ފޮރިން މިނިސްޓްރީގެ މުވައްޒަފަކަށް ޖިންސީ ފުރައްސާރަކުރި މައްސަލަ، ފުލުހުން މިހާރު ތަޙްޤީޤުކުރަމުންދާކަމަށް އެ މިނިސްޓްރީން ބުނެފިއެވެ.
ޖިންސީ ފުރައްސާރަ ކުރުމާއި ގޯނާ ކުރުން ހުއްޓުވުމަށް ފޮރިން މިނިސްޓްރީގައި އެކުލަވާލާފައިވާ ކޮމިޓީން ނެރެފައިވާ މީޑިއާ ސްޓޭޓްމަންޓުގައި ބުނެފައިވަނީ އެ މިނިސްޓްރީގެ މުވައްޒަފަކު 8 ނޮވެމްބަރ 2018 ގައި ހުށަހެޅި ޝަކުވާ، އެ ކޮމެޓީއިން ބަލައިގަނެ ކޮމިޓީއިން ފުރިހަމަކުރަންޖެހޭ އިޖްރާޢަތްތައް ފުރިހަމަކޮށްފައި ވަނިކޮށް، އެ މައްސަލައަކީ ފުލުހުން މިހާރު ތަޙުޤީގު ކުރަމުންގެންދާ މައްސަލައެއްކަމަށް އެ މިނިސްޓްރީއަށް އަންގާފައިވާކަމަށެވެ. އަދި އެ މައްސަލައާބެހޭ ހުރިހާ ލިޔެކިއުންތައް ފޮނުވައިދިނުމަށް ފުލުހުން އެދިފައިވާތީ، އެ މައްސަލައިގެ ލިޔެކިއުންތައްވެސް ފުލުހުންނާއި މިހާރު ހަވާލުކޮށްފައިވާކަމަށެވެ.
ފޮރިން މިނިސްޓްރީން ބުނީ، ވަޒީފާގެ މާހައުލުގައި ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ ޢަމަލުތައް ހިންގުމަކީ އެއްވެސް މިންވަރަކަށް އެ މިނިސްޓްރީން ބަލައިގަންނާނެ ކަމެއްނޫންކަމަށެވެ. އަދި ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމާބެހޭގޮތުން މުވައްޒަފުން ހޭލުންތެރިކުރުވުމުގެ ގޮތުން ކަމާބެހޭ އިދާރާތަކުގެ އެހީތެރިކަމާއެކު އެ މިނިސްޓްރީގައި އިތުރު ޕްރޮގްރާމްތަކެއް ހިންގުމަށް ރާވާފައިވާކަމަށްވެސް ފޮރިން މިނިސްޓްރީން މަޢުލޫމާތުދެއެވެ.
އެގޮތުން މިނިސްޓްރީއަށް އަލަށް ވަންނަ މުވައްޒަފުންނަށް ހިންގާ "އޮރިއެންޓޭޝަން ޕްރޮގްރާމް" އާއި، ފޮރިން ސަރވިސް އިންސްޓިޓިއުޓް އޮފް މޯލްޑިވްސް، ފޮސިމްއިން ހިންގާ ތަމްރީން ޕްރޮގްރާމްތަކުގައި މިކަމަށް ޚާއްސަ މޮޑިއުލްތައް ހިމަނާގޮތަށް ހަމަޖެހިފަވާކަމަށް އެ މިނިސްޓްރީން ބުނެއެވެ.