ޚަބަރު

ޓްރެވަލް ޓްރޭޑް މޯލްޑިވްސްއަށް 30 ޤައުމެއްގެ އެޖެންޓުން ގެނައުމަށް މަސައްކަތްކުރަނީ


ޓްރެވަލް ޓްރޭޑް މޯލްޑިވްސް، ޓީޓީއެމްގެ ތިންވަނަ އިވެންޓަށް ދުނިޔޭގެ ތިރީސް ޤައުމަކުން އެޖެންޓުން ގެންނަން ނިންމައިފިއެވެ.

ރާއްޖޭގެ ފުރަތަމަ ޓްރެވަލް ޓްރޭޑް ފެއަރ، ޓީޓީއެމްގެ ތިންވަނަ އިވެންޓު ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަންނަ އަހަރުގެ އޭޕްރިލް މަހުގެ 20އިން 22އަށެވެ. މިއިވެންޓުގައި ރިސޯޓު ހޮޓާ ހިމެނޭހެން 150އަށްވުރެ ގިނަ އެގްޒިބިޓަރުންނާއި 200އަށްވުރެ ގިނަ ޓްރެވަލް އެޖެންޓުން ބައިވެރިވާނެކަމަށް މިހަރަކާތް އިންތިޒާމްކުރާ މޯލްޑިވްސް ގެޓަވޭޒްއިން މައުލޫމަތުދެއެވެ.

ޓީޓީއެމްގެ އެންމެފަހުގެ ތައްޔާރީތަކާ ބެހޭގޮތުން އިނގިރޭސިވިލާތުގައި ކުރިޔަށްދާ ޑަބްލިއުޓީއެމް 2018ގެ ތެރެއިން ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން މޯލްޑިވްސް ގެޓަވޭޒްގެ ޗީފް އޮޕަރޭޓިން އޮފިސަރ، ސީއީއޯ، ޑރ ސަނީ އުމަރު ވިދާޅުވީ ޓީޓީއެމް 2019އަށް ރާއްޖޭއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ 30 ޤައުމުގެ އެޖެންޓުން ގެނައުމަށް މަސައްކަތް ކުރަމުންދާކަމަށެވެ.

ސަނީ ވިދާޅުވީ މީގެތެރޭގައި ރާއްޖެއަށް ދެވަނައަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔަރަތްކުރާ އިނގިރޭސިވިލާތުގެ އެޖެންޓުންވެސް ހިމެނޭނެކަމަށެވެ. އެހެންކަމުން ވޯލްޑް ތްރެވަލް މާރކެޓް، ޑަބްލިއުޓީއެމް އާއި އެހެން ބޮޑެތި ފެއަރ އެގްޒިބިޝަންތަކުގެ ތެރެއިން ޓީޓީއެމް ޕްރޮމޯޓްކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް ސަނީ ފާހަގަކުރިއެވެ.

"ޓީޓީއެމްގައި ވަރަށް ބޮޑަށް ބަލާނެ ޔޫކޭ މާރކެޓަށް. އެއީ ޓީޓީއެމްއަށް ގިނަ އެޖެންޓުން ގެންނަންޖެހެނީ މިރީޖަން ތެރެއިން. އެއީ ޔޫކޭ، ސްކޮޓްލޭންޑު، ވޭލްސް، މިހާރު މިއުޅެނީ ޓީޓީއެމްގެ ތިންވަނަ އަހަރަށް ކުރިމަތިލާން. އެހެންވެ ތިންވަނަ އަހަރުގެ އެންމެ ބޮޑު ފޯކަސްއަކީ ރާއްޖޭގެ ޓޮޕް ތާރޓީ މާރކެޓުގެ ހުރިހާ ބޮޑެތި އެޖެންޓުން ގެނެއުން"

ސަނީ ވިދާޅުވިއެވެ.

ޓީޓީއެމްއަކީ ރާއްޖޭގެ އަމިއްލަ ޕަބްލިކް ރިލޭޝަންސް ކުންފުންޏެއްކަމަށްވާ މޯލްޑިވްސް ގެޓަވޭޒްއިން ޑެސްޓިނޭޝަން މާރކެޓިންގެ ޙަރަކާތްތައް ފުޅަކުރުމުގެ މަޤްސަދުގައި ފެށި ފެއަރއެކެވެ. މިއީ އެއްފުރާޅެއްގެ ދަށުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ބޭރުގެ އެޖެންޓުންނާއި އަމިއްލަ ޤައުމުގައިތިބެ ބައްދަލްކޮށްލަން ފުރުސަތު ފަހިކޮށްދިނުމަށް ރާވަމުންދާ ހަރަކާތެއްކަމަށް އިންތިޒާމްކުރާ ފަރާތުން ބުންޏެވެ.