ޚަބަރު

ވަގު ޓިކެޓްތައް ދޫކުރި މައްސަލާގައި މީހަކު ހައްޔަރުކޮށްފި


އަސްކޮއި ޙައްޖު ޢުމްރާ ޤުރޫޕުގެ ޙަވާލުގައި ޢުމްރާއަށް ފުރަން ހަމަޖަހެފައިވާ މީހުންނަށް ދޫކުރި ވަގު ޓިކެޓްތަކުގެ މައްސަލާގައި މީހަކު ހައްޔަރުކޮށް ފުލުހުން އެ މައްސަލަ ތަހުޤީގުކުރަން ފަށައިފިއެވެ.

ފުލުހުން ބުނީ ވަގު ޓިކެޓްތަކެއް ދޫކުރި ކަމަށް ތުހުމަތުކުރެވޭ މީހާ ހައްޔަރުކޮށްފައިވަނީ ސ ގަން މަގުން ރާއްޖެއިން ބޭރަށް އެއަރޕޯޓްގައި ހުއްޓާކަމަށެވެ. އަދި އެމީހާ ހައްޔަރުކުރީ ކޯޓް އަމުރެއްގެ ދަށުންކަމަށްވެސް ފުލުހުން ބުނެއެވެ. އަދި އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގއި ތަހުޤީގުރަމުންދާކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އަސްކޮއި ޙައްޖު ޢުމްރާ ޤުރޫޕުގެ ޙަވާލުގައި ޢުމްރާއަށް ދިއުމަށް ފައިސާ ދެއްކި މީހުންނަށް 168 ސައްޙަ ނޫން ޓިކެޓް ދޫކޮށްފައިވާ ކަމަށެވެ. އަދި މިހާ ތަނަށް ބެލި ބެލުމުން އަސްކޮއި ޖަމާއަތުން ޢުމްރާއަށް ފުރުމަށް ހަމަޖެހިފައިވާ ފަރާތްތަކަށް ޓިކެޓް ގަތުމަށް އެ ޖަމާއަތުން ސަމްހާ ގުރޫޕް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކަށް ފައިސާ ހަވާލްކޮށްފައިވާކަން އެނގޭކަމަށެވެ. އަދި އެފައިސާ ސަމްހާ ގުރޫޕުން ޑީޓީ ޓްރެވަލްސް ޕްރައިވެޓް ލިމިޓެޑަށް ދެއްކުމުން އެކުންފުނީގައި މަސައްކަތްކުރާ ފަރާތަކުން ސައްހަ ނޫން ޓިކެޓުތަކެއް ދޫކޮށްފައިވާކަން އެނގިފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.

އަސްކޮއި ޙައްޖު ޢުމްރާ ޤުރޫޕުގެ ޙަވާލުގައި ޢުމްރާއަށް ފުރަން ހަމަޖަހެފައިވާ މީހުންނަށް ދޫކުރި ވަގު ޓިކެޓްތަކުގެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާކަމަށް އިސްލާމިކް މިނިސްޓްރީންވެސް ވަނީ ހާމަކޮށްފައެވެ. އަދި އެކަމުގައި އިޙްމާލުވާ ފަރާތްތަކާއި މެދު ފިޔަވަޅު އަޅާނެ ކަމަށްވެސް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

އަސްކޮއި ޖަމާއަތުން އުމްރާއަށް ފުރަން ދިޔަ ބަޔަކަށް ވަގު ޓިކެޓުތަކެއް ވިއްކާފައިވާކަން އެނގުނީ އެ ގްރޫޕުގެ 50 މީހަކު އުމްރާ އަށް ފުރަން އެއާޕޯޓަށް ދިޔަ ފަހުންނެވެ. ވަގު ޓިކެޓުތައް ހަދާފައި ހުރީ ސްރީ ލަންކަން އެއާލައިންސްގެ ނަމުގައެވެ. ޓިކެޓްތަކުގައި ފުރަންޖެހޭ މީހުންގެ ނަންތައް ރަގަޅަށް ޓިކެޓްގައި އޮތް ނަމަވެސް ފްލައިޓް ނަންބަރު އޮތީ ނުބައިކޮށެވެ.

މިކަމާއި ގުޅިގެން ރާއްޖޭގައި ސްރީލަކްނަ އެއަރލައިންސް ގެ ޓިކެޓް ވިއްކަމުން އަންނަ އޭސް އޭވިއޭޝަނުން ބުނީ އެ ޓިކެޓްތައް ވިއްކާފައިވަނީ ސްރީލަންކަން އެއަރލައިންގެ ޖީ.އެސް.އޭ އާއި ގުޅުމެއްވާ ބައެއް ނޫންކަމަށެވެ. އަދި އެ ކުންފުނީގެ ނަމުގައި ސައްޙަ ނޫން ޓިކެޓްތައް ދޫކޮށްފައިވާ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އަޅާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.