ޚަބަރު

ރަށްރަށުގެ ސިއްޙީ ހާލަތު އޮތީ ވަރަށް ދަށްކޮށް، ހައްލުކޮށްދޭނަން - ރައީސް


ރަށްރަށުގެ ހޮސްޕިޓަލްތަކާއި ސިއްޙީ މަރުކަޒުތަކުގެ ހާލަތު އޮތީ ވަރަށް ދަށުގައި ކަމަށާއި، އެކަންކަން ހައްލުކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ހައްދުންމަތީ ގަމުގައި ބޭއްވި ޓީއެފްގީ މެރެތަންގައި ބައިވެރިވެވަޑައިގަތުމަށް ހައްދުންމައްޗަށް ކުރެއްވި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ ގަމުގައި ހުންނަ ސަރުކާރުގެ އިދާރަތަކަށް ޒިޔާރަތްކޮށްފައެވެ. އެގޮތުން ގަމު ރީޖަނަލް ހޮސްޕިޓަލަށް ރައީސް ޞާލިޙު ވަޑައިގަތުމުން އެހޮސްޕިޓަލުގެ އިސް ބޭފުޅުން ވަނީ ހޮސްޕިޓަލަށް ދަތިވެފައި ހުރި ކަންކަމާއި ބެނުންވާ ވަސީލަތްތަކާއި ތަނުން ދެވޭ ޚިދުމަތް ރަނގަޅު ކުރުމަށް ބޭނުންވާ ވަޞީލަތްތަކާއި އާލާތްތަކާއި ބެހޭގޮތުން މައުލޫމާތު ޙިއްޞާ ކުރައްވައިފައެވެ. މިގޮތުން ކަރަންޓުގެ މައްސަލައާއި މުވައްޒަފުންގެ ދަތިކަމާއި އެމްބިއުލާންސެއް ނެތުމުގެ މައްސަލަފަދަ މުހިންމު މައްސަލަތައް ރައީސުލްޖުމްހޫރިއްޔާގެ ސަމާލުކަމަށް ވަނީ ގެންނަވާފައެވެ.

މިޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ޞިއްޙީ ޚިދުމަތަކީ ރައްޔިތުންނާއި ގުޅުންހުރި ވަރަށް މުހިންމު ކަމަކަށްވާތީ ހޮސްޕިޓަލަށް ބޭނުންވާ އެފަދަ ކަންކަން ވީވަރަކުން ކޮށްދެއްވައި ރަނގަޅު ކޮށްދެއްވުމަށް ވަރަށް އިސްކަމެއް ދެއްވައިގެން މަސައްކަތް ކުރައްވާނެ ކަމުގައި ވިދާޅުވިއެވެ.

މި ދަތުރުފުޅުގައި ރައީސް ޞާލިޙު ވަނީ ގަމު ކައުންސިލްގެ ބޭފުޅުންނާއިވެސް ބައްދަލުކުރައްވާ އެ ބޭފުޅުންގެ ހުރި ކަންބޮޑުވުންތައް އޮޅުން ފިލުއްވާފައެވެ. ގަމު ކައުންސިލް އިދާރާގައި ބޭއްވި ބައްދަލުކުރެއްވުމުގައި ކައުންސިލް މެންބަރުން ވަނީ ކައުންސިލްގެ މަސައްކަތްތައް ކުރިޔަށްދާގޮތުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާކުރައްވައި ކައުންސިލްގެ މަސައްކަތްތައް ކުރިޔަށް ގެންދިޔުމުގައި ދިމާވާ ދަތިތަކާއި ރަށުގެ ތަރައްޤީއަށް ރާއްވަވާފައިވާ ކަންކަމުގެ މަޢުލޫމާތު އެމަނިކުފާނާ ޙިއްޞާކުރައްވާފައެވެ.

އެގޮތުން މަޝަވަރާކުރެއްވެވި ކަންތައްތަކުގެތެރޭގައި ގޯތިގެދޮރުގެ ދަތިކަން ހައްލުކުރުމާއި، މަގުތައް މަރާމާތުކުރުމާއި، މީހުން ވަޒަންވެރިކުރުވުމާއި، ވަޒީފާ ނެތް ގިނަ ޒުވާނުންތަކެއް ތިބުމާއެކު ވަޒީފާގެ ދަތިކަން ހައްލުކުރެއްވުމަށް ފަތުރުވެރިކަން ތަރައްޤީ ކުރުމާއި، ކުނި މެނޭޖްކުރުން ފަދަ ކަންކަމާއި ބެހޭގޮތުން ކައުންސިލް މެންބަރުން ރައީސުލްޖުމްހޫރިއްޔާއާ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވިއެވެ.

ގަމުގައި ހުންނަ ސަރުކާރުގެ އިދާރާތަކަށް ޒިޔާރަތް ކުރެއްވުމަށްފަހު ރައީސް ޞާލިޙު ވަނީ ހައްދުންމަތީގެ ވެރިކަން ކުރާ ރަށް ފޮނުދޫއަށް ވަޑައިގެން އެރަށުގައި ހަދަންފަށާ ހުއްޓިފައިވާ މަގުތަކުގެ ހާލަތު ބައްލަވާލައްވާފައެވެ. އަދި ފޮނަދޫގައި ހުންނަ އަތޮޅު ކައުންސިލް މެންބަރުންނާއި، ފޮނަދޫއަށް ބަދަލުކޮށްގައިވާ އެއަތޮޅު ގާދޫގެ ބައެއް ރައްޔިތުންނާއި ބައްދަލުކުރައްވާ އެފަރާތްތަކަށް ދިމާވާ ދަތިތައް ރައީސުލްޖުމްހޫރިއްޔާ ވަނީ އޮޅުން ފިލުއްވާފައެވެ.