ޚަބަރު

ފޮރިން މިނިސްޓަރ ޝާހިދު، ސިންގަޕޫގެ ފޮރިން މިނިސްޓަރާ ބައްދަލުކުރައްވައިފި


ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ސިންގަޕޫރުގެ ފޮރިން މިނިސްޓަރ ޑރ.ވިވިއަން ބާލަކްރިޝްނަން އާ ބައްދަލުކުރައްވައިފިއެވެ.

ސިންގަޕޫރުގެ ޚާރިޖީ ވުޒާރާގައި މިއަދު ބޭއްވެވި މިބައްދަލުކުރެއްވުމުގައި މިނިސްޓަރ ޢަބްދުﷲ ޝާހިދުވަނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ރާއްޖޭގެ ވެރިކަމާ ޙަވާލުވެވަޑައިގެން ރާއްޖެ ތަރައްޤީކުރެއްވުމަށް ގެންގުޅުއްވާ ސިޔާސަތުތައް ސިންގަޕޫރުގެ ފޮރިން މިނިސްޓަރާ ހިއްސާކުރައްވާފައެވެ.

މިބައްދަލުކުރެއްއްވުމުގައި ދެޤައުމުގެ ވަޒީރުން ވަނީ އެޤައުމުގެ ދެމެދުގައި އޮތް ގާތްގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ދެޤައުމުންވެސް ޝައުޤުވެރިވާ ދާއިރާތަކާތަކުން ކުރިއަށްއޮތްތަނުގައި އިތުރަށް ގުޅުންބަދަހި ކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

މިބައްދަލުކުރެއްވުމުގައި ސިންގަޕޫރުގެ ޚާރިޖީ ވަޒީރުވަނީ ރާއްޖެއިން އަލުން ކޮމަންވެލްތާ ގުޅެން ނިންމެވި ނިންމެވުމަށް މަރުޙަބާ ދަންނަވާފައެވެ. އަދި އެމަނިކުފާނުވަނީ ރާއްޖެއިން ބައިނަލްއަޤްވާމީ މައިދާނުގައާއި ތިމާވެށީގެ ދާއިރާގައި ކުރައްވަމުންގެންދަވާ މަސައްކަތް ފާހަގަކުރައްވައި އެކަމަށް ހިތްވަރުދެއްވާފައެވެ.

މިބައްދަލުވުމުގައި މިނިސްޓަރ ޝާހިދުވަނީ ސިންގަރޕޫރުން ރާއްޖޭގެ ތަރައްޤީއަށް ވެދެއްވަމުންގެންދަވާ އެހީތެރިކަން ފާހަގަކުރައްވައި އެޤައުމުގެ ޚާރިޖީ ވަޒީރަށް ޝުކުރުއަދާކުރައްވާފައެވެ.
މިބައްދަލުކުރެއްވުމުގައި ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދުގެ އަރިހުގައި ރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ.ޢަބްދުﷲ މަޢުސޫމްއާއި އެޤައުމުގައި ހުންނަ ދިވެހި އެމްބަސީގެ އިސް ފަރާތްތަކުން ބައިވެރިވެލެއްވިއެވެ.