ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން އަތުލައިގަތް 3.86 މިލިޔަން ރުފިޔާގެ ބޭރު ފައިސާގެ މައްސަލައިގައި 6 ބިދޭސީއެއްގެ މައްޗަށް މަނީލޯންޑަރިންގެ ތުހުމަތުކޮށް 10 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި 6 ބިދޭސީއަކު އަތުލައިގަތީ ގަވާއިދާ ޚިލާފަށް ބޭރު ފައިސާ ގަނެވިއްކުމުގެ މުއާމަލާތްތައް ހިންގާ ފަރާތްތައް ހޯދައި، ޤާނޫނީ ފިޔަވަޅު އެޅުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން، އެކަމަށް ހާއްސަކުރެވިފައިވާ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި މަހުގެ 18 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައެވެ. މި އޮޕަރޭޝަނުގައި ބިދޭސީންގެ އަތުން ގިނަ އަދަދެއްގެ ބޭރު ފައިސާ އަތުލައިގެންފައިވަނީ ސީރިއަލް ޕެކެޓެއްގައި ބަންދުކޮށްގެން ރާއްޖޭން ބޭރަށް ގެންދިއުމަށް މަސައްކަތް ކުރުމުގެ ތެރެއިންނެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ހިފެހެއްޓި ފައިސާގެ ތެރޭގައި 174,161 އެމެރިކާ ޑޮލަރާއި 56,760 ޔޫރޯ އާއި 1،815 ސްޓަރލިންގ ޕައުންޑް ހިމެނޭހެން ޖުމްލަ 18 ޤައުމެއްގެ ފައިސާ ހިމެނޭ ކަމަށް ފުލުހުން ވިދާޅުވިއެވެ. މި ފައިސާގެ ޖުމްލަ އަގު ގާތްގަނޑަކަށް 3,861,415.29 އަށް އަރައެވެ.
މި މައްސަލައިގައި ހައްޔަރުކުރި 6 ބިދޭސީންނަކީވެސް ބަންގްލަދޭޝަށް ނިސްބަތްވާ ބިދޭސީންނެވެ. މީގެ ތެރޭގައި ހިމެނެނީ 35 އަހަރުގެ މުޙައްމަދު މައިނުއްދީން ސަލާހު އާއި 31 އަހަރުގެ ރަޖިބް އާއި 38 އަހަރުގެ މުޙައްމަދު ޢަބްދުﷲ އާއި 37 އަހަރުގެ އަޖްގަރު މިރިދާ އާއި 28 އަހަރުގެ އެމްޑީ މޮހިއްދީން ޗޯދުރީ އާއި 46 އަހަރުގެ އެމްޑީ ޝާހިން މިއާއެވެ. މި އެންމެނަށްވެސް ކުރަނީ މަނީ ލޯންޑަރިންގެ ތުހުމަތެވެ.
މި 6 މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ގެންދިއުމުން އެ ކޯޓުން ވަނީ އެންމެންގެ ބަންދަށް 10 ދުވަހުގެ މުއްދަތަށް ދީފައެވެ.
ކޯޓު އަމުރުގައި ވާގޮތުން ކޮންމެ މީހެއްގެ މައްޗަށްވެސް ތުހުމަތު ކުރެވޭ ކޮންމެވެސް މިންވަރަކަށް ހެކި ފުލުހުން ވަނީ ހުށަހަޅާފައެވެ. އެގޮތުން، ސީން ހިނގައިދިޔަ ގޮތުގެ މައްޗަށާއި ފުލުހުންގެ ބަހުގެ މައްޗަށް އެކުލަވާލާފައިވާ ރިޕޯޓަކާއި އިންޓެލިޖެންސް ރިޕޯޓު ހުށަހަޅާފައިވާ ކަމަށް އެ ކޯޓުން ވިދާޅުވެއެވެ.
