ޚަބަރު

ކުޅުދުއްފުށީގައި ކުރިއަށްދާ ދިވެހި ބޭހުގެ ކޭމްޕަށް ބޮޑު ތަރުހީބެއް


ސެންޓަރ ފޯރ ޓްރެޑިޝަނަލް މެޑިސިންގެ (ސީޓީއެމް) ގެ ފަރާތުން ކުޅުދުއްފުށީގައި ބާއްވާ ދެވަނަ ދިވެހި ބޭހުގެ މެޑިކަލް ކޭމްޕަށް ބޮޑު ތަރުހީބެއް ލިބެމުންދާކަމަށް އެ ސެންޓަރުން ބުނެފިއެވެ.

ސީޓީއެމުން ކުޅުދުއްފުށީގައި ކުރިއަށްގެންދާ ދިވެހި ބޭހުގެ މެޑިކަލް ކޭމްޕްގެ ތެރެއިން ދުވާލެއްގެ މައްޗަށް މަދުވެގެން 15 މީހުންނަށް ފަރުވާދެމުންދާކަމަށް އެސެންޓަރުން މައުލޫމާތުދެއެވެ. މި ކޭމްޕާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ސީޓީއެމްގެ ޑައިރެކްޓަރ މަރިޔަމް ރައުފާ މުޙައްމަދު ވިދާޅުވީ ކުޅުދުއްފުށީގައި މިފަދަ ދެވަނަ ކޭމްޕެއް ބޭއްވުމުގެ މަޤްޞަދަކީ ކުރިން އެރަށުގައި ބޭއްވި ކޭމްޕްގައި ފަރުވާ ހޯދާފައިތިބި ބަލިމީހުންނަށް އިތުރު ފަރުވާ ދިނުމާއި، މާލެ ގޮސް ދިވެހި ބޭހުގެ ފަރުފާ ހޯދަން އުނދަގޫ މީހުންނަށް ފަސޭހައިން މި ފަރުވާ ލިބޭނެ މަގު ފަހިކޮށްދިނުން ކަމަށެވެ.

"
"އެންމެ ބޮޑު މަޤްޞަދަކީ މާލެގޮސް ފަރުވާ ހޯދަން އުނދަގޫ ފަރާތްތަކަށް ފަސޭހައިން ފަރުވާ ލިބޭނެ ގޮތެއް ހޯދަ ދިނުން. އޭގެ އިތުރުން ރިވިއު ޕޭޝަންޓްސް އަށްވެސް ކޮންމެ ފަހަރަކު މާލެ ދާން އުނދަގޫވާނެތީ އެބޭފުޅުންނަށް ފަސޭހަ މަގެއް ހޯދަދިނުން"
ސީ ޓީ އެމް ގެ ޑައިރެކްޓަރ މަރިއަމް ރައުފާ މުހައްމަދު

މި މަހުގެ 4 ވަނަ ދުވަހުން ފެށިގެން ކުޅުދުއްފުށީގައި ކުރިއަށްގެންދާ މި މެޑިކަލް ކޭމްޕްގައި ބަލި މީހުން ބެލުމުގައި އިސްކޮށް ހުންނަނީ ދިވެހި ބޭސްވެރިޔާ މުޙައްމަދު އަޙްމަދެވެ.

މި މެޑިކަލް ކޭމްޕްގައި ދިވެހި ބޭސްވެރިކަމުން ޢާންމުގޮތެއްގައި ފަރުވާ ލިބޭ ހުރިހާ ބަލިތަކަށްވެސް ފަރުވާ ދެމުންދާކަމަށް ސެންޓަރ ފޯރ ޓްރެޑިޝަނަލް މެޑިސިންއިން މައުލޫމާތުދެއެވެ.