ޚަބަރު

އިންގްލޭންޑުގެ ޤައުމީ ސްކޮޑުގައި ހިމެނުނު ވަގުތަކީ ހަޔާތުގައިވެސް އެންމެ އުފާވި ވަގުތު - ޑެކްލަން ރައިސް



ގައުމީ ސްކޮޑްގައި ހިމެނުނުކަން އެނގުނު ވަގުތަކީ ހަޔާތުގައިވެސް އައި އެންމެ އުފާވެރި ވަގުތު ކަމަށް އަލަށް އިންގްލޭންޑްގެ ގައުމީ ޓީމްގައި ހިމެނުނު ޑެކްލަން ރައިސް ބުނެފިއެވެ.

އުމުރުން 20 އަހަރުގެ ވެސްޓަހަމް ޔުނައިނެޑަށް ކުޅޭ މިޑްފީލްޑަރ ބުނީ ގައުމީ ސްކޮޑްގައި ހިމެނުމަކީ ކުޑައިރުއްސުރެވެސް ދެކުނު އެންމެ ބޮޑު ހުވަފެންކަމަށާއި އެ ހުވަފެން ހަގީގަތަކަށް ވުމުން ކުރެވުނީ ބުނެދޭން ނޭނގޭ އުފަލެއްކަމަށެވެ. އަދި ގައުމީ ސްކޮޑްގައި ހިމެނުމަކީ ލިބޭ ބޮޑު ފަހުރެއް ކަމަށްވެސް ރައިސް ބުންޏެވެ.

ކުޑައިރު އަޔަރލޭންޑަށް ކުޅެ، އަޔަރލޭންޑްގައި ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ރައިސް ބުނީ އިންގްލޭންޑަށް ކުޅެން ނިންމި ނިންމުމަކީ އުނދަގޫ ނިންމުމެއް ނަމަވެސް މުސްތަގުބަލަށް ވިސްނައި ބަލާނަމަ އޭނާއަށް އެންމެ ރަނގަޅު ފުރުސަތެއް ފެނުނީ އިންގްލޭންޑް ޓީމާއެކު ކަމަށެވެ. އަދި އަޔަރލޭންޑްގައި ކުރެވުނީ ރަނގަޅު ތަޖުރިބާއެއް ކަމަށާއި ނަމަވެސް މިވަގުތަކީ ކުރިމަގަށް ވިސްނަންވީ ވަގުތުކަމަށް ރައިސް ބުންޏެވެ.

ރައިސް އިންގްލޭންޑްގެ ގައުމީ ޓީމަށް ކުޅެން ނިންމުމާ ގުޅިގެން އޭނާއަށް ވަނީ ގިނަ ފާޑުކިޔުންތަކެއް އަމާޒުވެފައެވެ. ނަމަވެސް އިންގްލޭންޑުން ވަނީ މިހާރުވެސް ރައިސް ބަލައިގަނެފައެވެ. އެގޮތުން އިނގެރޭސި ލެޖެންޑް ގެރީ ލިނެކަރ ވެސް ވަނީ ރައިސްއަކީ އެމީހުންގެ މީހެއް ކަމަށް ބުނެ ސޯޝަލް މީޑިޔާގަ މަރުހަބާ ކިޔާފައެވެ.