަކު މަޑުމަޑުން އަހަރުމެންގެ ކުޅުންތެރިން ހޭނުނު. ދެވަނަ ހާފްގައި ދިޔައީ ރަނގަޅަށް" އިންޑިއާގެ ކޯޗުގެ ބުންޏެވެ.

ކުޅުންތެރިންގެ ރޭވުންތެރިކަމަށް ތައުރީފުކުރަމުން ކޯޗު ބުނީ އިންޑިއާއިން މެޗު ގެންދިޔައީ ޑިފެންސްގައި ވަރަށް ރޭވުންތެރިކަމާއެކު ކުޅެގެން ކަމަށެވެ. އަދި ގޯލްކީޕަރުގެ ހުޝިޔާރުކަންވެސް އޭނާ ފާހަގަކުރިއެވެ.

"ފުރަތަމަ 15 ވަރަކަށް މިނިޓުގެ ތެރޭގައި އަހަރުމެންނަށް ގޯލެއް ކާމިޔާބުކުރެވުނު، ފާކިސްތާނުން އައީ ވަރަށް ވަރުގަދަކޮށް، އަހަރުމެންނަށް ވަރަށް އުނދަގޫކުރި. އެކަމަކު އަހަރުމެން ގޭމް ކޮންޓްރޯލް ކުރިން. ޑިފެންސްގައިވެސް ވަރަށް އޮގަނައިޒްޑް، ގޯލް ކީޕަރުވެސް ވަރަށް ރަނގަޅު" މަހޭޝް ބުންޏެވެ.

ބަންގްލަދޭޝްވެސް ވަނީ ސެމީގެ ޖާގައެއް ކަށަވަރުކޮށްފައެވެ.

އިންޑިއާއިން ފުރަތަމަ މެޗުގައި އެމީހުންގެ ފެންވަރު ދައްކާލާފައިވާއިރު ސެމީގައި ނުކުންނަސް ޖެހޭނީ އެންމެ ފަހުގެ ޗެމްޕިއަން، އަދި މުބާރާތުގައި އެއންެމ ވަރުގަދަ ޓީމުގެ ގޮތުގައި ފެންނަ، ބަންގްލަދޭޝްއާއި ދެކޮޅަށެވެ. އެ މެޗު އޮންނާނީ އަންނަ ހޮނިހިރު ދުވަހުއެވެ.

އިންޑިއާގެ ކޯޗު ވަނީ މި މުބާރާތުގައި ވާދަކުރާ ހުރިހާ ޓީމުތަކުގެ ކުޅުންތެރިންގެ ފެންވަރު މަތިވެފައިވާކަން ފާހަގަކޮށް ހުރިހާ ޓީމަކަށްވެސް ތައުރީފުކޮށްފައެވެ. އަދި މިއީ ސާފް ސަރަހައްދުގެ ފުޓްބޯޅައަށް ބޮޑު ކުރިއެރުމެއް ކަމަށް ފާހަގަކޮށް ރާއްޖެއާއި ލަންކާގެ ކުޅުންވެސް ވަރަށް ބޮޑަށް ރަނގަޅުކޮށްފިކަން އޭނާ ފާހަގަކުރިއެވެ.