ޚަބަރު

އެމެރިކާގެ ފެޑެރަލް ސަރުކާރުގެ އިދާރާތައް ބަންދުކުރުން؛ ހުރިހާ ބުރައެއް ޢާއްމުންނަށް


އެމެރިކާގެ ފެޑެރަލް ސަރުކާރުގެ އޮފީސްތައް ބަންދުކުރުމާ ގުޅިގެން އެމެރިކާއަށް ލިބެމުންދާ މާލީ ގެއްލުންތައް މެކްސިކޯ އާއި އެމެރިކާއާ ދެމެދު ރޭނުމަށް ޕްލޭންކޮށްފައިވާ ފާރުގެ ޚަރަދަށްވުރެ މާ ބޮޑުވާނެކަމަށް ކަމާބެހޭ ރިޕޯޓަކުން ދައްކައިފިއެވެ.

އެމެރިކާގެ ޓީވީ ޗެނެލްއެއްކަމަށްވާ "ސީއެންބީސީ" ން ޓެލެކާސްޓް ކުރި އެރިޕޯޓްގައި ފެޑްރަލް ސަރުކާރުގެ އޮފީސްތައް ބަންދުކުރުމާ ގުޅިގެން އެމެރިކާއަށް ލިބޭ ގެއްލުންތައް ހަފްތާއަކު ދެ ބިލިޔަން ޑޮލަރަށް އަރާކަމަށް ބުނެފައިވެއެވެ. "ސީއެންބީސީ" ން ޓެލެކާސްޓް ކުރި ރިޕޯޓަކީ އެމެރިކާގެ މާލީ ޚިދްމަތްތަކާބެހޭ ކޮންސަލްޓޭޝަން ދޭ ކުންފުންޏެއްކަމަށްވާ "ވެލްސް ފާގޯ" ގެ އިގްތިސާދީ މުހައްލިލުންނާއި ތަޖުރިބާކާރުން އެކުލަވާލާފައިވާ ރިޕޯޓެކެވެ.

އެ ރިޕޯޓް ބުނާގޮތުން އެމެރިކާގެ ފެޑްރަލް ސަރުކާރުގެ އޮފީސްތައް ބަންދުކޮށްފައިވުމުގެ ސަބަބުން ޓެކްސް ނިޒާމަށް ބުރޫއަރައި ޓެކްސް ފައިސާ ޖަމާކުރާ މުއައްސަސާތައް ބަންދުކޮށްފައިވުމުގެ ސަބަބުން ޓެކްސް ފައިސާއިން ދުވާލެއްގެ މައްޗަށް ސަތޭކައެއްހާ މިލިޔަން ޑޮލަރުގެ ގެއްލުމެއް ލިބެމުންދެއެވެ. އަދި އޮފީސްތައް ބަންދުކޮށްފައިވުމުގެ ސަބަބުން އަރާ ޖޫރިމަނާތަކުންވެސް ފެޑްރަލް ސަރުކާރަށް ދުވާލަކު އެތައް މިލިޔަން ޑޮލަރެއް ގެއްލުންވަމުންދެއެވެ.

މިއާއެކު ހަފުތާއެއްގެ މައްޗަށް އެވްރެޖްކޮށް ފެޑްރަލް ސަރުކާރަށް ދެ ބިލިޔަން ޑޮލަރުގެ ގެއްލުން ލިބޭ ކަމަށް އެ ރިޕޯޓް ގައި އަންދާޒާ ކޮށްފައިވެއެވެ. އެމެރިކާގެ މާލީ ޚިދްމަތްތަކާބެހޭ އެހެން ކުންފުންޏެއްކަމަށްވާ "އެސް އެންޑް ޕީ ގްލޯބަލް ރޭޓިންގްސް" ގެ ތަޖްރިބާކާރުން ދެކެވަޑައިގަންނަވަނީ ފެޑްރަލް ސަރުކާރުގެ އޮފީސްތައް ބަންދުކޮށްފައިވުމުގެ ސަބަބުން ލިބޭ ގެއްލުންތައް މިއަށްވުރެވެސް ބޮޑުވާނެކަމަށެވެ.

އެކުންފުނީގެ އިސް މުހައްލިލެއް ވިދާޅުވީ، ފެޑްރަލް ސަރުކާރުގެ އޮފީސްތައް ބަންދުކުރުމުގެ ސަބަބުން ލިބޭ ގެއްލުން ހަފްތާއަކު ދޭއް ޕޮއިންޓް ފަހެއް ބިލިޔަން ޑޮލަރަށް އަރާނެކަމަށެވެ. އެމެރިކާގެ ފެޑްރަލް ސަރުކާރުގެ އޮފީސްތައް ބަންދުކޮށްފައިވަނީ މެކްސިކޯއާއި އެމެރިކާއާ ދެމެދު ރޭނުމަށް ޕްލޭންކޮށްފައިވާ ފާރުގެ ޚަރަދަށްވާ ފަސް ބިލިޔަން ޑޮލަރު ބަޖެޓްގައި ހިމެނުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހެޅުއްވި ހުށަހެޅުމަށް ކޮންގްރެސް އިން ދެކޮޅު ހެދުމާއެކު ފެޑްރަލް ބަޖެޓް ފާސްނުކުރެވިގެންނެވެ.

މިގޮތުން ފައިސާ ނެތިގެން މިދިޔަ ޑިސެމްބަރު މަހުގެ ބާވީސްވަނަ ދުވަހުން ފެށިގެން އެމެރިކާގެ ފެޑްރަލް ސަރުކާރުގެ ގާތްގަނޑަކަށް ތިންބައިކުޅަ އެއްބައި އޮފީސްތަކާއި މުއައްސަސާތައްވަނީ ބަންދުކޮށްފައެވެ. މިކަމުގެ ސަބަބުން އެތަންތަނުގައި މަސައްކަތްކުރާ މިލިޔަނަކަށްވުރެގިނަ މުވައްޒަފުންނަށްވަނީ މުސާރަވެސް ލިބޭގޮތްނުވެފައެވެ.

ޓްރަމްޕްވަނީ މެކްސިކޯ އާއި އެމެރިކާއާ ދެމެދު ފާރެއް ރާނައިގެން އެމެރިކާއަށް ގަވައިދާ ޚިލާފަށް ވަންނަ މީހުން ހުއްޓުވުމަކީ އޭނާގެ ރިޔާސީ ވައުދަކަށްވާތީ އެކަމަށް ބޭނުންވާ ފަސް ބިލިޔަން ޑޮލަރު ބަޖެޓްގައި ހިމެނުން ނޫން އެހެން ގޮތެއް ގަބޫލުނުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ކޮންގްރެސްގެ މެންބަރުންވަނީ އެފައިސާ ބަޖެޓުން އުނިނުކުރާނަމަ ބަޖެޓް ފާސްކޮށްދިނުމަށް ދެކޮޅުހަދާފައެވެ. މި މައްސަލަ ހައްލުކުރުމަށްޓަކައި ކޮންގްރެސްގެ އިސް މެންބަރުންނާއި ޓްރަމްޕްގެ ޓީމާ ދެމެދު ދެ ފަހަރެއްގެ މަތިން ކުރި މަޝްވަރާތައްވެސްވަނީ ނާކާމިޔާބުވެފައެވެ.