އައިޖީއެމްއެޗްގެ އެގާރަ ބުރީގެ އާ އިމާރާތުން ޚިދުމަތް ދިނުމަށް ބޭނުންވާ އޮކްސިޖަން ހަރުކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.ކުރިން މިދިޔަ ޖެނުއަރީ މަހުގެ މެދުތެރޭގައި އާ އިމާރާތުގެ މަސައްކަތް ނިންމާ ޚިދުމަތް ދޭން ފަށަންހަމަޖެހިފައިވިއަސް ލަސްވެފައިވަނީ ބައެއް އިކުއިޕްމަންޓްތައް ނުލިބޭތީކަމަށް އެ ހޮސްޕިޓަލުން ބުނެފައިވެއެވެ. އެހެންނަމަވެސް މިހާރު އިކްއިޕްމަންޓްތައް ލިބި އިންސްޓޯލްކުރަމުންދާކަމަށާއި މި މަހުގެ މެދުތެރޭގައި އެ މަސައްކަތް ނިންމާލެވޭނެކަމަށް ހޮސްޕިޓަލުންބުނޭ. އަދި މަސައްކަތް މިހާރު ނިމެމުންދާގޮތުން ޚިދުމަތްދޭން ފެށޭނީ މާރޗްމަހުގެ މެދުތެރޭގައި ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.އައިޖީއެމްއެޗުން ބުނީ އެ ހޮސްޕިޓަލުގެ އާ އިމާރާތުގެ މަސައްކަތް ނިންމާ މި މަހުގެ ފަންސަވީސްވަނަ ދުވަހު އިމާރާތް ހަވާލުކުރާނެކަމަށް ކޮންޓްރެކްޓަރ ބުނެފައިވާކަމަށެެވެ.އައިޖީއެމްއެޗްގެ އާ އިމާރާތުގެ މަސައްކަތް ނިމުމުން އިތުރު އޮޕަރޭޝަން ތިއޭޓަރަކާއި އަންހެނުންގެ ޚާއްސަ ބަލިތަކަށް ފަރުވާދޭނެ އިތުރު ބަޔަކާއި، ކުޑަކުދިންގެ ޚާއްސަ ފަރުވާ ދޭނެ މަރުކަޒެއް ޤާއިމު ކުރެވޭނެކަމަށް އެހޮސްޕިޓަލުން ބުނެއެވެ.ރާއްޖޭގައި ހުރި ހަމައެކަނި ޓާޝަރީ ހޮސްޕިޓަލް، އައިޖީއެމްއެޗުން ދޭ ޚިދުމަތްތައް އިތުރަށް ފުޅާކުރުމަށް އެގާރަ ބުރީގެ އިމާރާތެއް ހެދުމަށް ހަވާލުކޮށްފައިވަނީ އަމީން ކޮންސްޓްރަކްޝަނާއެވެ.