ޚަބަރު

އެފްއެސްއެމްގެ އެމްޑީއަކަށް ޤަސަމް


ސަރުކާރުގެ ތެޔޮ ކުންފުނި، ފިއުލް ސަޕްލައި މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރއަކަށް ރައްޔިތުންގެ މަޖިލީހުގެތިނަދޫ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ޤަސަމް ޢައްޔަނުކުރައްވައިފިއެވެ.

ސަރުކާރު ހިންގާ ކޯލިޝަނުގެ މައިޕާޓީ އެމްޑީޕީގެ އެންމެއިސްސަފުގައި ހިމެނިވަޑައިގަންނަވާ ޤަސަމް އެފްއެސްއެމްގެ އެމްޑީއަކަށް ޢައްޔަންކުރެއްވީ މިއަދު ބޭއްވި އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑުގެ ބައްދަލުވުމުގައެވެ. އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި އެފްއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރަކަށް އެންމެ ފަހުން ހުނެވީ ރައީސް ޔާމީންގެ ދައުރުގައި އައްޔަނުކުރެއްވި ހުސައިން ދީދީއެވެ. އޭނާ ވަނީ ނިމިދިޔަ ހަފްތާގެ ތެރޭގައި އިސްތިއުފާދެއްވާފައެވެ.

އޭނާ އިސްތިއުފާ ދެއްވާފައިވަނީ ކުރީގެ ސަރުކާރުގެ ބައެއް ކުންފުނިތަކަށް ކުރެޑިޓަށް ތެޔޮ ވިއްކުމުގައި އޭނާގެ މައްޗަށް ކުރެވޭ ކޮރަޕްޝަންގެ މައްސަލައަކާއި ގުޅިގެންނެވެ. އެފްއެސްއެމްއަކީ ސަރުކާރުގެ ސަބްސިޑީއާއިއެކު އެންމެ ހެޔޮ އަގުގައި ރާއްޖޭގައި ތެޔޮ ވިއްކާ ކުންފުންޏެވެ.