ޚަބަރު

މައުމޫންގެ ތާޢީދާއެކު 30 އަށްވުރެ ގިނަ ކެނޑިޑޭޓުން މަޖިލީހަށް


ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމްގެ ތާޢީދާއެކު ތިރީހަށްވުރެ ގިނަ ކެނޑިޑޭޓުން ވާދަކުރާނެކަމަށް މައުމޫން ރިފޯމް މޫވްމަންޓުން ބުނެފިއެވެ.

ރައީސް މައުމޫންގެ ތާޢީދާއެކު ވާދަކުރާ ކެނޑިޑޭޓުން ދާއިރާތަކަށް ވާދަކުރާނީ މިނިވަން ކެނޑިޑޭޓުންގެ ގޮތުގައެވެ. ރައީސް މައުމޫންގެ ތާޢީދާއެކު މަޖިލީހުގެ އިންތިޚާބަށް ވާދަކުރުމަށް ހުޅުވާލި ފުރުޞަތުގައި ސަތޭކަ އަށް ބޭފުޅަކު ޝަޢުޤުވެރިކަން ފާޅުކޮށްފައިވެއެވެ.

އޭގެތެރެއިން ބައްތިރީސް ފަރާތަކަށް ޓިކެޓް ދޭން ނިންމާފައިވާއިރު، އަދިވެސް އިތުރު ބައެއް ފަރާތްތަކަށް ޓިކެޓް ދޭނެކަމަށް މައުމޫން ރުފޯމް މޫވްމަންޓުން ބުނެއެވެ. އަދި ސުޕްރީމް ކޯޓުން ގޮނޑި ނުގެއްލޭކަމަށް ކަނޑައެޅުއްވި ބާރަ މެންބަރުންނަށްވެސް ރައީސް މައުމޫން ތާޢިދުކުރުމަށް ނިންމާފައިވާއިރު، އެ ދާއިރާތަކަށް ރައީސް މައުމޫންގެ ފަރާތްޕުޅުން ކެނޑިޑޭޓުން ނުނެރުމަށް ވަނީ ނިންމާފައެވެ.

ރައީސް މައުމޫންގެ ތާޢީދާއެކު މިނިވަން މެންބަރުންގެ ގޮތުގައި ވާދަކުރުމަށް ނިންމާފައިވާއިރު، އެމަނިކުފާނު އިސްވެ ސިޔާސީ ޕާޓިއެއް އުފެއްދުމުގެ މަސައްކަތް މިހާރުވަނީ ފަށްޓަވާފައެވެ. ސަރުކާރު ކޯލިޝަންގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ތެރެއިން އެމްޑީޕީން 86 ދާއިރާއަކަށް ވާދަކުރުމަށް ނިންމާފައިވާއިރު، ޖުމްހޫރީ ޕާޓީން 36 ދާއިރާއަކަށް އަދި އަދާލަތު ޕާޓީން 13 ދާއިރާއަކަށް ވާދަކުރުމަށް ވަނީ ނިންމާފައެވެ.

އިދިކޮޅު ފަރަތްތަކުގެ ތެރެއިން ޕީޕީއެމްއާއި ކޮންގްރެސް ޕާޓީގެ ފަރާތުންވެސް ގިނަ ދާއިރާތަކަކަށް ވާދަކުރުމަށް ވަނީ ނިންމާފައެވެ.