ޚަބަރު

ހިޔާ ފުލެޓުތަކުގެ މީހުންނަށް ބޯހިޔާވަހިކަމުގެ ހައްލުތަކެއް ހޯދައިދެނީ


  • ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް ވެސް ދިމާވެފައިވާ ދަތިކަން ހައްލުކޮށްދޭނެ

  • ޚިދުމަތްތައް ގާއިމުކުރަން އިސްކަން ދިން ނަމަވެސް ގޮންޖެހުންތަކެއް ހުރިކަން ވަޒީރު ފާހަގަކުރެއްވި

ހިޔާ ފްލެޓްތައް ލިބިފައިވާ މީހުންގެ ދިރިއުޅުން އިތުރަށް ތަނަވަސްކުރަން ބޯހިޔާވަހިކަމުގެ އައު ފުރުސަތުތައް ހޯދައިދޭން މަސައްކަތް ކުރައްވާނެކަމަށް ބިނާރާ ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.

ހިޔާ ފްލެޓްތަކުގައި އިތުރު ލިފްޓް ހަރުކޮށް ނިމުން ފާހަގަކުރަން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވީ ހިޔާ ފްލެޓްގެ ދެ ކޮޓަރިއަށް ބަދަލުވި ގިނަ އާއިލާތަކެއްގެ ހާލަތު ބަދަލުވެ ދަރިން ގިނަވެ އެހެން ތަންތަނަށް ބަދަލުވާން ބޭނުންވެފައިވާކަމަށެވެ.

ނަމަވެސް އެހެން ތަނަކަށް ބަދަލުވުމުގެ ފުރުސަތަކީ އެހާ ފަސޭހަ ކަމެއް ނޫން ކަމަށާއި ތަންތަން ހުރި މީހުންނަށް ވުރެ އެއްވެސް ބޯހިޔާވަހިކަމެއް ނެތް މީހުންނަށް އިސްކަން ދޭންޖެހޭކަން ވަޒީރު ފާހަގަކުރެއްވިއެވެ. ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް ވެސް ދިމާވެފައިވާ ދަތިކަން ހައްލުކޮށްދީ އެއަށް ވުރެ ތަނަވަސް ދިރިއުޅުމެއްގެ ފުރުސަތު ހޯދައިދެވޭތޯ ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

"ހިޔާ ޓަވަރުތަކަކީ ވަރަށް ގިނަ މީހުން ދިރިއުޅޭ ތަނެއް. އެއިން ކޮންމެ ޓަވަރެއްގައި 2،000 އެއްހާ މީހުން ދިރިއުޅޭ ކަމަށް ބެލެވޭ. އެ ރައްޔިތުންނަށް ފަސޭހަކަމާއި ލުއިތައް ހޯދައިދިނުމަކީ ސަރުކާރުން ވަރަށް އިސްކަމެއްދޭ ކަމެއް."ބިނާރާ ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވިއެވެ.

ބޮޑު އާބާދީއަކަށް އެކަށީގެންވާ ޚިދުމަތްތަކެއް ގާއިމުކުރަން ސަރުކާރުން އިސްކަން ދިން ނަމަވެސް އެކަމަށް ގޮންޖެހުންތަކެއް ހުރިކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެގޮތުން ހިޔާ ސަރަހައްދަށް ކަނޑައަޅާފައިވާ "އޯޕަން ސްޕޭސްތަކުން" ގޯތި ދީފައިވުމާއި އިތުރަށް ބިން ނެތުން ފަދަ ކަންކަމުގެ ސަބަބުން ޚިދުމަތް ހޯދައިދޭން ދަތިތަކާ ކުރިމަތިވިކަމަށް ވަޒީރު ވިދާޅުވިއެވެ. ނަމަވެސް މިދިޔަ ދެ އަހަރުގެ ތެރޭގައި ހިޔާ ސަރަހައްދުގެ ރައްޔިތުންގެ ދިރިއުޅުން ފަސޭހަ ކުރަން ވަރަށް ގިނަ މަސައްކަތްތައް ކޮށްފައިވާ ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް އެކަން ކުރިއަށް ގެންދަން ސަރުކާރުން ބާރުއަޅާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ކުރިއަށްގެންދިޔަ ދިރާސާއަށް ބަލާއިރު ބޯހިޔާވަހިކަމުގެ ދުރުރާސްތާ ޕްލޭނެއް ހަދާފައެއް ނުވެއެވެ. އެ ވުޒާރާއިން މީގެ ކުރިން ހާމަކުރައްވާފައިވާގޮތުގައި މީގެ ކުރިން ކުރިއަށްގެންދިޔަ ހައުސިން މަޝްރޫޢުތަކުގެ ތެރެއިން ފްލެޓް ލިބުނު ބައެއް ފަރާތްތަކުގެތެރޭގައި އެތަންތަނުގައި މިހާރު ދިރިއުޅެން ބޭނުން ނުވާ ފަރާތްތައް ތިބިކަމަށެވެ. މިފަދަ ކަންކަމަށް ހައްލެއް ގެނެވޭނީ އެކި މީހުންގެ ހާލަތާ އެއްގޮތަށް ތަރައްޤީކުރާ ހައުސިން މަޝްރޫޢުތަކާއެކުކަން އެ ވުޒާރާއިން ފާހަގަކުރައްވައެވެ.

