ހުޅުމާލޭގައި ޢާއްމު ފާޚަނަތައް ހެދުމާއި މޫދަށްއެރޭ ސަރަޙައްދަށް ބޭނުންވާ ވަސީލަތްތައް ޤާއިމުކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީން ވިދާޅުވެއްޖެއެވެ. ހުޅުމާލޭގައި އާއްމު ފާޚަނަބަރި ހަދަނީ "ރުއްގަނޑު 2" ސަރަޙައްދުގައެވެ.
ހުޅުމާލޭގައި ޢާއްމު ފާޚާނަތައް ހެދުމާއި ހުޅުމާލެ މޫދަށްއެރޭ ސަރަޙައްދުގައި ފަސޭހަކަމާއިއެކު ރޭގަނޑު މޫދަށް އެރުމުގެ އިންތިޒާމް ހަމަޖެއްސުމަށް ލައިޓް ހަރުކޮށްދިނުމަކީ ސަރުކާރުގެ ފުރަތަަމަ 100 ދުވަހުގެ ތެރޭގައި ކުރުމަށް ނިންމާފައިވާ ކަންކަމެވެ.
މި މަސައްކަތްތައް ކުރިއަށްދާ ގޮތާާގުޅޭ މަޢޫލޫމާތު ޕީއެސްއެމް ނިއުސްއާ ޙިއްސާކުރައްވަމުން އެޗްޑީސީން ވިދާޅުވެފައިވަނީ މިމަސައްކަތްތައް ކުރިއަށް ގެންދާނެގޮތުގެ ޕްލޭންތައް މިހާރު ހަދާފައިވާކަމަށާ، ފާޚާނަބަރި ހެދުމާއި ލައިޓް ހަރުކުރުމުގެ ޢަމަލީ މަސައްކަތް ވަރަށް އަވަކަށް ފަށާނެކަމަށެވެ. ޢާއްމު ފާޚަނަބަރިތައް ހެދުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭގެ 2ވަނަ ރުއްގަނޑު ސަރަޙައްދުގައެވެ.
ޖުމްލަ 6 ފާޚާނާ ހިމެނޭ މި ފާޚާނަ ބަރީގައި ފިރިހެން ތިން ފާޚަނައާއި،އަންހެން ތިން ފާޚަނަ ހިމެނޭ ކަމަށް އެޗްޑީސީން މަޢޫލޫމާތުދެއެވެ. ފާޚަނާތަކުގައި އެއްޗެހި ބެހެއްޓޭގޮތަށް ލޮކަރާއި، އަތް ދޮވުމަށާއި މޫނުދޮވުމަށް ޚާއްސަ ބަޔަކާއި ތުއްތުކުނދިންގެ ޑައިޕަރ ބަދަލުކުރާ ބައެއްވެސް ހުންނާނެކަމަށް އެޗްޑީސީން ވިދާޅުވެއެވެ.
އެޗްޑީސީން ވިދާޅުވެފައިވަނީ މިއިން ކޮންމެ ފާޚާނަ ބަރިއެއްގައިވެސް ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޚާއްސަ ފާޚަނައެއް ހުންނާނެކަމަށެވެ. މިއީ ސަރުކާރުގެ 100ދުވަހުގެ ތެރޭގައި ނިންމުމަށް ޕްލޭން ކުރި މަސައްކަތެއް ނަމަވެސް މިމަސައްކަތުގެ ޢަމަލީ މަސައްކަތް އަދި ފަށާފައެއްނުވެއެވެ.
ފާޚާނާބަރިތައް ހެދުމުގެ މަސައްކަތްކުރާ ހުޅުމާލެ ދެވަނަ ރުއްގަނޑު ސަރަޙައްދަކީ ހުޅުމާލޭގައި މޫދަށް އެރޭ ޓްރެކް ހަދާފައިވާ ސަރަޙައްދެވެ. މި މަޝްރޫއުއާއިއެކު އެސަރަޙައްދަށް ރޭގަނޑު މޫދަށް އެރޭ މީހުންގެ ރައްކާތެރިކަމަށްޓަކައި، ލައިޓް ހަރުކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ. އަދި މޫދަށް އެރޭ މީހުންގެ ބޭނުންކުރުމަށް އެސަރަޙައްދުން ސާފުފެން ލިބޭނެ އިންތިޒާމްވެސް ވަރަށް އަވަހަށް ހަމަޖައްސާނެކަމަށް އެޗްޑީސީން ވިދާޅުވެއެވެ.
މާލޭ ސަރަޙާއްދުގައި ދަތުރުދިއުމަށް ޚާއްސަ ތަނެއް ނެތުމުގެ ސަބަބުން ވިލިނގިއްޔާއި ހުޅުމާލެއަކީ ގިނަ ބަޔަކު މޫދަށް އެރުމާއި ދަތުދިއުމަށް ބޭނުންވާ ދެރަށެވެ. އަދި މާލެއާއި ހުޅުމާލެ އެއްޤަމު ދަތުރުފަތުރުގެ ނިޒާމަކުން ގުޅާލުމާއެކު ހުޅުމާލެއަށް މޫދަށް އެރުމަށާއި، އެހެނިހެން ބޭނުންތަކުގައި ދަތުރުކުރާ ފަރާތްތައްވަނީ ވަރަށްވެސް ބޮޑަށް އިތުރުވެފައެވެ.