ޚަބަރު

މަގުތައް ތަރައްޤީކުރުން؛ އާއްމުންނަށް އިޤްތިޞާދީ އަދި އިޖުތިމާއީ އެތައް ފައިދާއެއް


  • ގިނަ މަގުތަކެއް ތަރައްޤީކުރުމުގެ މަސައްކަތްތައް މިހާރުވެސް ކުރިއަށްދޭ

  • އާއްމުންނަށް ރައްކާތެރިކަމާއި ލުއިފަސޭހަކަން ލިބޭ

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްދާ މަގުހެދުމުގެ މަޝްރޫޢުތަކަކީ، ދަތުރުފަތުރުގެ ނިޒާމަށް ބޮޑު އިންގިލާބީ ބަދަލެއް ގެނެސްދިނުމަށް ސަރުކާރުން ކުރާ މުހިންމު މަސައްކަތެކެވެ. މާލެއާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޒަމާނީ ފެންވަރަށް މަގުތައް ތަރައްޤީކޮށް ރައްޔިތުންނަށް ފަސޭހަގޮތަށް ފަހި ކުރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.

މާލެއާއި އަތޮޅުތެރޭގެ ގިނަ ރަށްތަކެއްގައި ޒަމާނީ ފެންވަރަށް މަގުތައް ތަރައްޤީކުރުމުގެ މަސައްކަތްތައް ދަނީ ހުއްޓުމެއްނެތި ކުރިއަށެވެ. މިއީ ހަމައެކަނި ރަށުގެ މަލަމަތި ރީތިކޮށްލުމަށް ކުރެވޭ ކަމެއް ނޫނެވެ. މިއީ ގުޅިފައިވާ އެތައް ގިނަ ފަސޭހަތަކެއް އާންމު ރައްޔިތުންނަށް ދާއިމީގޮތެއްގައި ފޯރުކޮށްދިނުމަށްޓަކައި ހިންގޭ މަޝްރޫޢުތަކެކެވެ.

ރާއްޖޭގައި ކުރިއަށްދާ މަގުހެދުމުގެ އެންމެ ފާހަގަކޮށްލެވޭ ބޮޑެތި މަޝްރޫޢުތަކުގެ ތެރޭގައި މާލޭގެ އަމީނީ މަގު ޒަމާނީ ފެންވަރަށް މަރާމާތުކުރުމުގެ މަޝްރޫޢު ހިމެނެއެވެ. އައްޑޫ ސިޓީގެ މަގުތައް ހެދުމުގެ މަޝްރޫއާއި، ފުވައްމުލަކު ސިޓީގެ ދެވަނަ ފިޔަވަހީގެ މަގުހެދުމުގެ މަސައްކަތްތަކަކީވެސް ފާހަގަކޮށްލެވޭ މުހިންމު މަސައްކަތްތަކެކެވެ.

އަދި ކުޅުދުއްފުށި ސިޓީގެ އިތުރުން ތިނަދޫ ސިޓީއާއި، ގަން، ކުޅުދުއްފުށި ފަދަ އާބާދީ ބޮޑެތި އަދި އަލަށް އާބާދުވާ އެކި ރަށްރަށުގައި ތާރުއަޅައިގެންނާއި ގާ އަތުރައިގެން މަގުތައް ތަރައްޤީކުރުމުގެ މަސައްކަތްތައް ސަރުކާރުން ދަނީ ކުރަމުންނެވެ. މިއީ ރައްޔިތުންގެ އާންމު ދަތުރުފަތާއި، ހިނގާބިނގާބެ އުޅުމަށް ކުރިމަތިވެފައިވާ ތަކުލީފުތަކަށް ނިމުމެއް ގެނެސްދިނުމަށް ކުރެވޭ މުހިންމު މަސައްކަތްތަކެކެވެ.

