ޚަބަރު

ރާއްޖޭގައި ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔެވޭނެ އިންތިޒާމް ހަމަޖައްސައިފި


ދިވެހިރާއްޖޭގައި ފުރަތަމަ ޑިގްރީއަށް ހިލޭކިޔެވޭނެ އިންތިޒާމް ސަރުކާރުން ހަމަޖައްސާ، އެކަމަށް ކުރިމަތިލުމުގެ ފުރުޞަތު މިއަދު ހުޅުވާލައިފިއެވެ.

ފުރަތަމަ ޑިގްރީއަށް ކިޔެވުން ހިލޭކުރުން ރަސްމީކޮށް އިފްތިތާޙްކޮށްދެއްވީ އެކަމަށްޓަކާ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އޮޑިޓޯރިއަމްގައި ބޭއްވި ޙާއްސަ ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ.

ދިވެހިރާއްޖޭގައި ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔަވައިދިނުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ އެންމެ މުހިއްމު އެއް ރިޔާސީ ވަޢުދުފުޅެވެ. މި ވަޢުދުފުޅު ހަޤީޤަތަކަށް ހައްދަވައިދެއްވާ، އެކަން ރަސްމީކޮށް އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވީ، ތަޢުލީމީ ޒުވާން ޖީލެއް ބިނާކުރުމަކީ މުޅި ޤައުމުގެ ތަރައްޤީގެ މުހިއްމު ހިއްސާއެއްކަމަށެވެ. ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ އެންމެ މުހިއްމު ބޭނުމަކީ ރާއްޖޭގައި ތިބެގެން މަތީ ތަޢުލީމު ޙާސިލުކުރުމުގެ ފުރުޞަތު ފަހިކޮށްދިނުންކަމަށާއި، މިއީ އެއްވެސް ސަރުކާރުކަރުން މިހާތަނަށް ފަހިކޮށްދީފައިނުވާ ފަދަ އަގުހުރި ފުރުޞަތެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ޞާލިޙު ވިދާޅުވީ، މިއަދުން ފެށިގެން ސަރުކާރުގެ ދެ ޔުނިވަރސިޓީކަމުގައިވާ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާއި، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީން ހިންގާ ފުރަތަމަ ޑިގްރީ ކޯސްތައް މުޅިން ހިލޭ ކިޔެވޭނެކަމަށެވެ.

"ސަރުކާރުގެ 2 ޔުނިވަރސިޓީގެ ފުރަތަމަ ޑިގްރީއަށް ހިންގާ ހުރިހާ ކޯސްތަކެއްގައި މުޅިން ހިލޭ ކިޔެވުމުގެ އިންތިޒާމް މިއަދުން ފެށިގެން ހަމަޖެހިގެންދާނެ. އަދި އަމިއްލަ ކޮލެޖްތަކުން ހިންގާ ޑިގްރީ ޕްރޮގްރާމްތަކުގެ ކޯސް ފީގެ ވަރަށް މަތީ އިންސައްތައެއް ދަޢުލަތުން ދައްކައިދޭނެ. ރާއްޖޭގައި ކިޔަވައިދޭ ބޭރުގެ ޔުނިވަރސިޓީތަކުގެ ޕްރޮގްރާމްތަކުގެ ތެރެއިން، އެ ޕްރޮގްރާމެއްގެ ބޮޑުބައި ރާއްޖޭގައި ކިޔަވައިދޭނަމަ، ރާއްޖޭގައި ކިޔަވައިދޭ ބައިގެ ކޯސް ފީވެސް މި އުސޫލާއި އެއްގޮތަށް ސަރުކާރުން ހަމަޖައްސައިދޭނެ" ރައީސް ވިދާޅުވިއެވެ.

ފުރަތަމަ ޑިގްރީއަށް ކިޔެވުން ހިލޭ ކުރުމާ ގުޅޭގޮތުން މީޑިއާއަށް މަޢުލޫމާތުދެއްވަމުން މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ. އިބްރާހީމް ޙަސަން ވިދާޅުވީ، މި ސްކީމް ތަޢާރަފުކުރުމުގައި ސަރުކާރުގެ އިތުރުން ރާއްޖޭގައި މަތީ ތަޢުލީމު ފޯރުކޮށްދޭ ޕްރައިވެޓް އިންސްޓިޓިއުޓްތަކުގެ ވަރަށް ބޮޑު ބައިވެރިވުމަކާއި، އެއްބާރުލުމެއް ލިބުނުކަމަށެވެ. އަދި މަތީ ތަޢުލީމުގެ ކަންކަމަކީ ވަރަށް ބޮޑު ހޭދައެއްކުރަންޖެހޭ ކަމަކަށްވާއިރު، މި ސްކީމްގެ ތެރެއިން އަމިއްލަ ކޮލެޖްތަކާއި، އިންސްޓިޓިއުޓްތަކުން ހިންގާ ފުރަތަމަ ޑިގްރީގެ ކޯސްތަކުގެ ޓިއުޝަން ފީގެ ވަރަށް ބޮޑު އިންސައްތައެއް ސަރުކާރުން ކަވަރކޮށްދޭނެކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވިއެވެ.

"އަޅުގަނޑުމެން 100 ޕަސެންޓް ޓިއުޝަން ފީ އެބަ ކަވަރކޮށްދެން 62 ކޯހެއްގެ.. 80 އިން ފެށިގެން 99 އިއްސަތައާއި ހަމައަށް ކޯސް ފީ ކަވަަރކޮށްދެން 17 ކޯހެއްގެ.. 33 ކޯހެއްގެ 60 އިން ފެށިގެން 80 އިންސައްތައެއްގެ ކޯސް ފީ ނުވަތަ ޓިއުޝަން ފީ ކަވަރކޮށްދެވޭނެ.. ހަމައެހެންމެ 40 އިން ފެށިގެން 60 އިންސައްތައާއި ހަމައަށް ސަރުކާރުން ކޯސް ފީ އެބަ ދައްކައިދެން 41 ކޯހެއްގެ.. އެހެންވީމަ ވަރަށް ގިނަ ކޯސްތަކަކުން ވަރަށް މަތީ އަދަދެއްގެ ކޯސް ފީ ޚަރަދު ސަރުކާރުން މި ކަވަރކޮށްދެނީ" މިނިސްޓަރ ވިދާޅުވިއެވެ.

ރާއްޖޭގައި ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔެވޭނެ އިންތިޒާމް ސަރުކާރުން މިހާރު ހަމަޖައްސައިދީފައިވާއިރު، ރާއްޖޭން ބޭރުގައި މަތީ ތަޢުލީމަށް ކިޔަވާ ދަރިވަރުންނަށްވެސް ފަސޭހަ އިންތިޒާމްތަކެއް ހަމަޖެއްސުމުގެ މަސައްކަތް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން އަންނަނީ ކުރަމުންނެވެ. ތަފާތު ސަބަބުތަކާހުރެ މަތީ ތަޢުލީމަށް ކިޔެވުމުގެ ފުރުޞަތު ގެއްލިފައިވާ ފަރާތްތަކުން ސަރުކާރުން އަލަށް ފަހިކޮށްދިން މި ފުރުޞަތުގެ ބޭނުން ހިފުމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވަނީ އިލްތިމާސްކުރައްވާފައެވެ.