މިއަހަރުގެ އޯލެވެލް އިމްތިޙާނު 8000އަށްވުރެ ގިނަ ދަރިވަރުންނާއެކު ފަށައިފިއެވެ.
އޯ ލެވެލް އިމްތިޙާނު ފަށާފައިވަނީ އެޗްއެސްސީ އިމްތިޙާނުގެ ދިވެހި މާއްދާއިންނެވެ. ގްރޭޑް 10 ނިންމާ ދަރިވަރުންގެ އޯލެވެލް އިމްތިޙާނު ކުރިއަށްދާނީ މިއަދުން ފެށިގެން ނޮވެމްބަރު 12ގެ ނިޔަލަށެވެ.
ތަޢުލީމާ މަތީ ތަޢުލީމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ވިދާޅުވީ، މިއަހަރުގެ އޯލެވެލް އައިޖީސީއެސްއީ އިމްތިޙާނުގައި 8111 ދަރިވަރުން ބައިވެރިވެފައިވާކަމަށެވެ. އަދި އެޗްއެސްސީ އިމްތިޙާނުގައި 7776 ދަރިވަރުން ބައިވެރިވާނެކަމަށެވެ.
މިއަހަރުގެ އިމްތިޙާނު މާލެ ސަރަޙައްދުގެ 25 ސެންޓަރެއްގައި 3222 ދަރިވަރުން އަދި އަތޮޅުތަކުގެ 242 ސެންޓަރުގައި 2869 ހެދުމަށް ހަމަޖެހިފައިވެއެވެ.
ސަރުކާރުންވަނީ 2023 ވަނަ އަހަރުގެ ޑިސެންބަރު މަހު އޯލެވެލް އިމްތިޙާނުގައި ބައިވެރިވުމުގެ އުސޫލަށް މުހިންމު ބަދަލުތަކެއް ގެންނަވާފައެވެ. އެއީ އޯލެވެލް ހަދާ ދަރިވަރުން މަޖުބޫރު ހަތަރު މާއްދާގެ އިމްތިޙާނުގައި ފުރިހަމައަށް ބައިވެރިވުމާއެކު އެ މާއްދާތަކަށް ސަރުކާރުން ފައިސާ ދައްކާގޮތަށް ހަމަޖެއްސުމެވެ. މަޖުބޫރު މާއްދާތަކުގެ ގޮތުގައި ކަނޑައަޅާފައިވަނީ އިސްލާމް، ދިވެހި، އިނގިރޭސި އަދި ހިސާބު މާއްދާއެވެ.
ސަރުކާރުންވަނީ އަހަރުގެ މެދުތެރެއިން ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުމަށް ގެނެސްފައިވާ ބަދަލު އިސްލާޙުކޮށް، ކޮންމެ އަހަރެއްގެ ޖެނުއަރީ މަހު ކިޔެވުން ފަށާ އެއަހަރުގެ ޑިސެމްބަރު މަހަށް ބޮޑު ޗުއްޓީ ދިމާވާގޮތަށް މިއަހަރުން ފެށިގެން ދިރާސީ އަހަރުގެ ކަލަންޑަރު ބަދަލުކޮށްފައެވެ.