ޤަވާޢީދާ ޚިލާފަށް ޕާކްކުރާ އުޅަނދުތަކުގައި ސްޓިކަރ ޖެހުން މިހާރު ހުއްޓާލާފައިވާކަމަށް އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވީ، ޤަވާޢިދާ ޚިލާފަށް ޕާކްކުރާ އުޅަނދުތަކުގައި ސްޓިކަރ ޖެހުން ހުއްޓާލާފައިވަނީ ސަރުކާރުން އެގޮތަށް އަންގާފައިވާތީކަމަށެވެ.
ހަމީދު ވިދާޅުވީ، ފުލުހުންގެ ޤާނޫނުން ލިބިދޭ އިޚްތިޔާރާއި ބާރު ބޭނުންކުރުމުގައި އެޙާލަތަކާ އެކަށީގެންވާގޮތަށް ކަންކަން ކުރުމަށް ޚާއްޞަ އިސްކަމެއް ދެއްވާކަމަށެވެ. އެގޮތުން އުޅަނދުތަކުގައި ސްޓިކަރ ޖަހާއިރު ރައްޔިތުންގެ މަސްލަޙަތު ނެގެހެއްޓުމަށް ފުލުހުންނަށް ވަރަށްބޮޑަށް ބާރުއަޅުއްވާފައިވާނެކަމަށް ހަމީދު ވިދާޅުވިއެވެ.
އުޅަނދު ޕާކްކުރެވޭނެ އެކަށީގެންވާ އިންތިޒާމްތަކެއް ހަމަޖެއްސުމާއި، އުޅަނދުތައް ރާއްޖެ އެތެރެކުމާއި ގެންގުޅުމުގެ އުސޫލްތަކުގައި މައްސަލަތަކެއް އެބަހުރިކަމަށާއި، އެފަދަ މައްސަލަތައް ހުރުމުން ޕާކްކުރާނެ ޖާގަ ތަނަވަސްކޮށްނުދީ ފުލުހުން ނިކުމެ ސްޓިކަރ ޖެހުމަކީ ޤަބޫލުކުރެވޭ އުސޫލެއް ނޫންކަމަށްވެސް އެކްޓިންގ ކޮމިޝަނަރ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ސްޓިކަރ ޖެހުމުގައި ފުލުހުން މަގުތަކުގައި ގިނަ ވަގުތުތަކެއް ހޭދަކުރާކަމަށާއި، ނަމަވެސް ސަރުކާރުގެ ބައެއް ސިޔާސަތުގެ ދަށުން އެ ސްޓިކަރ ޖޫރިމަނާތައް މަޢާފްކުރާކަމަށެވެ. މިއީ ފުލުހުންގެ ވަގުތުތަކެއް ބޭކާރުކުރުންކަމަށްވެސް ހަމީދު ވަނީ ސިފަކުރައްވާފައެވެ. އެހެންނަމަވެސް ލައިސަންސް ނެތި އުޅަނދު ދުއްވުމާއި، ޤަވާއިދާ ޚިލާފަށް ބާރު ސްޕީޑްގައި ދުއްވުންފަދަ ކަންކަމުގައި މިހާރުވެސް ފިޔަވަޅު އަޅަމުން އަންނަކަމަށް ހަމީދު ވިދާޅުވިއެވެ.
""ދައުލަތުން ޕާކްކުރެވޭނެ މަގު ފަހިކޮށްފައި އޮންނަންޖެހުމާއި، އުޅަނދު އެތެރެކުރުމާއި، ގެންގުޅުމުގެ އުސޫލުގައި މައްސަލަތައް ހުންނައިރު އަމުދުން ޕާކްކުރާނެ ޖާގަ ނުހުންނައިރު ފުލުހުން ނިކުމެ ސްޓިކަރޖެހުމަކީ ރައްޔިތުންގެ މަސްލަހަތު ނެގެއްޓުންކަމަކަށް ޤަބޫލެއް ނުކުރެވޭ."ކޮމިޝަނަރ އޮފް ޕޮލިސް
ޤަވާޢިދާ ޚިލާފަށް ޕާކްކުރާ އުޅަނދުތަކުގައި ސްޓިކަރ ޖެހުން ހުއްޓާލާފައިވާއިރު، މާލޭގައި ޕާކް ކުރެވޭނެ އެކަށީގެންވާ ޖާގަ ތަނަވަސްކޮށްދެމުން އަންނަކަމަށް މާލޭ ސިޓީ ކައުންސިލުން ވިދާޅުވެއެވެ.
އެގޮތުން މާލޭގައި ޕާކްކުރާނެ ޖާގަ އިތުރުކުރާނެ ތަންތަން ފާހަގަކޮށްފައިވާކަމަށާ، އެތަންތަން ވަރަށް އަވަހަށް ޕާކްކުރުމަށް ޢާންމުންނަށް ހުޅުވާލާނެކަމަށް މާލޭ ސިޓީ ކައުންސިލުން ވިދާޅުވެއެވެ.