މި މައްސަލައިގައި އެންމެންވެސް ވަނީ އެ ފައިސާއަކީ އެ މީހުންގެ އެއްޗެއް ކަމަށް އިންކާރުކޮށްފައެވެ. އެގޮތުން، މައިނުއްދީން އާއި މޮހިއްދީން ކޯޓުގައި ބުނެފައިވަނީ އޭނާ އެއަރޕޯޓަސް ދިޔައީ މީހަކު ފުރުވަން ކަމަށެވެ. އަދި މުޙައްމަދު ޢަބްދުﷲ ބުނެފައިވަނީ އޭނާ އެއަރޕޯޓަށް ދިޔައީ ބަންގްލަދޭޝުން އައި މީހަކު ބަލައި ކަމަށެވެ.
މި މައްސަލައިގައި ހިމެނޭ ރަޖިބް ބުނެފައިވަނީ ފައިސާ ފެނުނު ލަގެޖާ ހަވާލުވީ އަޖްގޮރު މިރިދާ ލާރިދޭނެކަމަށް ބުނެގެން ކަމަށާއި ލަގެޖް ހަވާލުކުރި މީހާއަކީ ދަންނަ މީހެއް ނޫން ކަމަށެވެ. ޝަހީން މިއާ ބުނެފައިވަނީ އޭނާ އެއަރޕޯޓަށް ދިޔައީ މީހަކު އަޖްގަރު މިރިދާއާ ހަވާލުކުރަން ދިން ޕާރުސަލެއް ހަވާލުކުރަން ކަމަށާއި އޭގައި ހުރި އެއްޗެއް ނޭނގޭ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ޕާރުސަލް ނިސްބަތްވާ ކަމަށް ބުނާ އަޖްގަރު މިރިދާ ބުނެފައިވަނީ ބޭރު ފައިސާ ފެނުނީ ފުރަން ގޮސް ހުއްޓައި ބަންގްލަދޭޝްގެ މީހަކު އޭނާގެ މުދާ ގެންދިއުމުގައި އެހީތެރިވާން އެދުމުން ހަވާލުވި ލަގެޖުގެ ތެރެއިން ކަމަށެވެ. އަދި އެ ލަގެޖް ހަވާލުކުރި މީހާ ނުދަންނަ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ދޫކުރާ މަނީ އެކްސްޗޭންޖް ވިޔަފާރި ހިންގުމުގެ ލައިސަންސް ނެތި ޤާނޫނާ ޚިލާފަށް ވިޔަފާރި އުޞޫލުން ބޭރު ފައިސާ މާރުކުރުމުގެ ޢަމަލުތައް ހިންގާ ފަރާތްތަކާބެހޭ މަޢުލޫމާތު، މިފަދަ މައްސަލަތައް ތަޙްޤީގު ކުރުމަށް އެލުލަވާލާފައިވާ ޓާސްކްފޯސްއާ ހިއްސާކުރެވޭނެ ނިޒާމެއް ގާއިމުކޮށް، އެ މައުލޫމާތު ހިއްސާކުރުމަށް އެދިފައެވެ. 9388733 އަށް އެސްއެމްއެސްގެ އިތުރުން ވައިބަރ، ވަޓްސްއެޕް އަދި ޓެލެގްރާމް ފަދަ މެސެޖިން އެޕްލިކޭޝަން މެދުވެރިކޮށް މަޢުލޫމާތު ހިއްސާކުރާ ފަރާތްތަކުގެ ވަނަވަރާއި މަޢުލޫމާތުތައް ފުރިހަމައަށް ރައްކާތެރިކޮށްދޭނެކަމަށާއި މަޢުލޫމާތުތައް ދޭފަރާތްތަކުން މައްސަލައިގެ ތަޙްޤީޤީ އެއްވެސް އިޖުރާއަތެއްގައި ބައިވެރިވާން ނުޖެހޭނެކަމަށް ފުލުހުން ވިދާޅުވެއެވެ.