ޚަބަރު

ލޫކާއަށް ފުރުސަތު ދިނީ ދަރިއަކަށް ވީމައެއް ނޫން - ޒިދާން



ހުއެސްކާ އަތުން ރޭ 3-2އިން ރެއާލް މެޑްރިޑް މޮޅުވި މެޗުގައި ގޯލު ބަލަހައްޓަން ލޫކާ ޒިދާން ނެރުނީ އޭނާގެ ދަރިފުޅަށްވެގެން ނޫން ކަމަށް ކޯޗު ޒައިނުއްދީން ޒިދާން ބުނެފިއެވެ.

ޒިދާން ބުނީ އޭނާގެ ދަރިފުޅަށް މެޗުން ފުރުސަތު ދިނީ ފުރަތަމަ ދެ ކީޕަރުންގެ ތެރެއިން ތިބައޫ ކޯޓޫއާ އަނިޔާގައި ހުރެފައި ކޭލާ ނަވާސްއަށް ރެސްޓް ދިނުމުގެ ގޮތުން ކަމަށެވެ.

ޒިދާން ބުނީ ލޫކާ ޒިދާން އަކީ މި ޓީމުގެ ކުޅުންތެރިއެއްކަމަށާއި އޭނާ އަކީ ޓީމުގެ ތިން ވަނަ ކީޕަރުކަމަށެވެ. އަދި އޭނާގެ ދަރިފުޅަށް ވެގެން ފުރުސަތު ނުދޭނެކަމަށާއި، އޭނާއަށް ލޫކާ ޒިދާންއެކޭ އެހެން ކުޅުންތެރިންނެކޭ ވާނީ ހަމަހަމަ ކަމަށެވެ.

ނަމަވެސް އޭނާގެ ފުރަތަމަ މެޗުގައި މޮޅުވެގެން ފޭބުމުން އުފާވާކަމަށް ޒިދާން ބުންޏެވެ. އޭނާ އަދި ބުނީ ޓީމުގެ ކުޅުންތެރިންގެ ތެރެއިން ސީނިއަރ ބައެއް ކުޅުންތެރިންނަށް ފުރުސަތު ދިނީ ޒުވާން ކުޅުންތެރިން ޓެސްޓްކޮށްލައި ޓީމު ބިނާކުރުމުގެ ގޮތުން ކަމަށެވެ. އަނެއް ސަބަބަކީ ތަށި ނުލިބޭނެކަން ޔަގީންވާއިރު ބައެއް ސީނިއަރ ކުޅުންތެރިން މޯޓިވޭޓް ކުރަން ދަތިވާތީ ކަމަށެވެ.

ޒިދާން ބުނީ ޓީމުގެ ސީނިއަރ ކުޅުންތެރިންގެ ތެރެއިން އަންނަ ސީޒަނުގައި ވެސް ޓީމުން ޖާގަ ޔަގީންވާ އެއް ކުޅުންތެރިއަކީ ރޭގެ މެޗުން އެޓީމް މޮޅުކޮށްދިން ފޯވަޑް ކަރީމް ބެންޒެމާ ކަމަށެވެ.