މޮރާޓާއަށް ޗެލްސީގައި މޮޅު ކުޅުމެއް ނުދެއްކިގެން އުޅެނީ ޕްރެޝަރުގެ ސަބަބުންކަމަށް ޗެލްސީގެ އެސިސްޓަންޓް ކޯޗު ޖިއަންފްރެންކޯ ޒޯލާ ބުނެފިއެވެ.
60 މިލިއަން ޕައުންޑްގެ ފީއަކަށް ޗެލްސީއާއި 2017ވަނަ އަހަރު ގުޅުނު މޮރާޓާއަށް މިސީޒަންގައި މާ އެދެވޭ ކުޅުމެއް ނުދެއްކެއެވެ. އަދި ގިނަ ބައެއްގެ ފާޑުކިޔުން އޭނާއަށްވަނީ އަމާޒުވެފައެވެ. މި ސީޒަންގައި މޮރާޓާއަށް ލީގުގައި ޖެހުނީ އެންމެ ފަސް ގޯލެވެ. އަދި އޭނާ ހޯދަން ސެވިއްޔާ އަދި އޭސީ މިލާނުން މަސައްކަތްކުރަމުންދާއިރު، މޮރާޓާ ޗެލްސީ ދޫކޮށްލުމަކީ ގާތްކަމެއްކަމަށްވެސް ބެލެވެއެވެ.
ޗެލްސީގެ އެސިސްޓަންޓް ކޯޗު ޖއަންފްރެންކޯ ޒޯލާ ބުނީ މޮރާޓާއަކީ މޮޅު ކުޅުންތެރިއެއްކަން ކޯޗު ސަރީވެސް ބުނެފައިވާނެކަމަށާއި، ޓެކްޓިކަލީ ކުދި ކުދި ކަންތައްތަކެއް ރަނގަޅުކޮށްގެން މޮރާޓާއަށް ގިނަ ގޯލްތަކެއް ޖެހޭނެކަމަށެވެ. ޗެލްސީ ކަހަލަ ބޮޑު ކުލަބަކަށް ކުޅުމަކީ ބޮޑު ޕްރެޝަރެއްކަމަށާއި، މޮރާޓާއަށް އަދި އެ ޕްރެޝަރު ހޭންޑްލްކުރަން ނޭނގޭކަމަށެވެ. ކޮންމެ ކަމަކަށްވެސް ވަގުތު ބޭނުންވާކަމާށައި، ކޯޗިން ސްޓާފުންގެ އިތުބާރު މޮރާޓާއަށް އެބައޮތްކަމަށްވެސް ޒޯލާ ބުންޏެވެ.