2018 ވަނަ އަހަރު ނިންމާފައިވާ ހިޔާ ޓަވަރުތަކަކީ 25 ބުރީގެ 16 ޓަވަރު ހިމެނޭ މަޝްރޫޢެކެވެ. 2018 ވަނަ އަހަރު ވެރިކަމާއި ހަވާލުވި ސަރުކާރުން ހިޔާ ފްލެޓްގެ ހައްގުވެރިންނާއި އެތަން ހަވާލުނުކޮށް އެތައް ދުވަހެއް ހޭދަކުރިއެވެ. ފްލެޓްތައް ހައްގުވެރިންނާއި ހަވާލުނުކުރުމަށް އޭރުގެ ސަރުކާރުން ދިޔައީ އެތައް ބަހާނާއެއް ދައްކަމުންނެވެ.

ރައްޔިތުންގެ ފާޑުކިޔުމާއި ޝަކުވާތައް ގިނަ ވެގެން ހިޔާ ޓަވަރުގެ ފްލެޓްތައް ހައްގުވެރިންނާއި ހަވާލުކުރީ އެތަނުގެ މަސައްކަތް ނިމުނުތާ ދެތިން އަހަރު ފަހުންނެވެ. ނަމަވެސް ފްލެޓްތައް ހަވާލުކުރިއިރު އޭރުގެ ސަރުކާރުން ކަންކަން ކުރި ގޮތުން ރައްޔިތުންނަށް ވަރަށް ބޮޑު މާޔޫސްކަމެއް ލިބިގެންދިޔައެވެ. އެގޮތުން ފްލެޓްތައް ހަވާލުކުރިއިރު ފިނިޝިންގ ނުނިންމުމާއި، ކޮޓަރީގެ ދޮރުތައް ނެތުމާއި، އަދި އެފަދަ ތަނެއްގައި ކޮންމެހެން ހުންނަންޖެހޭ އެތައް ވަސީލަތްތަކެއް ހުރީ ޤާއިމްނުކޮށެވެ. މީގެއިތުރުން އެހާ ގިނަ ބަޔަކު އުޅޭ ސަރަހައްދެއްގައި ކޮންމެހެން ލިބެންޖެހޭ އަސާސީ ޚިދުމަތްތައްވެސް ހުރީ ޤާއިމްނުކޮށްކަން ފާހަގަކޮށްލެވެއެވެ.

ހިޔާ ޓަވަރުގައި ދިރިއުޅޭ ފަރާތްތަކުން އެތައް ދައްޗަކާއި ތަކުލީފެއްގައި އުޅެނިކޮށް، އެ ރައްޔިތުންނަށް އުއްމީދުތައް ގެނެސްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުންނެވެ. އެގޮތުން އެމަނިކުފާނު ވަނީ ހިޔާ ފްލެޓްގެ ފިނިޝިންގެ މަސައްކަތަށް ރައްޔިތުން ޚަރަދުކުރި ޖުމްލަ ފައިސާގެ ތެރެއިން 200،000 ރުފިޔާ އުނިކޮށްދެއްވާފައެވެ. އަދި ހިޔާ ފްލެޓްގެ މަހު ކުލީގެ ގޮތުގައި ކުރިން ރައްޔިތުން ދައްކަމުން އައި ކުލިވެސް ކުޑަކޮށްދެއްވިއެވެ.

މީގެ އިތުރުން ހިޔާގެ ކޮންމެ ފްލެޓެއްގައި އިތުރު 2 ލިފްޓް ހަރުކޮށްދީ ފްލެޓުތަކަށް އަރާއިރު ރައްޔިތުންނަށް ޖެހޭ ތަކުލީފުތަކަށް މި ސަރުކާރުން ވަނީ ބޮޑު ލުޔެއް ހޯދައިދީފައެވެ. އަދި މި ލިފްޓުތަކަކީ ސްޓްރެޗަރ އެރުވޭ ވަރުގެ ޖާގަ ތަނަވަސް ލިފްޓުތަކެކެވެ.