އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ތަޙްޤީގް ރިޕޯޓުގައި އެސް.އޯ.އެފުން ޑޮލަރު ޖަމާކުރިކަމަށް ބުނެފައިވާ، ސިފައިންގެ ދެ އޮފިސަރަކު ގޭގައި މަޑުކުރުމަށް އަންގައިފިއެވެ.
ޕީ.އެސް.އެމް ނިއުސްއަށް މައުލޫމާތުދެއްވަމުން އެމް.އެން.ޑީ.އެފްގެ އިންފޮމޭޝަން އޮފިސަރ ކެޕްޓަމް އިބްރާހިމް ޢާޒިމް ވިދާޅުވީ މޭޖަރ އިބްރާހިމް ނަވީން ޒުބައިރާއި، ސަރޖަންޓް އިސްމާއީލް ޝަކީބް ގޭގައި މަޑުކުރުމަށް އަންގާފައިވަނީ، އެންޓި ކޮރަޕްޝަން ކޮމިޝަނުން އާންމުކުރި ރިޕޯޓާއި ގުޅިގެން ސަރުކާރުން ބައްލަވަމުން ގެންދަވާ މައްސަލާގައި އެޅުއްވި ފިޔަވަޅެއްގެ ގޮތުންކަމަށެވެ.
ސިފައިންގެ ދެ ބޭކަލުންނަށް ފިޔަވަޅު އަޅާފައި މިވަނީ، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަ ތަހުގީގުކޮށް އޭސީސީން ނެރުނު ރިޕޯޓުގައި، އެސް.އޯ.އެފުން ޑޮލަރު ޖަމާކުރިކަމަށް ބުނެފައިވާ، މޭޖަރ ނަވީން ޒުބެއިރާމެދު ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް ފިޔަވަޅު އަޅުއްވާނެ ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވެފައިވަނިކޮށެވެ.
މި ސަރުކާރުގައި ކޮރަޕްޝަނަށް އޮންނާނީ "ޒީރޯ ޓޮލަރެންސް"ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙު ވިދާޅުވިތާ ގިނަ ދުވަސްތަކެއް ނުވަނީސް އެންޓިކޮރަޕްޝަން ކޮމިޝަނުން އާންމުކުރި އެމް.އެމް.ޕީ.އާރުސީގެ ޚިޔާނާތުގެ މައްސަލައިގެ ރިޕޯޓުގައި ސަރުކާރަށް ނިސްބަތްވާ ވަޒީރަކާއި ޑެޕިއުޓީ މިނިސްޓަރަކާއި ކުންފުންޏެއްގެ އިސްވެރިއެއްވެސް ގޭގައި މަޑުކުރުމަށް ސަރުކާރުން ވަނީ އަންގާފައެވެ.