ވަރުގަދަ ޕީއެސްޖީ ބަލިކުރުމަށް މެންޗެސްޓާ ޔުނައިޓެޑް ހިތްވަރު ހޯދީ އަޔެކްސް އިން ރެއާލް މެޑްރިޑް ބަލިކުރި މެޗުން ކަމަށް ޔުނައިޓެޑުން ބުނެފި އެވެ.
ކޯޗު އޮލޭގަނާ ސޮލިޝަޔާ ބުނީ އޭނާގެ ޓީމަށް އެންމެ ބޮޑަށް ވިސްނައިދިނީ އެ ނަތީޖާ ކަމަށާއި މެޗުގެ ކުރީ ރޭ ޔުނައިޓެޑްގެ އެންމެންވެސް ދެއްކީ އެވާހަކަ ކަމަށެވެ.
ޔުނައިޓެޑްގެ ކުރީގެ ފޯވަޑް ސޮލިޝަޔާ ބުނީ މީގެ ދެ އަހަރު ކުރިން 4-0އިން ބަލިވެފައިވަނިކޮށް ބާސެލޯނާއިން ޕީއެސްޖީ ކަޓުވާލި މެޗާއި މިދިޔަ އަހަރުގެ މުބާރާތުގައި ޔުވެންޓަސް އަތުން ރެއާލް މެޑްރިޑް މޮޅުވުން ފަދަ ނަތީޖާތަކުން އޭނާގެ ކުޅުންތެރިން ހިތްވަރު ހޯދި ކަމަށެވެ.
ސޮލިޝަޔާ ބުނީ ޔުނައިޓެޑުން އެންމެ ބޭނުންވީ މެޗުގެ ކުރީކޮޅު ގޯލެއް ޖަހަން ކަމަށާއި ނަމަވެސް ދެ ވަނަ މިނިޓްގައި ޕީއެސްޖީ ކޮޅަށް ގޯލެއް ޖެހޭނެ ކަމަށް އުއްމީދު ވެސް ނުކުރާ ކަމަށެވެ.
އަދި ފަހު މިނިޓްގައި ލިބުނު ޕެނަލްޓީ މާކަސް ރަޝްފޯޑް ޖެހިއިރު އެއްވެސް ހާސްކަމެއް ނެތުމުން އޭނާ ވަރަށް އުފާކުރި ކަމަށެވެ. ސަބަބަކީ ރަޝްފޯޑަކީ އެންމެ 21 އަހަރުގެ ޒުވާން ކުޅުންތެރިއަކަށްވެފައި އަވަގުތު އޭނާ އަށް އޮންނާނެ ޕްރެޝަރު ވިސްނޭތީ ކަމަށެވެ.
ރޭގެ މެޗަށް ޔުނައިޓެޑުން ދިޔައީ އެ ޓީމުގެ ކުރީގެ ކޯޗު އެލެކްސް ފާގަސަން ވެސް އެޑްވައިޒަރެއްގެ ގޮތުގައި ގޮވައިގެންނެވެ. އޭނާ އަކީ 27 އަހަރު ޔުނައިޓެޑަށް ކޯޗުކޮށްދީ ކުލަބުގެ އެންމެ ކާމިޔާބު ކޯޗެވެ.