މަގުތައް ތަރައްޤީ ކުރާއިރު ކުރިން އުފުލަމުން ދިޔަ ތަކުލީފްތަކަށް ނިމުން އަންނާނޭހެން މަގުތަށް ތަރަޤީކުރުމަށް ޚާއްސަ އިސްކަމެއް ދަނީ ދެމުންނެވެ. މާލޭގެ ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމަށް މިފަހުން ހިންގި މަޝްރޫއަކީ ފާހަގަކޮށްލެވޭ މަޝްރޫޢެކެވެ. އެމަގަކީ ބާޒާރާއި، މުދާ އުފުލާ އުޅަނދުފަހަރާއި، ހިނގާބިނގާވެ އަދި އުޅަނދުފަހަރުގައި އުޅޭ އާއްމުންގެ އަދަދު ގިނަވުމާއިއެކު އަބަދުވެސް އިންތިހާއަށް ތޮއްޖެހުން ބޮޑު ސަރަހައްދެކެވެ. ނަމަވެސް އެކަށިގެންވާ ޖާގަ ނެތުމުން މަގު ބޭނުންކުރާ މީހުންނަށް އެތައް ދަތިތަކެއް ކުރިމަތިވިއެވެ.

އެމަގު ޒަމާނީ ފެންވަރަށް މަރާމާތުކޮށް، 4 ލޭނަށް ފުޅާކޮށް، ދުވާރުތަކާއެކު އަލުން ތަރައްޤީކުރުމާއެކު، މުޅި ސަރަހައްދުގެ ދަތުރުފަތުރަށް ވަނީ ބޮޑު ލުޔެއް ލިބިފައެވެ. މަގުގެ ޖާގަ ތަނަވަސްވެ، ދުއްވާ ތަކެއްޗާއި ހިނގާބިނގާވެ އުޅޭ މީހުންނަށް އަމާންކަމާއެކު އުޅެވޭނެ އިންތިޒާމު ހަމަޖެހުނެވެ. ކުރިން ތޮއްޖެހުމުގެ ސަބަބުން ގެއްލިގެންދިޔަ އަގުހުރި ވަގުތުތައް ސަލާމަތްވެ، މުޅި ސަރަހައްދުގެ ވިޔަފާރިތަކަށާއި އާންމު ރައްޔިތުންނަށް ނުހަނު ބޮޑު ފަސޭހަކަމެއް ވަނީ ލިބިފައެވެ.

ރާއްޖޭގެ ރަށްތަކުގައި ކުރިއަށްދާ މަގުހެދުމުގެ މަޝްރޫޢުތަކަށް ބަލާއިރު ފާހަގަކުރެވޭ ކަމަކީ، މިއީ ހަމައެކަނި ތާރު ނުވަތަ ގާ އަތުރައިގެން މަގުތަކުގެ މަލަމަތި ރިތިކުރުމެއް ނޫންކަމެވެ. މިއީ އެންމެ ޒަމާނީ ފެންވަރުގެ ވަސީލަތްތަކާއެކު މުޅި ރަށުގެ އަސާސީ އޮނިގަނޑު ވަރުގަދަކުރުމަށް ހިންގޭ މުހިންމު މަސައްކަތެކެވެ.

މަގުތަކުގައި ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށްޓަކައި ހަރުދަނާ ޑްރެއިނޭޖް ނިޒާމުތައް ގާއިމުކުރެއެވެ. ފެން ހިންދާ ނިޒާމުތައް ތަރައްޤީ ކުރެވެނީ ގިނައިން ވާރޭވެހޭ ދުވަސްތަކުގައިވެސް މަގުތަކުގައި ފެން ބޮޑުނުވާނޭ ގޮތަށް، ޕަންޕުކުރުމަށް ފަސޭހަ އިންތިޒާމުތަކާއި ކާނުތައް އެކުލެވޭ ގޮތަށެވެ.

މީގެ ސަބަބުން މަގުތަކުގައި ފެންބޮޑުވެ، ހިނގާބިނގާވެ އުޅުމަށް ދިމާވާ ދަތިތަކަށް ހައްލުތަކެއް ލިބޭނެއެވެ. މިއާއެކު ރަށުގެ މާހައުލު ސާފުތާހިރުވެ، ޞިއްޙީ ގޮތުންވެސް ރައްކާތެރި މާހައުލަކަށް ޖާގަތަނަވަސް ވެއެވެ.

