ޚަބަރު

ވޭތުވެދިޔަ 4 އަހަރުގެ ތެރޭގައި 90 ކިލޯ މީޓަރުގެ މަގު ހެދިއްޖެ- މިނިސްޓަރ މުޢިއްޒު


ވޭތުވެދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި މި ސަރުކާރުން ރާއްޖޭގެ އެކި ރަށްރަށުގައި 90 ކިލޯ މީޓަރުގެ މަގު ހައްދަވައިދެއްވާފައިވާ ކަމަށް ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ، ތ.ވިލުފުށީގެ މަގު ހެދުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކުރުމަށް އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ރައީސް ޔާމީންގެ ސަރުކާރުން ވޭތުވެދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ އެކި ރަށްރަށުގައި 90 ކިލޯ މީޓަރުގެ މަގު ހައްދަވައިދެއްވާފައިވާ ކަމަށާއި އެއީ 1300 މިލިއަން ރުފިޔާގެ މަޝްރޫޢު ކަމަށެވެ. އަދި މި ސަރުކާރުން މިހާތަނަށް މަގު ހެދުމުގެ 14 މަޝްރޫޢެއް 900 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ނިންމަވާފައިވާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވަނީ އެމްޑީޕީގެ ސަރުކާރުގައި ހިންގާފައިވަނީ މަގު ހެދުމުގެ 2 މަޝްރޫޢު ކަން ފާހަގަކުރައްވާ، ރައީސް ޔާމީން ރާއްޖޭގެ އެކި ރަށްރަށުގެ މަގުތައް ތަރައްޤީކުރެއްވުމަށް ކުރައްވާ މަސައްކަތުގެ ދަށުން މިހާރުވެސް 10 މަޝްރޫޢެއް ކުރިއަށް ގެންދަވާފައިވާކަން މިނިސްޓަރ ވަނީ ފާހަގަ ކުރައްވާފައެވެ.

"މިހާރުވެސް މަގު ހެދުމުގެ 10 މަޝްރޫޢުގެ އެބަ ކުރިއަށް ގެންދޭ. އެއީ 30 ކިލޯ މީޓަރުގެ މަގު. 90 ކިލޯ މީޓަރުގެ މަގު ހެދުން ނިންމާފައި، އެއީ 1300 ބިލިއަން ރުފިޔާގެ މަޝްރޫޢު. ތަރައްޤީގެ ގޮތުން ރައީސް ޔާމީނާ އިދިކޮޅު ފަރާތްތަކަށް ވާދައެއް ނުކުރެވޭނެ'' މިނިސްޓަރ ވިދާޅުވިއެވެ.

ވިލުފުށީގައި 15 މަގެއް ތާރު އަޅައިގެން ރަނގަޅު ފެންވަރަކަށް ހަދާފައިވާއިރު، އެއީ 5.06 ކިލޯ މީޓަރު ދިގުމިނުގައި ހުންނަ މަގުކަން މިނިސްޓަރ މުއިއްޒު ވަނީ ފާހަގަ ކުރައްވާފައެވެ. މޯލްޑިވްސް ރޯޑް ޑިވަލޮޕްމަންޓް ކޯޕަރޭޝަނާ ޙަވާލުކޮށްގެން ވިލުފުށީގައި ކުރިއަށް ގެންދިޔަ މަގު ހެދުމުގެ މަޝްރޫޢަށް 65 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވެއެވެ.