އިންޑިއާގެ ޗެންނާއީއަށް ދަތުރުކުރާ ދިވެހިންނަށް ދިމާވާ ދަތިތައް ހައްލުކުރުމާބެހޭ ގޮތުން މަޝްވަރާކޮށްފިއެވެ.
މި މަޝްވަރާތައް ކުރައްވާފައިވަނީ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދުގެ އަރިހަށް ޗެންނާއީގައި ހުންނަ ރާއްޖޭގެ އޮނަރަރީ ކޮންސިއުލް ޑރ. ހިސާމުއްދީން ޕާޕާ ކުރެއްވި އިޙްތިރާމްގެ ޒިޔާރަތުގައެވެ.
ފޮރިން މިނިސްޓްރީގައި ކުރިއަށްދިޔަ މި ބައްދަލުވުމުގައި ފޮރިން މިނިސްޓަރ ޝާހިދު ވަނީ އިންޑިއާގެ ޗެންނާއީއަށް ދިވެހިން ދަތުރުކުރުމުގައާއި، އެތަނުގައި ދިރިއުޅުމުގައި ދިމާވާ ތަފާތު ދަތިތަކާއި ގުޅޭގޮތުން ވާހަކަދައްކަވާފައެވެ. އަދި އެކަންކަމަށް އަވަސް ހައްލެއް ހޯދޭނެ ގޮތްތަކާއި ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރައްވާފައިވާކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.
ދިވެހިންނަށް އިންޑިއާގެ ޗެންނާއީއަށް ދަތުރުކުރުމުގައި ދިމާވާ މައްސަލަތައް ހައްލުކުރުމާއި ގުޅޭގޮތުން ފޮރިން މިނިސްޓަރ މަޝްވަރާކުރައްވާފައިވާއިރު، ޗެންނާއީއަކީ ބޭސްފަރުވާއަށާއި، އެހެނިހެން ބޭނުންތަކަށް ދިވެހިންގެ ދަތުރުކުރާ އިންޑިއާގެ އެއް ސިޓީއެވެ.
ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު މިދިޔަ މަހުގެ ފަހުކޮޅު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިންވެސް ވަނީ އެޤައުމުގެ ރައީސް ރާމްނާތު ކޯވިންދާއި، އެޤައުމުގެ އިސް ބައެއް ބޭފުޅުންނާއި ބައްދަލުކުރައްވާފައެވެ. އަދި އެކި ދާއިރާތަކުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުމަށްވެސް މަޝްވަރާކޮށްފައިވެއެވެ. އެގޮތުން އިޤްތިޞާދީ ރޮނގުންނާއި، އިޖުތުމާޢީ ދާއިރާއިން އެހީތެރިވެދިނުމާއި ގުޅޭގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ. އަދި ދިވެހިންނަށް އިންޑިއާގެ ވިސާ ފަސޭހައިން ލިބޭނެ އިންތިޒާމް ހަމަޖެއްސުމާބެހޭ އެއްބަސްވުމެއްގައި ދެ ޤައުމުން ވަރަށް އަވަހަށް ސޮއިކުރައްވާނެކަންވެސް ފޮރިން މިނިސްޓަރ ވަނީ ހާމަކުރައްވާފައެވެ.
އިންޑިއާއާއި ރާއްޖޭގެ ގުޅުން ބަދަހިކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މި މަހުގެ 17 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙު އިންޑިއާއަށް ވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.