މ.އޯކްވިލާގައި ހުރި ލިލީ ސްޓޯރުގެ ގުދަނުގައި ރޭ ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން އެ ގުދަނާއި، އެތަނުގެ ވަށައިގެން ހުރި ގެތަކަށް ލިބުނު ގެއްލުންތައް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޑރ. މުޙައްމަދު ޖަމީލު އަޙުމަދު ބައްލަވާލައްވައިފިއެވެ.ރޭ ހިނގި މި އަލިފާނުގެ ހާދިސާގައި އެ ގުދަނުގެ ވަށައިގެން ހުރި ގެތަކަށް ދުމުގެ އަސަރު ކުރުމުގެ އިތުރުން ބައެއް ގެތަކުގައި ވަނީ މީހުން ދިރިނޫޅެވޭ ވަރަށް އަލިފާނުގެ އަސަރުކޮށްފައެވެ.ނައިބު ރައީސް ވަނީ އެ ސަރަހައްދުގެ ގެތަކަށް ޒިޔާރަތްކޮށް ގެތަކުގެ މީހުންނާއި ބައްދަލްކޮށް، އެ ފަރާތްތަކުގެ ހާލު ބައްލަވާލައްވާފައެވެ.ނައިބު ރައީސްއާއެކު ޑިފެންސް މިނިސްޓަރ މޫސާ އަލީ ޖަލީލާއި، ރައީސް އޮފީހުގެ މިނިސްޓަރ އަބްދުﷲ އަމީންވެސް ވަނީ އެ ސަރަހައްދަށް ވަޑައިގެން ގެއްލުންތައް ބައްލަވާލައްވާފައެވެ.ލިލީސްޓޯރުގެ ގުދަނުގައި ރޯވި އަލިފާން ގަނޑު ކޮންޓްރޯލް ކުރެވުނީ އަލިފާން ރޯވިތާ ދެ ގަޑިއެއްހާއިރު ފަހުންނެވެ.ގައުމީ ދިފާއީ ބާރުން ވަނީ އަލފާނުގެ ހަދިސާ ކޮންޓްރޯލްކުރުމުގައި އެ ފަރާތްތަކަށް އެއްބާރުލުން ދެއްވި ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.އެމް އެން ޑީ އެފުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިފަދަ ކޮންމެ އިންސާނީ ޚިދުމަތެއް ފޯރުކޮށްދިނުމުގައި ދިވެހި ލޮބުވެތި ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކުރާކަމަށެވެ.އާންމުންގެ އެއްބާރުލުން ފާހަގަކޮށް ފުލުހުން ވެސް ވަނީ އެކަން ފާހަގަކޮށް ބަޔާނެއް ނެރެފައެވެ. ފުލުހުންގެ ބަޔާނުގައި އަލިފާންގަނޑު ނިއްވާ ލުމުގެ މަސައްކަތުގައި އެސަރަޙައްދުގައި ހުރި ގޭގޭގައި ދިރިއުޅޭ މީހުން ސަލާމަތްކޮށް ރައްކާތެރި ސަރަޙައްދުތަކަށް ގެންދިއުމުގައި ދިވެހި ފުލުހުންނާ ދިވެހި ސިފައިންނާއެކު ލޮބުވެތި ރައްޔިތުން ބައިވެރިވެ ފޯރުކޮށްދީފައިވަނީ ލާމަސީލު އެހީތެރިކަމެއް ކަމަށް ފާހަގަކޮށްފައިވެއެވެ.