ހދ. އަތޮޅުގެ 2 ރަށެއްގައި ސާފު ބޯފެން އުފައްދާ އާރުއޯ ޕްލާންޓް ޤާއިމުކުރުމުގެ މަސައްކަތް ފަށައިފިއެވެ.
އޯޕެކްގެ އެހީގެ ދަށުން ހދ. އަތޮޅުގައި އާރުއޯ ޕްލާންޓް ޤާއިމުކުރުމަށް ހަމަޖެހިފައިވަނީ މަކުނުދުއާއި ވައިކަރަދޫގައެވެ. އެންވަޔަރަމްނޓް މިނިސްޓްރީގެ ބެލުމުގެ ދަށުން މި މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ ވޯޓަރ އިންޖިނިއަރިން ސާވިސަސް އާއެވެ.
މަކުނުދޫ އާރުއޯ ޕްލާންޓް ހަދަމުންދަނީ އެރަށު އިންޖީނުގެއާ ޖެހިގެން ހުރި ހުސް ބިމުގައި އެވެ. އެއީ ގާތްގަނޑަކަށް 4000 އަކަފޫޓްގެ ބިމެކެވެ. މި ޕްރޮޖެކްޓް ނިމުމުން ރަށުގެ ހަތަރު ސަރަހައްދަކުން ސާފު ބޯފެން ލިބޭނެކަމަށް މަކުނުދޫ ކައުންސިލުން މައުލޫމާތުދެއެވެ. ވައިކަރަދޫގައި އާރުއޯ ޕްލާންޓް ހަދަމުންދަނީ އެރަށު ފުޓްސެލް ދަނޑުގެ އިރުމަތިން އޮތް ހުސްބިމުގައެވެ. އެރަށުގައި ޤާއިމުކުރުމަށް ހަމަޖެހިފައިވަނީ 24 ގަޑިއިރުތެރޭގައި 50 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެކެވެ.
މި ދެރަށުގެ އާރުއޯ ޕްލާންޓްގެ ފައުންޑޭޝަން މަސައްކަތް ނިމިފައިވާކަމަށް އެދެރަށު ކައުންސިލުން މައުލޫމާތުދެއެވެ. މި މަސައްކަތް ކުރިއަށްއޮތް 6 މަސްތެރޭގައި ނިންމަންޖެހެއެވެ.
މަކުނުދޫއާއި، ވައިކަރަދޫއަކީ ހޫނު މޫސުމުގައި ފެން ހުސްވެ ރަށުން ފެން ލިބުމުގެ ދަތިކަމާ ކުރިމަތިވާ ދެ ރަށެވެ. ނަމަވެސް މި އާރުއޯ ޕްލާންޓްތަކުގެ މަސައްކަތް ނިމުމުން މިކަމަށް ހައްލު ލިބިގެންދާނެއެވެ.