ޚަބަރު

ބޮޑު ޚިޔާނާތާ ގުޅިގެން މިހާރުބަލާ މައްސަލަތައް ނިމުމުން ގިނަކަންކަން ހާމަވާނެ - އޭސީސީ


އެމް.އެމް.ޕީ.އާރުސީގެ ބޮޑު ޚިޔާނާތާ ގުޅިގެން އިތުރަށް ބަލަމުންދާ ކަންކަން ނިމުމުން ރައްޔިތުން ބޭނުންވާ ގިނަ ސުވާލުތަކެއްގެ ޖަވާބު ލިބިގެންދާނެކަމަށް އެންޓިކޮރަޕްޝަން ކޮމިޝަން އޭ.ސީ.ސީން ވިދާޅުވެއްޖެއެވެ.

މިމަހުގެ 14 ވަނަ ދުވަހު އާންމުކުރި އެމް.އެމް.ޕީ.އާރުސީގެ 1.3 ބިލިޔަން ރުފިޔާގެ ކޮރަޕްޝަނުގެ ތަޙްޤީގީ ރިޕޯޓްގައި ސާފުނުވާ ކަންތައްތަކެއް ހުރިކަމަށްބުނެ ޤާނޫނީ ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި ދެންނެވި ސުވާލަކަށް ޖަވާބުދެއްކަމުން އޭ.ސީ.ސީގެ ނާއިބު ރައީސް މުއައްވިޒު ރަޝީދު ވިދާޅުވީ އެކޮމިޝަނުން ނެރުނު ރިޕޯޓުގެ އިތުރުން އިތުރު ފަސްކަމެއް މިމައްސަލައާ ގުޅިގެން ބައްލަވަމުންދާކަމަށެވެ.

"ރިޕޯޓް ކިޔާލައިފިއްޔާ ހަމަ ފާހަގަކުރެވޭނެ އަޅުގަނޑުމެންނަށް ފުރިހަމަ ނުވެހުރި ކަންތައްތައް ރިޕޯޓުގައިވެސް އޮންނާނެ ފާހަގަކޮށްފައި. އެކަންތައްތަކަކީ އޭސީސީން އިތުރަށް ތަޙްޤީގުކުރަމުންދާ މައްސަލަތަކެއްގެ ގޮތުގައި، އެހެންވީމަ އެކަމާއި ގުޅިގެން ޒިންމާވާ ފަރާތްތަކާއި ސުވާލުކުރެވޭނެ. ބަލަމުންދާ ފަސްކަން ނިމޭއިރު ބޭނުންވާ ސުވާލުތަކަށް ޖވާބުލިބޭނެ" މުޢައްވިޒް ވިދާޅުވިއެވެ.

މުޢައްވިޒް ވިދާޅުވީ އެމް.އެމް.ޕީ.އާރުސީގެ ކޮރަޕްޝަން މައްސަލަ ތަޙްގީގުކުރިއިރު ކަމާގުޅުހުރި އިދާރާތަކުން ޢާންމުކުރި މައުލޫމާތާއި، ބައެއް އަމިއްލަ ފަރާތްތަކުން ހާމަކުރި ކަންކަމަށްވެސް ރިޢާޔަތްކޮށް ބައެއް ކަންކަމުގެ ތަޙްޤީގުނިންމައި ކަމާއިގުޅުންހުރި އިދާރާތަކަށް އޭރުވެސް ފޮނުވާފައި ވާނޭކަމަށެވެ.

އަދި މިހާރު ބަލަމުންދާ އެމް.އެމް.ޕީ.އާރުސީއާ ގުޅުހުންހުރި މައްސަތަކުގެ ތެރޭގައިވެސް ކުރީގެ ނާއިބުރައީސް އަޙްމަދު އަދީބާ ގުޅުންހުރި މައްސަލަތައްހިމެނޭކަމަށާ މީގެ އިތުރުން މާފަރު އެއަރޕޯޓު މަޝްރޫޢާގުޅޭ މައްސަލަތަކާއި ފެނަކަ ކޯޕަރޭޝަނާއި، ވެމްކޯއާ ގުޅުންހުރި މައްސަލަތަކުގެ އިތުރުން، ސީލައިފް ފްލެޓް މަޝްރޫޢާއި އެމް.އެމް.އޭގެ ފައިނެންޝަލް އިންޓެލިޖެންސުން ސަސްޕިޝަސް ޓްރާންސެކްޝަންތަކެއްގެ ގޮތުގައި އޭ.ސީސީއަށް ހުށައަޅާފައިވާ މައްސަލަތަކެއްގެ ތަޙްޤީގުތައްވެސް ކުރިއަށްދާކަމަށް މުޢައްވިޒް ވިދާޅުވިއެވެ.

އެކޮމިޝަނުން ބުނީ މިމަހުގެ 14ވަނަ ދުވަހު އާންމުކުރި އެމް.އެމް.ޕީއާރުސީގެ ކޮރަޕްޝަންގެ މައްސަލައިގެ ރިޕޯޓު ޢާންމުކުރުން ލަސްވެގެންދިޔަނަމަވެސް މިހާރު ބަލަމުންދާ މައްސަލަތަކުގެ ތަޙްޤިގުތައް ވީއެންމެއަވަހަށް ނިންމުމަށްފަހު އާންމުކުރައްވާނެކަމަށެވެ.