ޚަބަރު

ކުރީގެ ރައީސުންނަށް މަޖިލީހަށް ވާދަނުކުރެވޭ ބިލް ފާސްވިޔަ ނުދޭނަން - އެމްޑީޕީ


ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ކުރީގެ ރައީސުންނަށް ވާދަ ނުކުރެވޭގޮތް ހެދުމަށް ދިއްދޫ ދާއިރާގެ މެމްބަރު ޢަބްދުއްލަތީފް މުހައްމަދު އިސްލާހެއް ހުށަހެޅުއްވީ ރައީސް ނަޝީދަށް އަމާޒުކޮށްގެން ކަމަށާއި އެހެންނަމަވެސް އެކަން ކާމިޔާބު ވިޔަ ނުދޭނެ ކަމަށް އެމްޑީޕީގެ ފަރާތުން ވިދާޅުވެއްޖެއެވެ.

މި އިސްލާހާމެދު ކަންބޮޑުވުން ފާޅުކޮށް އެމްޑީޕީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޕާޓީގެ ޗެއަރޕާސަން ޙަސަން ލަތީފް ވިދާޅުވީ މެންބަރު ލަތީފް ހުށަހެޅުއްވީ ޤާނޫނު އަސާސީއާ ޚިލާފު އިސްލާހެއްކަމަށާ އެއީ ރައްޔިތުންގެ މަޖިލީހުން ބަލައިގަނެގެންވެސްވާނެ އިސްލާހެއް ނޫން ކަމަށެވެ. އަދި އެ އިސްލާހު އަމާޒުކޮށްފައިވަނީ ރައީސް ނަޝީދަށް ކަމަށާ، އެކަން ކާމިޔާބުވިޔަ ނުދޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ހަސަން ލަތީފް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި މެމްބަރުކަމަށް ކުރިމަތިލާ ފަރާތްތަކުގެ ޝަރުތުތައް ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާކަމަށާ ޤާނޫނު އަސާސީއަށް އިސްލާހު ގެނެސް ޤާނޫނު ބަދަލުކޮށްގެން ނޫނީ އެ ޝަރުޠުތަކަށް ބަދަލު ނުގެނެވޭނެކަމަށެވެ. އަދި ޤާނޫނު އަސާސީން ވަކި ޝަރުތުތަކެއް ކަނޑައަޅާފައި އޮތްކަމެއް ބަދަލުކުރަން ޖެހޭނީ ޤާނޫނަށް ބަދަލު ގެނެސްގެންކަން ހަސަން ފާހަގަ ކުރެއްވިއެވެ.

"ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް ކުރިމަތިލާއިރު ހުންނަންޖެހޭ ޝަތުރު ތަކާއި މެންބަރު ކަމުގައި ހުންނައިރު ހަމަވަންޖެހޭ ޝަރުރުތައް ޤާނޫނު އަސާސީގެ 73 ވަނަ މާއްދާގައި ވަނީ ބަޔާންކޮށްފަ. އަދި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާބެހޭ ޤާނޫނުގައިވެސް ހަމަ އެ ޝަރުތުތައް ބަޔާންކޮށްފައިވާނެ. އެހެންކަމުން އެއީ ޤާނޫނު އަސާސީއާ ހިލާފު އިސްލާހެއް." ލަތީފް ވިދާޅުވިއެވެ.

ސަރުކާރު ކޯލިޝަނުގައި ހިމެނޭ ޕާޓީތަކުގައި ތިއްބެވި ބައެއް މެމްބަރުންގެ އަމަލުތަކާމެދު ކަންބޮޑުވުން ފާޅުކުރައްވައި ޙަސަން ލަތީފް ވިދާޅުވީ ކޯލިޝަންސްގެ ތެރޭގައި ހިމެނޭ މެމްބަރުން ވަކިވަކިން އަމަލުކުރާ ގޮތް އެހާ ރަނގަޅުނޫން ކަމަށެވެ.

ދިއްދޫ ދާއިރާގެ މެންބަރު އަބްދުލް ލަތީފް މުހައްމަދު ވަނީ ކުރީގެ ރައީސްކަން ކޮށްފައިވާ ބޭފުޅުންނަށް މަޖިލީހަށް ވާދަ ނުކުރެވޭގޮތް ހެދުމަށް ޤާނޫނަށް އިސްލާހު ގެނައުމަށް ހުށަހަޅާފައެވެ. އެއާއެކު ލަތީފް ނިސްބަތްވެ ވަޑައިގަންނަވާ ޖުމްހޫރީ ޕާޓީންވެސް ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށް އެ ބިލް ނެގުމަށް އަންގަވާފައެވެ.