ކޭބަލްތަކާއި ހޮޅިތައް ވަޅުލުމަށްޓަކައި ޔޫޓިލިޓީ ކޭބަލް ޖަންކްޝަންތައް ބެހެއްޓުމުގެ މަސައްކަތްވެސް މިމަޝްރޫޢުތަކުގެ ތެރެއިން ކުރިއަށްދެއެވެ. މީގެ ސަބަބުން ކަރަންޓާއި، ފެނާއި، ނަރުދަމާ އަދި އިންޓަރނެޓް ފަދަ ޚިދުމަތްތަކަށް މަގުތައް ތަކުރާރުކޮށް ކޮންނަން ޖެހުމާއި، މިކަމާއި ގުޅިގެން ދިމާވާ އުނދަގޫތައްވެސް ނިމުމަކަށް އަންނާނެއެވެ.

އުމުރުން ދުވަސްވީ މީހުންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މަގުތައް ބޭނުންކުރުމުގައި އުޅެންޖެހޭ ތަކުލީފުތަކަށްވެސް މިކަމުގެ ސަބަބުން ބޮޑު ހައްލެއް ލިބިގެންދާނެއެވެ. މަގުބޭނުންކުރާ ފަރާތްތަކުގެ ރައްކާތެރިކަމަށްޓަކައި ނިޝާންތަކާއި، ޓްރެފިކް ބޯޑުތައް ހަރުކޮށް، ފުރޮޅުލީ ގޮނޑީގައިވެސް އުޅެވޭނެގޮތަށް އަލި ލޮލަށް ނުފެންނަ މީހުންނަށްވެސް ރައްކާތެރި ކަމާއި އެކު މަގުމަތީގައި އުޅެވޭ ގޮތަށް ދުވާރުތައް ތަރައްޤީކުރުމުން އެފަރާތްތަކުގެ ރައްކާތެރިކަމާއި އިޖުތިމާއީ ބައިވެރިވުންވެސް އިތުރުވެގެންދެއެވެ.

އާންމު އިޖުތިމާއީ ފަސޭހަތަކުގެ އިތުރުން، ރަނގަޅު ފެންވަރަކަށް މަގުތައް ތަރައްޤީވުމަކީ ރަށުގެ އިޤްތިޞާދީ ހަރަކާތްތަކަށްވެސް އާ ދިރުމެއް ލިބިގެންދާ ކަމެކެވެ. މަގުތައް ރަނގަޅުވުމުން ވިޔަފާރިތަކަށް މުދަލާއި ހިދުމަތް ފޯރުކޮށްދިނުމުގައި ބޮޑެތި ލުއިތަކެއް ލިބިގެންދާނެއެވެ.

ރަށްރަށުގެ ފަތުރުވެރިކަމާއި، ލޯކަލް ގެސްޓްހައުސް ވިޔަފާރިތަކަށްވެސް މީގެ ސަބަބުން އެދެވޭ ބޮޑު ކުރިއެރުމެއް ލިބޭނެއެވެ. ރަށަށް އަންނަ ފަތުރުވެރިންނަށް ރަށުގެ މާހައުލު ސާފުތާހިރު އަދި ހިތްފަސޭހަ ތަނެއްގެ ގޮތުގައި ފެނިގެންދާނެއެވެ.

މަގުތައް ތަރައްޤީވެގެން ދިއުމަކީ ހަމައެކަނި ރަށްރަށުގެ އުމްރާނީ ސިފަ ބަދަލުވެގެންދާ ކަމެއް ނޫނެވެ. ސަރުކާރުން އިސްނަގައިގެން ކުރިއަށްދާ މި މަޝްރޫޢުތަކަކީ ހަމައެކަނި ތާރާއި ކޮންކްރީޓް އަޅައިގެން މަގުތައް އޮމާންކުރުމަށްވުރެ މާ ފުން، އިޖުތިމާއީ އަދި އިޤްތިޞާދީ މުހިންމުކަމެއް ދެވިގެން ހިންގޭ މަސައްކަތްތަކެކެވެ. މިއީ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށް، އަމާން، ރައްކާތެރި އަދި ފާގަތި މުސްތަޤްބަލެއް ބިނާކުރުމަށްޓަކައި އެޅިގެންދާ ވަރަށް މުހިންމު އަދި އަގުހުރި ބިންގަލެކެވެ.