ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އައު ޓަރމިނަލްގެ މަސައްކަތަށް ބޭނުންވާ ފައިސާ ދޭނެކަމުގެ ޔަޤީންކަން ސައުދީ ސަރުކާރުން ދީފައިވާކަމަށާއި، އެ ޓަރމިނަލްގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް ގެންދަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ގެސްޓްހައުސް މަހާސިންތާ ނިންމުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ގެސްޓްހައުސްތަކާއި ރިސޯޓްތައް އިތުވެގެން އަންނައިރު ރާއްޖެއަށް އަންނަންބޭނުންވާ އެތައް ފަތުރުވެރިންނަކަށް އާދެވޭގޮތް ނުވެފައިވާކަމަށެވެ. އެކަމަށްޓަކައި މިހާރަށްވުރެ ތަނަވަސް ތަނަކަށް އެއަރޕޯޓް ވާންޖެހޭނެކަން ފާހަގަކުރެއްވިއެވެ. އެގޮތުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަސައްކަތުގެ ތެރެއިން އިތުރު ރަންވޭއެއް ނިމިފައިވީނަމަވެސް ޓަރމިނަލްގެ މަސައްކަތް އަދިވެސް ނުފެށި ހުއްޓިފައިވަނީ ސައުދީން ފައިސާ ދިނުން މަޑުޖައްސާލާފައިވުމުންކަމަށް ރައީސް ވިދާޅުވިއެެވެ. ސަރުކާރުން ފާއިތުވި ދެ ހަފްތާގެ ތެރޭގައި ކުރި މަސައްކަތުން މި މމަޝްރޫޢަށް ބޭނުންވާ ފައިސާ ދޭނެކަމުގެ ޔަޤިންކަން ސައުދީއަރަބިއްޔާއިން އަނެއްކާވެސް ދީފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
"ދާދި އަވަހަށް އިރާދަކުރެއްވިއްޔާ އެއަރޕޯޓްގެ ޓަރމިނަލްގެ މަސައްކަތް ހަލުވިކޮށްފެށި މިހާރު ނިންމަން ހަމަޖެހިފައިއޮތް މުއްދަތަށްވުރެ އަވަހަށް އެކަން ނިމިގެންދާނެކަމުގެ ޔަޤީންކަން އިރާދަކުރެއްވިއްޔާ އަޅުގަނޑަށް އެބައޮތް. އަދި ޓެކްސްގެ ނިޒާމަށް ގެނެވޭ ބަދަލުތަކުގެ ތެރެއިން ޓޫރިޒަމް އިންޑަސްޓްރީއަށް ކުރިއަރުވަން ބޭނުންވާ ފަރާތްތަކަށް އިތުރު ލުއިތަކައި ފަސޭހަތަކެއް މީގެ ސަބަބުން ލިބިގެންދާނެރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ އެއް ބިލިނއަން ޑޮލަރުގެ މަޝްރުޢުގެ ތެރޭގައި ހިމެނޭ ފަސިންޖަރުންގެ ޓަރމިނަލްގެ މަސައްކަތް ނިންމައި 3 އަހަރުދުވަހުގެ ތެރޭގައި އޮޕަރޭޝަނަށް ގެންނާނެކަމަށް އެމްއޭސީއެލުން ކުރިންވެސް ވަނީ ބުނެފައެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި އަލަށް ތަރައްޤީކުރާ ޕަސިންޖަރ ޓާރމިނަލްގައި 40 ގޭޓް ބަހައްޓައި، 36 އިމިގްރޭޝަން ކައުންޓަރ ބެހެއްޓުމަށް ހަމަޖެހިފައިވެއެވެ. އަދި ސީދާ ޕަސެންޖަރ ޓަރމިނަލުން މަތިންދާބޯޓަށް ދެވޭގޮތަށް އެއިރޯ ބްރިޖްވެސް އައު ޓާރމިނަލްގައި ހުންނާނެއެވެ. އާ ޓަރމިނަލް އެޅުމަށް 78 ހާސް އަކަމީޓަރގެ ބޮޑު ބިމެއް ވަނީ ހުސްކޮށްފައެވެ.
އެއަރޕޯޓްގައި މިހާރު ހުރި ޓަރމިނަލަކީ އަހަރަކު 1.5 މިލިއަން ފަސެންޖަރުންނަށް ޚިދުމަތް ދެވޭވަރުގެ ޓާރމިނަލެއް ނަމަވެސް، އަލަށް ތަރައްޤީކުރާ ޓަރމިނަލަކީ އަހަރަކު 7 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދެވޭ ފެންވަރަށް ތަރައްޤީކުރާ ޓަރމިނަލެކެވެ. މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުން ބުނީ އަލަށް ހަދާ ޓަރމިނަލްގައި، މިހާރު މެނުއަލްކޮށް ދެމުން އަންނަ ގިނަ ޚިދުމަތްތައް އޮޓަމެޓިކް ޚިދުމަތްތަކަކަށް ބަދަލުކުރާނެ ކަމަށެވެ. މި މަސައްކަތް ކުރަނީ ސަޢުދީ ޢަރަބިއްޔާގެ ކުންފުންޏެއްކަމަށްވާ ސަޢުދީ ބިންލާދިން ގްރޫޕުންނެވެ.