ޚަބަރު

ބިދޭސީން ގެނައުމުގައި އޮޅުވާލާފައިވާ ފަރާތްތަކަށް އިމިގްރޭޝަނުން ފިޔަވަޅުއަޅަން ފަށައިފި


‎ބިދޭސީ މަސައްކަތްތެރިން ގެނައުމުގެ މަރުޙަލާގައި މަކަރާއި ޚިޔާނާތުގެ މައްސަލަތަކެއް އުޅޭކަމަށް ތުހުމަތުކުރެވޭ މައްސަލަތަކުގެ ތަޙްޤީގުތަށް ފަށައި 27 ކުންފުންޏަކަށް އިދާރީ ފިޔަވަޅު އަޅައިފިއެވެ.

އިމިގްރޭޝަނުން ވިދާޅުވީ، ބިދޭސީ މަސައްކަތްތެރިން ދިވެހިރާއްޖެއަށް ގެނައުމުގެ މަރުޙަލާގައި ޤަވާޢިދާ ޚިލާފު ގިނަ ކަންތައްތަކެއް ކޮށްފައިވާކަމަށް ތުހުމަތުކުރެވުމާއި ބިދޭސީން ގެނައުމަށްފަހު ޒިންމާތައް އަދާކުރުމުގައި އިހުމާލުވެފައިވާކަމަށް ފާހަގަކުރެވުމާ ގުޅިގެން، މިއަހަރުގެ މިހާތަނަށް 67 ފަރާތެއްގެ މައްސަލަ މޯލްޑިވްސް އިމިގްރޭޝަނުން ތަހުޤީގު ކުރަމުންދާކަމަށެވެ.

ތަޙްޤީގުކުރާ މައްސަލަތަކުގެ ތެރޭގައި ޢާންމު ފަރުދުންނާއި، ކުންފުނިތައް ހިމެނޭކަމަށާއި، މިފަރާތްތަކުގެ ތެރެއިން މިއަދާއި ހަމައަށް 27 ކުންފުންޏަކަށް އިދާރީ ފިޔަވަޅު އަޅާފައިވާކަމަށް އިމްގްރޭޝަނުން މައުލޫމާތުދެއްވައެވެ.

ބިދޭސީ މަސައްކަތްތެރިން ގެނައުމަށްޓަކައި ކޯޓާ ހޯދުމަށް އޮޅުވާލުމުގެ ނިޔަތުގައި ޢަމަލުތައް ހިންގާފައިވާކަން ތަޙުޤީގު މަރުޙަލާގައި މިހާތަނަށް ފާހަގަކުރެވިފައިވާކަމަށާ، އެގޮތުން ސައްޙަނޫން ލިޔެކިޔުންތައް ހުށަހަޅާފައިވުމާއި، މަސައްކަތްތަކާއި މަޝްރޫޢުތަކަށް ބޭނުންވާ އަދަދަށްވުރެން އިތުރަށް ބިދޭސީން ގެނައުމުގެ ހުއްދަ ދޫކޮށްފައިވާކަން ފާހަގަކުރެވިފައިކަމަށް އިމިގްރޭޝަނުން ވިދާޅުވޭ.

މި މައްސަލަތައް އިތުރަށް ދިރާސާކޮށް، ތަހުޤީޤު މަރުޙަލާތައް ކުރިއަށް ގެންދިއުމަށްޓަކައި ސަރުކާރުގެ ކަމާ ގުޅުންހުރި އެހެން އިދާރާތަކާ ގުޅިގެން އިމްގްރޭޝަނުންދަނީ މަސައްކަތް ކުރަމުންނެވެ. އަދި ކަމާގުޅުންހުރި ކިތާބީ ހެކި ހޯދައި މޯލްޑިވްސް ޕޮލިސް ސަރވިސަސްއާ ގުޅިގެން މިމައްސަލަތަކަށް ދަޢުވާ ކުރުމަށްޓަކައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާނެކަމަށްވެސް އިމިގްރޭޝަނުން ވިދާޅުވިއެވެ.

ރާއްޖޭގައި މަސައްކަތްކުރުމަށް ދޮޅުލައްކައާ ގާތްކުރާ ޢަދަދަކަށް ބިދޭސީން އައިސްއުޅޭއިރު އޭގެތެރެއިން ފަސްދޮޅަސް ތިންޙާސް މީހުންނަކީ ޤަވާއިދާ ޚިލާފަށް އުޅޭ މީހުންކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ވަނީ ވިދާޅުވެފައެވެ. މިއާއެކު އުފެދެމުންދާ ތަފާތު މައްސަލަތަކާއި ގުޅިގެން ރާއްޖޭގައި މަސައްކަތްކުރުމަށް ގެންނަ ބިދޭސީންގެ ހުއްދައިގެ ކަންކަން އަންނަ އާދިއްތަ ދުވަހުން ފެށިގެން އިކޮނޮމިކް މިނިސްޓްރީން ކުރިއަށްގެންދިއުމަށް މިހާރުވަނީ ނިންމާފައެވެ.