އެމެރިކާ އާ ގުޅިގެން ޔަހޫދީން އީރާނާ ދެކޮޅަށް ފަށާފައިވާ ނިރުބަވެރި ޙަމަލާތަކުގައި ބަންދުކޮށްފައިވާ ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރުމުގެ ޙުއްދަ މެލޭޝިޔާގެ އުޅަނދުތަކަށް ދީފައިވާކަމަށް މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރް އިބްރާޙިމް ވިދާޅުވެއްޖެއެވެ.
މި ވަގުތު ހުރްމުޒް ކަނޑުއޮޅި އޮތީ، އެމެރިކާއާއި ޔަހޫދީންގެ މަޞްލަޙަތު އޮތް އާގުބޯޓުފަހަރަށް ބަންދު ކޮށްފައެވެ. މިއީ، ޔަހޫދީންނާ ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނާ ދެކޮޅަށް ފެށްޓެވި ހަނގުރާމައިގެ ރައްދެއްގެ ގޮތުން އީރާނުން އަޅަމުންދާ ދިފާޢީ ފިޔަވަޅެކެވެ.
އީރާނުގެ އިތުރުން މިޞްރު، ތުރުކީވިލާތު ފަދަ މެދުއިރުމަތީގެ ގިނަ ޤައުމުތަކުގެ ލީޑަރުންނަށް ގުޅުއްވައި، މަޝްވަރާކުރެއްވިކަމަށް އަންވަރް ވިދާޅުވިއެވެ.
އަދި އީރާނުގެ ރައީސާއެކު ކުރެއްވި މަޝްވަރާތަކުގެ ތެރެއިން، މެލޭޝިޔާގެ އުޅަނދުތަކަށް ހުރްމުޒް ކަނޑުއޮޅި ހުރަސްކުރުމުގެ ހުއްދަ ދީފައިވާކަމަށް އަންވަރް އިޢުލާނުކުރެއްވިއެވެ. އަދި އެކަން ހަމަޖައްސައި ދެއްވުމުން އަންވަރް ވަނީ އީރާނުގެ ރައީސަށް ޝުކުރު އަދާކުރައްވައިފައެވެ.
އަންވަރް ވިދާޅުވީ، އީރާނުގެ ޙުއްދަ ލިބުމާ ގުޅިގެން، ހުރްމުޒް ކަނޑުއޮޅީގައި ތާށިވެފައިވާ މެލޭޝިޔާގެ އުޅަނޑުތަކާއި އެ އުޅަނދުތަކުގެ ފަޅުވެރިންނަށް އެނބުރި ޤައުމަށް އާދެވޭނެ އިންތިޒާމްތައް ހަމަޖައްސަމުންދާ ކަމަށެވެ.
ފެބްރުއަރީ 28 ގައި އެމެރިކާއާއި ޔަހޫދީން އިސްވެ ހަނގުރާމަ ފެށި ފަހުން، އީރާނުން ވެސް ދަނީ ޔަހޫދީންގެ މުޙިއްމު ބިނާތަކުގެ އިތުރުން މެދުއިރުމަތީގައި ހުރި އެމެރިކާ ސިފައިން ތިބޭ މަރުކަޒުތަކަށް ޢަމާޒުކޮށް ވަރުގަދަ ޙަމަލާތައް ދެމުންނެވެ.
މި ކުރިމަތިލުންތައް މުޅި މެދުއިރުމައްޗަށް ފެތުރި، ދުނިޔޭގެ މުދާ އުފުލާ ވިއުގަތަކަށާއި ދަތުރުފަތުރަށް ބޮޑެތި ހުރަސްތައް އެރުމާ ގުޅިގެން، ތެލާއި ގޭހުގެ އަގު އިންތިހާއަށް މަތިވެ، ދުނިޔޭގެ އިޤްތިޞާދަށް ވެސް ދަނީ ލޮޅުންތައް އަރަމުންނެވެ.
އީރާނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމަ ހުއްޓައިލުމަށް ޓްރަމްޕް މިހާރު ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ. އަދި، 15 ނުކުތާއެއްގެ މައްޗަށް އެކުލެވިގެންވާ ރޭވުމެއް އޭނާ ވަނީ އީރާނަށް ހުށަހަޅުއްވާފައެވެ.