ޚަބަރު

އަމާންކަން ނެތިދަނީ ޤާނޫނުތަކުން ލިބިދޭ ދޫތަކުން - އުމަރު


ރާއްޖޭގެ އަމަން އަމާންކަން މިހާ ދަށުދަރަޖައަކަށް ވެއްޓުމުގެ މައިގަނޑު އެއް
ސަބަބަކީ، ރާއްޖޭގައި ހެދިފައިވާ ޤާނޫނުތަކުން ލިބިދޭ ދޫތަކުގެ ނާޖާއިޒު ފައިދާ
ބައެއް ފަރާތްތަކުން ނަގަމުންދިޔުން ކަމަށް ހޯމް މިނިސްޓަރ އުމަރު ނަސީރު
ވިދާޅުވެއްޖެއެވެ.
އެމް.ބީ.ސީ ނިއުސްއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި ހޯމް މިނިސްޓަރ އުމަރު ނަސީރު
ވިދާޅުވީ، ކުށުގެ ވެއްޓަށް ހޭނިފަ ތިބި މީހުން ކުށްތަކަށް އަރައިގަނެ ކުށް ތަކުރާރު
ކުރަމުންދަނީ، އާއްމު ރައްޔިތުންނަށް ލިބިދޭ އަސާސީ ހައްޤުތައް ނާޖާއިޒުގޮތުގައި
ބޭނުންކޮށްގެންކަން ފާހަގަކުރެވިފައިވާކަމަށެވެ. ދުނިޔޭގެ އެހެން ގައުމުތަކުގައި
ކުށްވެރިންނާއި، ކުށަށް އަރައިގަންނަ މީހުންނަށް ޚާއްސަ ޤާނޫނުތަކަކާއި،
ޤަވާއިދުތަކެއް ހަދައިގެން، އެމީހުންނާއި ދޭތެރޭ ޚާއްސަ ގޮތްތަކެއް އަބަދުވެސް
ގެންގުޅޭ ކަމަށާއި، ތަންފީޒީ އިދާރާތައް ހަރުދަނާކޮށް، ކުށުގެ ވެށި
ސާފުކުރުމަށްޓަކައި ރާއްޖޭގައިވެސް އެފަދަ ނިޒާމެއް ޤާއިމުކުރަންޖެހިފައިވާ ކަމަށް
މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ އުމަރު ނަސީރު ވިދާޅުވީ، ކޮންމެ ޤާނޫނެއް ހެދިކަމުގައިވިޔަސް،
އެޤާނޫނުތައް އެކަށީގެންވާ ވަރަށް ތަންފީޒުނުކުރެވޭ ނަމަ، އޭގެ އަސަރެއް
މުޖުތަމައުތެރެއިން ފެނިގެން ނުދާނެކަމަށާއި، ރާއްޖޭގައިވެސް ދިމާވެފައިވާ އެންމެ
ބޮޑު މައްސަލައަކީ އެއީ ކަމަށެވެ. މިކަންކަން ހައްލުކުރުމަށްޓަކައި ރާއްޖޭގައި
ކުރިން ހެދިފައިވާ ޤާނޫނުތައް އިސްލާޙްކޮށް، އަލަށް ގެނެވޭ ބަދަލުތަކުގެ ސަބަބުން،
ކުށްވެރިން ހޯދައި، އެމީހުންގެ މައްޗަށް ހައްޤު އަދަބު ކަނޑައެޅުމުގައި ތަންފީޒީ
އިދާރާތަކަށް ލުއިފަސޭހަތަކެއް ލިބިގެންދާނެކަމަށާއި، އެކަމަށް ކުރަންޖެހޭ ޚަރަދު
ވަރަށް ބޮޑުތަން ސަލާމަތްކުރެވިގެންދާނެކަމަށް މިނިސްޓަރ އުމަރު ވިދާޅުވިއެވެ.



ރާއްޖޭގައި ހެދިފައިވާ ޤާނޫނުތަކާއި، ޤަވާއިދުތަކުގެ
ނާޖާއިޒު ފައިދާނަގައިގެން ކުށުގެ ވެށި ތަޤައްޔަރުކުރުމަށް މަސައްކަތްކުރަމުންދާ
ފަރާތްތަކަށް ހުޅުވިފައިވާ ދޮރުތައް ލައްޕާ، އެފަދަ ފަރާތްތައް ޤާނޫނުގެ
ކުރިމައްޗަށް ގެނެސް، ހައްޤު އަދަބު ދިނުމަށް މި ސަރުކާރުން އެންމެ ތަންކޮޅެއްވެސް
ފަހަތަކަށް ނުޖެހޭނެކަން ހޯމް މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި ޤައުމުގައި
އަމަންއަމާންކަން ޤާއިމުކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް އެއްވެސް
ވަރުބަލިކަމެއް ނެތި ކުރައްވާނެކަމަށާއި، ރައްޔިތުންނަށް އަމާން ރައްކާތެރިކަމާއި،
މާޙައުލެއް ޤާއިމުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ހެޔޮ
ނަތިޖާ ސަރުކާރުގެ ފަސް އަހަރުގެ ދަޢުރު ނިމިގެންދާއިރު ފެނިގެންދާނެކަމަށްވެސް
ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވިއެވެ.